އަޖައިބެކެވެ! (2)

(ފުރަތަމަ އަދަދާއި ގުޅޭ)

"މިއީ ޤުދުރަތީ މަރުތަކެއް ނޫން! ކޮންމެވެސް ކަމެއް އެބަ އުޅޭ!" ޒާހިދުގެ ތަޖުރިބާގެ އަލީގައި ބުންޏެވެ.

ޓީމްގެ ޢަޒުމަކީ މިކަމުގައި ނުފުރޮޅާ އެންމެ ގަލެއްވެސް ނުބޭއްވުމެވެ. އެންމެ ފަހުން ހަށިގަނޑުގެ ގުނަވަންތަކުގެ ބައިތައްވެސް ޓެސްޓްކުރުމަށްޓަކައި ލެބޯޓްރީއަށް ގެންދެވުނެވެ. އެކަންކަމަށް ވަގުތު ނަގާނެކަން ޢާއިލާ އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން އެންމެންވެސް ކެއްތެރިކަމާއެކު މަޑުކޮށްގެން ތިބީ ސަބަބު އެނގޭނެކަމުގެ އުންމީދުގައެވެ.

ޙަޤީގަތާއި ހަމައަށް ވާސިލުވުމަށްޓަކައި އެންމެންވެސް ދިޔައީ އަވަދިނެތި މަސައްކަތްކުރަމުންނެވެ. ދާނިޝްވެސް ރައްޓެއްސެއްގެ ލަފާގެ މަތިން ގެއަށް ނުވަތަ ޢާއިލާއަށް ސިހުރުގެ ކަމެއް ޖެހިފައިވޭތޯވެސް ބެލިއެވެ. ނަމަވެސް ރުޤްޔާކޮށްގެން އެކަހަލަ އެއްވެސް ކަމެއް އުޅޭކަމަކަށް ނުދެއްކިއެވެ. އެހެންކަމުން ފުލުހުންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކެއްތެރިކަމާއެކު ދުވަސްތައް ގުނަމުން ދިޔައެވެ. ދާނިޝްގެ އެއްބަނޑު އެއްބަފައިގައި ހުންނަނީ ޒީނާ އެކަންޏެވެ. ދާނިޝް މާލެއިން ކުއްޔަށް ހިފާފައި ހުންނަ ގޭގައި އޭނާއާއެކު އުޅެނީ މަންމައާއި ބައްޕަގެ އިތުރުން ޔާނާއެވެ.  ޒީނާ ދިރިއުޅެމުން ދަނީ އޭނާގެ ފިރިމީހާ ޝާމިންގެ ގޭގައެވެ. ޝާމިންއަކީ މާލޭ މީހެކެވެ.

ޓެސްޓްތަކުގެ ނަތީޖާ ލިބެމުން ދިޔަވަރަކަށް ޒާހިދުގެ ނުތަނަވަސްކަންވެސް ދިޔައީ އިތުރުވަމުންނެވެ. ޕޯސްޓް މޯޓަމްއިންވެސް ފާހަގަވާވަރުގެ ކަމެއް އެމީހުންނަކަށް ނުފެނުނެވެ. މަސައްކަތްކުރަމުން ދިޔައީ ކަމަށް ޤާބިލު ޓީމެއް ނަމަވެސް އެމީހުންނަށް އަލިމަގެއް ފެންނަ ގޮތެއް ނުވެއެވެ. ލިބިފައިވާ ވަސީލަތްތަކާއި ޢިލްމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭތޯ އެންމެންވެސް ދިޔައީ މަސައްކަތްކުރަމުންނެވެ. އެކަމުގައި ގިނަ ވަގުތުތަކެއް ދިޔައީ ހޭދަވަމުންނެވެ. ނަމަވެސް ޒާހިދު އުންމީދު ކަނޑައެއް ނުލައެވެ. އަދިވެސް ނުބެލޭ ކޮންމެވެސް ދިމާއެއް ވާކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. މަހެއް ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ނަތީޖާއެއް ނުފެނުނެވެ. އެއްވެސް ކަމެއް ދޭހަވާގޮތެއް ނުވިއެވެ.

އެންމެފަހުން އިތުރު މީހެއްގެ އެހީތެރިކަން ހޯދުމަށް ޒާހިދު ނިންމިއެވެ. އެއީ ޒާހިދުގެ ޕްރޮފެސަރެއް ކަމުގައިވާ ޑޮކްޓަރ ރާހުލް ޕަޓޭލްއެވެ. އޭނާއަކީ ފޮރެންސިކް ޕެތޮލޮޖިސްޓެކެވެ. އެއީވެސް މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ބަޔެކެވެ. ޕެތޮލޮޖީއަކީ ބަލިބައްޔާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި އުނގެނުމާއި ބެހޭ ޢިލްމަށްކިޔާ ނަމެކެވެ. ލެބޯޓްރީގައި ކުރެވޭ ތަޙުލީލުތަކުގައި ހަށިގަނޑުގެ ޓިޝޫ ބޭނުންކޮށްގެން ބަލި ޖެހޭ ސަބަބާއި، ބަލީގެ ސަބަބުން ދިމާވާ މައްސަލަތައް، ކައިރިން ދެނެގަތުމަކީ އެމީހުންގެ މައިގަނޑު މަސައްކަތެވެ. ފޮރެންސިކް ޕެތޮލޮޖިސްޓުންނަކީ ހާއްސަގޮތެއްގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުން ސާމްޕަލްނަގައިގެން، މަރުވި ސަބަބު ދެނެގަންނަން މަސައްކަތްކުރާ ބަޔެކެވެ. ޑޮކްޓަރ ރާހުލްއަކީ އެ ދާއިރާއިން ފަންސަވީސް އަހަރުގެ ތަޖުރިބާ ލިބިފައިވާ، އެކަމަށް މަޝްހޫރު އިންޑިޔާ ރައްޔިތެކެވެ.

ކަމާއިބެހޭ މަތީ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ޑޮކްޓަރ ރާހުލް ރާއްޖެއަށް ގެނެވުނެވެ. އަދި އެބޭފުޅާގެ އެހީގައި ޒާހިދާއި އޭނާގެ ޓީމްގެ މަސައްކަތް މެކުހަށްޖެހިއެވެ. ކުރިން ބެލިފައި ނެތް އިތުރު ދިމަދިމާއަށްވެސް ބަލަން ފެށުނެވެ. އަނެއްކާވެސް ކޮންމެ ސާމްޕަލެއް ވަކިން ބަލާ، އިތުރަށް ތަޙުލީލުކުރެވެމުން ދިޔައެވެ. ހަށިގަނޑުގެ ގުނަވަންތަކުގެ ޓިޝޫތައްވެސް ވަކިވަކިން ބެލިއެވެ. އެކަމުގައި އެކި ޢިލްމީ މާހިރުން ލިޔެފައިވާ ފޮތްތައްވެސް މުރާޖާކުރެވުނެވެ. އެމީހުންނަށް އަލިމަގެއް ފެނުމުގެ ކޮޅުމަތި ފެނުނީ ޑޮކްޓަރ ރާހުލް މަސައްކަތް ފެށިތާ ހަފްތާއެއްވީ ފަހުންނެވެ.

މަރުވި ތިން މީހުންގެ ފުރަމޭގެ ޓިޝޫގައި ހުރި ކުޑަކުޑަ ތަފާތު ފާހަގަ ކުރުމަކީ އެކަމުގެ ޢިލްމާއި ތަޖުރިބާ ލިބިފައި ނެތް މީހަކަށް ފާހަގަވާނެ ކަމެއް ނޫނެވެ. އެ ތަފާތު އަންނަން ދިމާވާ ސަބަބު ބެލުމަށްފަހު، މަރުވެފައިވާ މީހުންގެ ހަށިގަނޑުގައި ވަކި ހާއްސަ ކެމިކަލްއެއް ހުރިތޯ ޓެސްޓްކުރުމަށް ޑޮކްޓަރ ރާހުލް އެދުނެވެ. ނަތީޖާ އައީ ޝައްކުވި ގޮތަށެވެ. ޔަޤީންވުމާއެކު ޑޮކްޓަރ ރާހުލް އެންމެންނާ އެކަން ހިއްސާކުރިއެވެ.

"މިހެން ދިމާވަނީ ޑައިމެތައިލްނައިޓްރޯޒެމިން ނުވަތަ ކުރުކޮށް ބުނާނަމަ ޑީ.އެމް.އެން ނަމަކަށް ކިޔާ ކެމިކަލްއެއް ހަށިގަނޑުގެ ތެރެއަށް ދިޔުމުން. އެއީ ހަމައެކަނި ކެންސަރު ރިސާޗް ސެންޓަރުތަކުގައި ބޭނުންކުރެވޭ ކެމިކަލްއެއް. އެމީހުން ކެންސަރަށް ފަރުވާ ހޯދުމަށްޓަކައި ބޭސް ފަދަ އެއްޗެހި ޓެސްޓް ކުރުމުގެ ކުރިން، ލެބޯޓްރީގައި ޓެސްޓްކުރުމަށް ގެންގުޅޭ ޖަނަވާރުތަކަށް ކެންސަރު ބަލި ޖެއްސުމަށްޓަކައި އެންމެ ފުރަތަމަ އޭގެ ހަށިގަނޑު ތެރެއަށް ޑީ.އެމް.އެން ދޫކޮށްލާ. ފަރުވާ ހޯދުމަށް ޓެސްޓްކުރާ ބޭސް ބޭނުންކުރާނީ އޭގެ ފަހުގައި. އެ ކެމިކަލްއަކީ އާދައިގެ ތަންނަނުން ލިބޭނެ އެއްޗެއް ނޫން. އެ ލިބޭނީ ހަމައެކަނި އެތަކެތި ގެންގުޅޭ ރިސާޗް ސެންޓަރަކުން. އެއީ ވަރަށް ނުރައްކާތެރި ކެމިކަލްއެއް. ޕޯސްޓް މޯޓަމްއިންވެސް އެއްވެސް ކަމެއް ނުދައްކާނެ. އެ ކެމިކަލް ހަށިގަނޑުގެ ތެރެއަށް ގޮސްފިނަމަ މަރުވުމަކީ ވަރަށް ކައިރީގައިވާ ކަމެއް." ޑޮކްޓަރ ރާހުލް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

"އަދި ވަރަށް މުހިންމު ކަމެއް އެބައޮތް. މި ކެމިކަލް ހަށިގަނޑުގެ ތެރެއަށް ކުޑަ މިންވަރަކަށް ދިޔަ ނަމަވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކެންސަރު ޖެހުމަކީ ވަރަށް ގާތް ކަމެއް. ހަމައެހެންމެ ފުރަމޭގެ މައްސަލަތައްވެސް ޖެހޭނެ." ޑޮކްޓަރ އިތުރަށް އޮޅުންފިލުވައިދިނެވެ.

"ދެން އެހެންވީމަ ބަލަންޖެހޭނީ ތި ކެމިކަލް އެމީހުންގެ ހަށިގަނޑަށް ދިޔަ ގޮތެއް. އެކަމަކު މަރުވި ތިން މީހުންގެ ތެރެއިން ޔޫނުސްއަކީ  ޝާމިންއާއި އޭނާގެ ދަރިފުޅާއި އެއްގޭގައި އުޅޭ ކުއްޖެއް ނޫން." ޑޮކްޓަރ ރާހުލްގެ ވާހަކަޔަށް ފުންކޮށް ވިސްނަމުން ޒާހިދު ބުންޏެވެ.

ރާއްޖެވެސް މިވަނީ ވަރށް ބޮޑަށް ތަރައްޤީވެފައެވެ. ކެންސަރު ރިސާރޗް ސެންޓަރެއް މިހާރު ރާއްޖޭގައިވެސް ހުރެއެވެ. ޑޮކްޓަރ ރާހުލްގެ ވާހަކަތައް އިތުރަށް ޔަޤީންކުރުމަށްޓަކައި ޒާހިދު އެ ސެންޓަރުގައި މަސައްކަތްކުރާ އިސް މީހަކާވެސް އެވާހަކަ ހިއްސާކުރިއެވެ. އެމީހާވެސް ޑޮކްޓަރ ރާހުލްގެ ވާހަކަތައް ތެދުކުރިއެވެ.

ލިބުނު މަޢުލޫމާތުގެ އަލީގައި ނަތީޖާއަކާއި ހަމައަށް ވާސިލުވުމުގެ އުންމީދު އާވިއެވެ. އެހެންކަމުން އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ދާނިޝްގެ ޢާއިލާ އުޅޭ ގެއަށް ޒާހިދުއާއި އޭނާގެ ޓީމް ދިޔައެވެ. އަދި ކެމިކަލްއާއި ބެހޭ މަޢުލޫމާތާއި، އޭގެ އަސަރު، މަރުވި ތިން މީހުންގެ ހަށިގަނޑުގައިވެސް ހުރިކަން ޒާހިދު ކިޔައިދިނެވެ. އެވަގުތު އެތަނުގައި ތިބީ ދާނިޝް، ޔާނާ އަދި ދާނިޝްގެ ބައްޕައެވެ.

"އެކަމަކު ކިހިނެއްބާ ތިހެން ވާންވީ؟" ލިބުނު މަޢުލޫމާތުން ދާނިޝްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދެން ފެށިއެވެ.

"ޔޫނުސް މަރުވި ދުވަހުގެ ކުރިން، ކައިރި މުސްތަޤުބަލެއްގައި އެންމެން އެއްވެސް ތަނަކަށް އެއްވެ، ކައިބޮއި ހެދިންތޯ؟" ޒާހިދު ސުވާލުކުރިއެވެ.

"ލައްބަ! ޔޫނުސް ނިޔާވި ދުވަހުގެ ހަވީރު މިގޭގައި ކުޑަ ސަޔެއް ބޭއްވިން. އެކަމަކު އެ ސަޔަށް ބޭރު ބަޔަކަށް އައީ ހަމައެކަނި ޒީނާ އާއި ޝާމިން އަދި އެމީހުންގެ ދެކުދިން. އެއީ އަޅުގަނޑުމެން ވަރަށް ޢާންމުކޮށް ކުރާ ކަމެއް." ކުއްލިއަކަށް ހަނދާންވެގެން ޔާނާ ބުންޏެވެ.

"އެހެންވިއްޔާ ބޮޑަށް ލަފާކުރެވެނީ ޕާޓީގައި ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރި އެއްޗަކަށް ކެމިކަލް އެއްކުރެވިފައިވާ ކަމަށް." ވިސްނުންތެރިކަމާއެކު ޒާހިދު ބުންޏެވެ.

"ކާން ހުންނާނީ ހެދިކާ. އެއީ އަޅުގަނޑު ގޭގައި ތައްޔާރުކުރި އެއްޗެހި. އޭގެން އަޅުގަނޑުމެން އެންމެންވެސް ކެއިން. ބޯން ހުންނާނީ ކަޅު ސަޔާއި ލުނބޯހުތު ފަނި."  ޔާނާ އޮޅުންފިލުވައިދިނެވެ. "ލުނބޯހުތު ފަންޏަކީ ޔޫނުސްއަށް ވަރަށް މީރު އެއްޗެއް. އޭތި ތައްޔާރުކުރީ ޚުދު އަޅުގަނޑުގެ ދެއަތުން. އޭގެ އެއްދުވަސްކުރިން ތައްޔާރުކޮށްފައި ފިނިކުރަން ބެހެއްޓީ އައިސްއަލަމާރީގައި. ސައި ހެދީ އެދުވަހު ހަވީރު އެންމެން ގެއަށް އައި ފަހުން ދާނިޝްގެ ދައްތަ ޒީނާ." ޔާނާ އިތުރަށް އޮޅުން ފިލުވައިދިނެވެ.

"ކަޅު ސަޔާއި ފަނި ބޭނުންކުރި ފަރާތްތައް ވަކިވަކިން ކިޔައިދޭން އެނގޭނެތޯ؟" ޒާހިދު އަނެއްކާ އިތުރު ސުވާލެއްކޮށްލިއެވެ. މަޑުމަޑުން ކަންކަން ދިޔައީ ހާމަވަމުންނެވެ.

"އަޅުގަނޑު ޔޫނުސްއަށް އެއް ތަށި ދިނިން. ޔޫނުސް ބޯތަން ފެނިގެން ކުޑަ މަންޖެވެސް ފަނި ބޯން ރުއީމަ ޒީނާވެސް އެއް ތަށި ދިންތަން އަޅުގަނޑު ދުށިން. ދެން ޝާމިން ވެސް އޭގެން ދެތަށި ބުއި. އަޅުގަނޑާއި ޒީނާ އަދި އެމީހުންގެ ބޮޑު މަންޖެ ބުއީ ކަޅުސައި. އެކަމަކު........ ދާނިޝްއާ، މަންމައާއި ބައްޕަވެސް ކޮންމެ މީހަކު އެއްތަށި ބުއި. އެހެންވިއްޔާ ވަކި ބަޔަކަށް އަސަރުކުރަންވީ ކީއްވެތޯ؟" މަޢުލޫމާތު ސާފުވަމުންދިޔަވަރަކަށް އިތުރު ސުވާލުތައްވެސް އުފެދެން ފެށިއެވެ.

"އެކަމަކު އަޅުގަނޑަށް ފާހަގަވީ އެއްކަމެއް އެބައޮތް. އެއީ ފަނި ބުއި އެންމެންނަށްވެސް ހޮޑުލެވުނު. ޔޫނުސްވެސް ފަނި ބުއި ވަގުތު ހޮޑުލި. އެކަން އަޅުގަނޑުމެން ޑޮކްޓަރުންނާ ހިއްސާ ނުކުރީ އޭނާގެ ގޭސް މައްސަލަ ހުންނާތީ އާންމުކޮށް ދޭތެރެ ދޭތެރެއިން އެގޮތަށް ހޮޑުލާތީ. ޝީނާވެސް ނިޔާވުމުގެ ކުޑަ އިރުކޮޅެއް ކުރިން ހޮޑުލީކަމަށްވޭ. ދެން އަޅުގަނޑުމެންނަށް ހޮޑުލެވުނީ ސަހަރާއިން އައިފަހުން. އަޅުގަނޑުމެން ހީކުރީ އެއީ އެދުވަހު އެހާ ބޮޑު ކަމެއް ދިމާވުމުން ރަނގަޅަށް ނުކައި އުޅުމުން ދިމާވިކަމެއްކަމަށް. އޭގެ ފަހުން އެއްވެސް މީހަކަށް އިތުރު އުނދަގުލެއް ނުވޭ." ދާނިޝް އޮޅުންފިލުވައިދިނެވެ.

"ޢާއިލާ އާއި ދުޝްމިނުކަމެއް އޮތް އެއްވެސް ފަރާތެއްވޭތޯ؟ މި ބުނީ އެފަދަ ގެއްލުމެއް ދީފާނެފަދަ އެއްވެސް މީހެއް ހުންނާނެތޯ؟" ޒާހިދު ސުވާލު އަމާޒުކުރީ ދާނިޝް އަދި އޭނާގެ ބައްޕައަށެވެ.

"ނޫން. ނުހުންނާނެ. ރަށުގައިވެސް އަޅުގަނޑުމެން އުޅުނީ ވަރަށް ހަމަޖެހޭ ދިރިއުޅުމެއް. ބައްޕައަކީ ރަށު މިސްކިތުގެ މުދިމު. އެހެންކަމުން ރަށުގެ ރައްޔިތުން ބައްޕައަށާއި އަޅުގަނޑުމެންގެ ޢާއިލާއަށް ވަރަށް ޤަދަރުކުރާނެ. އަޅުގަނޑުމެން މާލެ ބަދަލުވީ މަންމައާއި ބައްޕަ އުމުރުން ދުވަސްވެ ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް ފަދަ ބަލި ބައްޔަށް ބޭސްކުރަންޖެހުމުގެ ސަބަބުން އަވަސް އަވަހަށް ޓެސްޓްކޮށް ހަދަން ޖެހޭތީ. އެއީ މީގެ ތިން އަހަރު ކުރިން." ދާނިޝް ކިޔައިދިނެވެ.

ލިބުނު މަޢުލޫމާތުގެ އަލީގައި އިތުރަށް ހޯދަންޖެހޭ ކިތަންމެ ކަމެއް އަދި އެބަހުރިކަން ޒާހިދަށް ވިސްނުނެވެ. އެހެންކަމުން އެދުވަހު ހަވީރު ސައިގައި ބައިވެރިވި އެންމެންގެ ފަތިފުށް ހޯދާ، ކޯލު ލޮގުތައް ޗެކްކުރުމުގެ މަސައްކަތް ކުރުމަށް ޒާހިދު ޓީމްގެ މެންބަރުންނަށް އެންގިއެވެ. ކޭސް މިވަނީ އަނެއްކާ އެހެން ދިމާއަކަށް މޫ ލާފައެވެ.

ކާއެއްޗެއްސާއި ބޯ އެއްޗެހި ތައްޔާރުކުރުމުގައި އުޅުނީ ޔާނާއާއި ޒީނާއެވެ. ނިޔާވީ އެދެމީހުންވެސް ދެލޯފަދައިން ލޯބިވާ ދެދަރިންނެވެ. އަދި އޭގެ އިތުރުން ޒީނާގެ ފިރިމީހާއެވެ. އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ވިހައެއް ދީގެން މަރާލާފާނެ ހެއްޔެވެ؟ އަދި ހަމައެހެންމެ އެ ދެ އަންހެނުންނަކީވެސް ވަޒީފާއެއް އަދާނުކޮށް ގޭގައި ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތްތައް ބެލުމަށްޓަކައި ތިބޭ ދެ މީހުންނެވެ. ދެ މީހުންވެސް ރަށުން ގްރޭޑް ދިހަޔަކާއި ހަމައަށް ކިޔެވުމަށްފަހު މަތީ ތަޢުލީމުވެސް ހޯދާފައެއް ނުވެއެވެ. އެބުނާ ކެމިކަލްއެއްގެ އަޑު އެމީހުން އެ އެހީވެސް އަދި އަލަށެވެ. ކެންސަރު ރިސާރޗް ސެންޓަރުގައި އެމީހުން ދަންނަ އެއްވެސް މީހަކުވެސް އުޅޭކަން އެނގިފައެއް ނުވެއެވެ. ދާނިޝްއާއި ޔާނާ، އަދި ޒީނާ އާއި ޝާމިންއަކީވެސް ލޯބިން، ރީތި ދިރިއުޅުމެއް އުޅެމުންދިޔަ ބަޔެކެވެ. އެއްވެސް މައްސަލައެއްވެސް ނުޖެހެއެވެ. ދެފަރާތުގެ ޢާއިލާތަކަކީވެސް އަޚުލާޤު ރަނގަޅު، މީހުން ޤަދަރުކުރާ އަދި ގުޅިގެން އުޅޭ ބަޔެކެވެ. ޒީނާއާއި ޔާނާގެ ދެމެދުގައިވެސް އެއްވެސް މައްސަލައެއް ނުޖެހެއެވެ. އެހެންވިއްޔާ އެވަރުގެ ކަމެއް ކުރީ ކާކު ބާއެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް

2 Responses

  1. Ikaan

    Bodah shakku kureveny zeenaa aa zeenage momge reyvumeh kamah. Shaminge mudhaa hoadhan!?

  2. Naseem/Silver Beam

    Kureegebayaa mibaives gulhi laamehemun dhiya goiy v v fahkaa. Kaahithun ondhaa baiythashi husvee. Dhen oiy baige inthizaarugai ebahurin in’geythoa Saabas Samaa.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ