އެންޓޮއިން ގްރިޒްމަންއަކީ އެތުލެޓިކޯ މެޑްރިޑްގެ ކައްޕި ކަމަށާއި އޭނާ އެތުލެޓިކޯ ދޫކޮށްލާއުޅޭ ވާހަކަތައް މީޑިއާގައި ފެތުރެމުންދާއިރު އެކަމާ އެއްވެސް ވަރަކަށް ހާސްނުވާކަމަށް އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ބުނެފިއެވެ.
ގްރިޒްމަންގެ ކޮންޓްރެކްޓްގައި ބާކީ ދެއަހަރު އެބައޮތެވެ. އެތުލެޓިކޯއަށް ގްރިޒްމަންއަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން އޭނާ އެނގޭނެކަމަށް ސިމިއޯނީ ޤަބޫލުކުރެއެވެ.
" ގްރިޒްމަން އަކީ އަހަރެމެންގެ ކައްޕި، އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އަދި ދާންއުޅޭ ވާހަކަތަކާއެކު ހާހެއްނުވޭ " ފޮކްސް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ސިމިއޯނީ ބުންޏެވެ.
އެތުލެޓިކޯ މެޑްރިޑްގެ އަސްލު ކެޕްޓަން ޑިއޭގޯ ގޮޑިން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެތުލެޓިކޯ ދޫކޮށްލާނެކަމަށްވަނީ އިޢުލާން ކޮށްފައެވެ. ގޮޑިން ނެތުމުން އެތުލެޓިކޯގެ ކެޕްޓަން ބޭންޑް ދެން އަޅަން ހުރި ފަރާތަކީ ގްރިޒްމަންއެވެ.

މެޗުގައި ޑިފެންސް ލައިނަށް ބޮޑު ސަމާލުކަމެއްދޭ ސިމިއޯނީއަށް މިހާރުމިވަނީ ޑިފެންޑަރުންގެ މައްސަލަތަކާއި ކުރިމަތިވެފައެވެ. ފުލްބެކް ލޫކަސް ހެނަންޑޭޒް އަންނަ ސީޒަންގައި އެތުލެޓިކޯ ދޫކޮށް ބަޔާންއަށް ދާނެއެވެ. ޖުއާންފްރެން އާއި ފިލިޕެ ލުއިސްގެ ކޮންޓްރެކްޓް ސީޒަން ނިމުމާއެކު ހަމަވާނެއެވެ. މިދެކުޅުންތެރިން ކޮންޓްރެކްޓް އާކުރަން ސިމިއޯނީއަށް ޖެހިފައިވާއިރު ހެނަންޑޭޒްގެ ބަދަލުގައި ފުލްބެކެއް ކޮންމެހެންވެސް މިވަނީ ހޯދަންޖެހިފައެވެ.
އަޔެކްސް ގެ ވާތް ފަރާތު ފަހަތަށް ކުޅެމުން އަންނަ އާޖެންޓީނާގެ ނިކޮލަސްއަށް ލޯއަޅަމުން ސިމިއޯނީ އައިނަމަވެސް ނިކޮލަސް އަޔެކްސްއާއެކު އިތުރު އެއްއަރަށް ކޮންޓްރެކްޓް އާކޮށްފައިވާކަމަށް ސިމިއޯނީ ބުންޏެވެ.
ގްރިޒްމަން ހުރީ އެތުލެޓިކޯ ދޫކޮށްލާ ބޭނުންވެފައިކަމަށް ކުރިން ވަނީ ރިޕޯޓްކުރެވިފައެވެ. އަނެއް ކޮޅުން ޓީމު ވަރުގަދަ ކުރަމުން އަންނަ ބާސެލޯނާގެ ޓްރާސްފާ ޓާގެޓް ލިސްޓްގެ އެއްވަނައިގައި ހުރީ ގްރިޒްމަންކަމަށް ގިނަ ރިޕޯޓްތައް ބުނެއެވެ. ހުރިހާ ސަޕޯޓަރުންވެސް ހުރީ ރަސްމީކޮށް ގްރިޒްމަން އަޅާނެ ފިޔަވަޅެއްގެ އިންތިޒާރުގައެވެ.