ކ. ތުލުސްދޫގައި ޢިމާރާތްކޮށްފައިވާ މަސްޖިދުއް ތަޤްވާ ރަސްމީކޮށް ހުޅުވައިފިއެވެ.
ކ. ތުލުސްދޫގައި ޢިމާރާތްކޮށްފައިވާ "މަސްޖިދުއް ތަޤްވާ" ރަސްމީގޮތުން ހުޅުވާފައިވަނީ އެކަމަށްޓަކާ އިއްޔެގެ އަސުރު ނަމާދަށް ފަހު އެމިސްކިތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އިސްލާމިކް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.
300 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮ އެދޭ ފަރާތްތަކުން ތުލުސްދޫގައި ޢިމާރާތްކޮށްދެއްވި މިސްކިތެކެވެ. މި މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރަށްޤީކޮށްފައިވާ ވަރަށް ރީތި މިސްކިތެކެވެ.

ތުލުސްދޫގައި އިމާރާތްކުރި މިސްކިތް ހުޅުވިއިރު، މި މަހުގެ ތެރޭގައި އިތުރު މިސްކިތްތަކެއްވެސް ހުޅުވާފައިވެއެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތަކުން އަލުން އިމާރާތްކުރި މުހައްމަދު ޖަމީލް މިސްކިތާއި، އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި އިމާރާތްކުރި މަސްޖިދުއް ފިރުދައުސްވެސް ހިމެނެއެވެ.

ދެހާހެއްހާ މީހުން ދިރިއުޅޭ ކ.ތުލުސްދޫއަކީ ގެސްޓްހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ރަށެކެވެ.