އަންނަ ޖޫންމަހުގެ ނިޔަލަށް ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތްތައް ނިންމާ ސަރުކާރާ ހަވާލުކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ޓާމިނަލް އާއި ފަޔަރ އިމާރާތް ނިންމަން ހަވާލުކުރި، ވޭވްލެންތު ކުންފުނިން ވިދާޅުވެއްޖެއެވެ.
ވޭވްލެންތް ކުންފުނިން މީޑިއާއަށް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި، ޓާމިނަލްގެ ސާޅީސް އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޓާމިނަލް ނިމޭއިރަށް ފަޔާ އިމާރާތުގެ މަސައްކަތް ފެށިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ވޭތުވެދިޔަ ސަރުކާރުން ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލް މަސައްކަތް، ކޮރޮލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް މަސައްކަތް ކުރިއަށް ނުގެންދާތީ މިއަހަރުގެ މާޗްމަހު ވަނީ ސަރުކާރުން އެކުންފުންޏާއެކުވެފައިވާ އެއްބަސްވުން ބާތިލް ކޮށްފައެވެ.
ކޮރޮލިން މޯލްޑިވްސްގެ އެއްބަސްވުން ބާޠިލްކުރުމަށްފަހު މިއަހަރުގެ އޭޕްރީލްމަހު ޓާމިނަލްގެ ނުނިމި ހުރި މަސައްކަތް ތައް ނިންމުމަށް ވޭވް ލެންތު ކުންފުންޏާ ހަވާލުކޮށްފައިވަނީ 70 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަކީ ހދ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ގެނުވާނެ އެއާޕޯޓެކެވެ. އެހެނީ އަތޮޅުގެ ހުރިހާ ރައްޔިތުން އެކި ބޭނުންތަކަށް ކޮންމެ ދުވަހަކުހެން ކުޅުދުއްފުއްޓަށް ދަތުރުކުރާއިރު، ޚަރަރު ކުޑަވެ ދަތުރު ކުރުވާނެއެވެ.