ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން އިއްޔެވެސް 5 މީހުން ހައްޔަރުކޮށް 155 މީހުން ޖޫރިމަނާކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 318 މީހުން ހައްޔަރުކޮށްފައި ވާކަމަށެވެ.
ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހައްޔަރު ކުރަމުން ދިޔަ ނަމަވެސް، އަމުރާ ޚިލާފުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. ނަަމަވެސް މިއީ މި ބަލިން ސަލާމަތްވުމަށް އެތައް ބަޔަކު ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 4 މިލިއަނުން މައްޗަށް އަރާފައިވާއިރު ރާއްޖޭއިން މި ބައްޔަށް މިހާތަނަށް ވަނީ 1،457 މީހުން ޕޮސިޓިވްވެފައެވެ.
ދުނިޔޭގެ އެކި ހިސާބުން މިބަލީގައި އެތައްބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާއިރު ރާއްޖެއިން ކޮވިޑް-19 ޖެހިގެން 5 މީހަކުވަނީ ނިޔާވެފައެވެ.
މިހާތަނަށް އައިއިރު އެއްވެސް ކާމިޔާބު ވެކްސިންއެއް ހޯދިފައިނުވާއިރު ދުނިޔޭގެ އެއްވެސް ހިސާބެއްގައި މިބަލީގެ ބިރުވެރިކަން ކުޑަވެފައެއް ނުވެއެވެ. އެހެންކަމުން މިކަމުން ރައްކާތެރިވުމަށްޓަކައި ސިއްޙީމާހިރުންނާއި ކަމާބެހޭ އިސްވެރިން ދެއްވާ އިރުޝާދުތަކަށް ބޯލަނބަން ޖެހެއެވެ.