ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި "ނިއު ނޯމަލް"ގެ އުސޫލުތައް ޢާއްމުކުރާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ކޮވިޑް-19ގެ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، ނިއުނޯމަލްގެ އަސާސީ ޑޮކިއުމަންޓް މިހާރު އެކުލަވާލައި ނިމިފައިވާކަމަށެވެ. އަދި މިއުޞޫލް ތައްޔާރު ކޮށްފައިވަނީ ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކަށް ފަހު ކަމަށާއި މާދަމާ މި އުޞޫލާމެދު ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް ކުރިއަށް އޮތް ދެތިން ދުވަހު އެފިޔަވަޅުތައް އާއްމު ކުރައްވާނެކެ ކަމަށެވެ.
ނިއު ނޯމަލްގައި ސިއްހީ ކަންކަން ހަމަޖެހިފައި ހުންނާނެ ގޮތުގެ ތަފްސީލް ދެއްވަމުން އަމީން ވިދާޅުވީ، އައު އުޞޫލްގައި މުޅި ސިއްހީ ނިޒާމުން ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ގޮތްތައް ފާހަގަކޮށްފައި ހުންނާނެ ކަމަށެވެ.
މިގޮތުން އައު ޢާއްމު ޙާލަތުގައި ޢަމަލުކުރާ އުޞޫލްގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާނެގޮތްތަކާއި ފުލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތްތައް ބަޔާންކޮށްފައިވާ ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތަކުން ބޮޑަށް އިސްކަން ދޭނީ ކޮވިޑް-19 ފިޔަވައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކަށާއި ކުއްލި ޙާލަތުގައި ޚިދުމަތްދޭންޖެހޭ ކަންތައްތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި މުޅި ރާއްޖެވަނީ ލޮކްޑައުން ކޮށްފައެވެ. ނަމަވެސް މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލްވާ މިންވަރަށްބަލާ ލޮކްޑައުންގެ އުސޫލުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ރައީސް ގައުމާ މުހާތަބު ކުރައްވާ އެންމެފަހުން ދެއްވި ހިތާބުގައިވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް އައިއިރު ޕޮޒިޓިވް ވެފައިވަނީ 1313 މީހުންނެވެ. އަދި މިބަލިން 128 މީހުންވަނީ ރަނގަޅުވެފައެވެ.



