އައްޒަ އާއި އައިންތުގެ "ފަރުދީ ޒިންމާ" ވީޑިއޯއަށް ބޮޑު ތަރުޙީބެއް!

މުސްކުޅި ވަރުގެ ދެ އަންހެނެއް އެއްތަނަކުން ދިމާވެއްޖެއާ ނުދައްކާކަށް ވާހަކައެއް ނޯންނާނޭ ބުނާ އަޑު ވަރަށް ގިނައިން އަހަމެވެ. އަދި އެ އުމުރުފުރައިގެ މީހުންނަކީ، އެހެން މީހުންގެ ކަންތައްތައް އޮޅުންފިލުވާ ވާހަކަތައް ހޯދަން ބޭނުންވާމީހުންނެވެ. ގޭދޮށު ކައިރީ އެހެންގެއެއްގައި ކަމެއް ހިނގައިފިނަމަ ރަހްމަތްތެރިންނާއެކު ބައިހަދައިފައި ވީގޮތް އޮޅުން ފިލުވަން ނުކުމެއެވެ. ކޮވިޑް-19 ގެ މި ލޮކްޑައުންގެ ދުވަސްކޮޅުގައިވެސް ބައެއް މީހުންގެ އަމަލުތައް ހުރީ ހަމަ މިގޮތަށެވެ.

މި ކަމަށް އަލި އަޅުވާލާ ދިވެހި ފިލްމީ އިންޑްސްޓްރީގެ ޕްރޮޑަކްޝަން ހައުސް ޔާރާ ޕްރޮޑަކްޝަން އިން މިވަނީ "ފަރުދީ ޒިންމާ"ގެ ނަމުގައި ކުރު ފިލްމެއް ނެރެ ބެލުންތެރިންނަށް މުހިއްމު މެސެޖެއް ދީފައެވެ. ޔާރާ އާއިލާގެ މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަ އާއި އޭނަގެ މަންމަ، އެކްޓްރެސް އައިމިނަތު ރަޝީދާ (އައިންތު) ފެނިގެންދާ މި ކުރު ފިލްމްގައި އައްޒަ އޭނަގެ މަންމަ އަށް ކިޔައިދިނީ، ބޭރަށް ނުގޮސް ގޭގައި މަޑުކޮށް ފަރުދީ ޒިންމާ އަދާކުރުމުގެ މުހިއްމުކަމެވެ.

ކުރު ފިލްމް ފެށިގެން އަންނަނީ، އައިންތު ދިރިއުޅޭ ގެ ކައިރީގެ އެހެން ގެއަކަށް އެމްބިއުލެންސް އައިސް ހުއްޓުމާއެކު، އޭނަގެ ރަހްމަތްތެރިންނަށް ގުޅާ، ވީ ގޮތް އޮޅުން ފިލުވުމަށް ގެއިން ބޭރަށް ނުކުނަން ތައްޔާރުވާ މަންޒަރުންނެވެ. އެގޮތުން އިސްޓާކީނާއި، ބޫޓާއި، ޑަސްބިން ކޮތަޅު ގަޔަށް ލައްވާ، "ފުލް ކިޓް" ގައި ގެއިން ބޭރަށް ނުކުންނަށް ރެޑީވެއެވެ. ނަމަވެސް މާމަ ދަރިފުޅު އީތަންއަށް މި މަންޒަރު ފެނި، އައްޒަ ކައިރީ ބުނުމާއެކު، އައިންތު ބޭރަށް ދިޔަ ނުދީ ހުއްޓުވަނީ އައްޒައެވެ.

މި ހިސާބުން، އެގޮތަށް ކަންތައްކުރުމުން، އާއިލާއަށާއި އަމިއްލަ ރައްޓެހިންނަށް ކުރިމަތިވާނެ ނުރައްކާ އައިންތުއަށް ވިސްނައިދެއެވެ. ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ ވާނެ ގެއްލުން ކިޔައިދެއެވެ.

މި ކުރު ފިލްމަކީ، އައިންތުގެ ކޮންސެޕްޓްއަކަށް ހަދާފައިވާ ފިލްމެކެވެ. ހަމިނެއްޓުގެ މި ވީޑިއޯގެ މަންޒަރުތައް ނަގާފައިވަނީ، ފޯނު ބޭނުންކޮށްގެން އައްޒަގެ ފިރިމީހާ އަދި ފިލްމީ ތަރި އަބްދުﷲ މުއާޒްއެވެ. އަދި ވީޑިއޯ ޑައިރެކްޓް ކޮށް އެޑިޓިންގެ މަސައްކަތްތައް ވެސް ކޮށްފައިވަނީ ވެސް މުއާ އެވެ.

FARUDHEE ZINMAA ADHAAKURAHVAA. #StayHome #StaySafe #Covid19Concept by: Aminath Rasheeda (MAMMA)Directed and Edited by: Muaa AbdullaA production of YAARAA PRODUCTIONS

Posted by Mariyam Azza on Monday, May 25, 2020

މި ވީޑިއޯ ފޭސްބުކްގައި ރިލީޒްކުރުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ވަނީ މި ވީޑިއޯ ބަލާފައެވެ. އެގޮތުން ވީޑިއޯ ރިލީޒްކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ފަނަރަ ހާހަށްވުރެ ގިނަ ވިއުސް ވީޑިއޯއަށް ލިބިފައިވާކަން ފާހަގަކޮށް އައްޒަ ވަނީ އާއްމުންނަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން 24 ގަޑިއިރުވެސް ނުވަނީސް، މިހާތަނަށް މި ވީޑިއޯ އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

މިލިޔުން ކިޔާލުމުން
531
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ