ރާއްޖޭގެ މަޝްހޫރު ޝަހުސިއްޔަތު ތަކުގެ ތެރެއިން އެމީހެއްގެ ދިފާޢުގައި ދިވެހިން ނުކުންނާނެ އުޅޭނީ ވަރަށް މަދު ޝަހްސިއްޔަތެކެވެ. އޭގެ ތެރެއިން އެކަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ލަވަކިޔުމާއި ދުރުގައި ހުރި ނަމަވެސް އަދިވެސް ދިވެހިންގެ އެންމެ ފޭވަރިޓް އައިޑަލް އަލީ ރަމީޒް (އައްޔަ) އެވެ. އެންމެ ކުރިންސުރެ ދިވެހިން ބުނަމުން ދިޔައީ އަލީ ރަމީޒު ވައްޓާލެވޭނެ ފެންވަރުގެ ލަވަކިޔުންތެރިޔެއް ދުވަހަކުވެސް އުފަންނުވާނޭ ކަމަށެވެ. މިއަދާ ހަމައަށްވެސް ގިނަ ދިވެހިންގެ ނިއްމުމަކީ މިއީއެވެ. އެތައް ފަހަރެއްގެ މަތިން އެކަން ސާބިތުކޮށްދީ، އައްޔަގެ ދިފާޢުގައި ދިވެހިން ނުކުމެ އަނެއްކާވެސް އެކަން މިވަނީ ސާބިތުކޮށްދީފައެވެ.
މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންއިން، އާއްމުންގެ ތެރެއަށް ތަޢާރަފްވި ލަވަކިޔުންތެރިޔާ، ހަސަން އިރުފާން(ޒަކިއްޓެ)، އަލީ ރަމީޒްގެ ލަވަތަކުގެ ތެރެއިން 80 އިންސައްތަ ލަވަތަކަކީ، އެހެން އާޓިސްޓުންގެ ލަވަތަކުން ކޮޕީ ކޮށްގެން އުފައްދާފައިވާ ލަވަތެކެކޭ ބުނުމާއެކު، ގިނަ ދިވެހިންގެ ލޭ ދިޔައީ ކެކިގެންނެވެ. ދިވެހިންނަށް މިއީ އަހަން މާކަ ފަސޭހަ ވާހަކައަކަށްނުވިއެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާގައި ހުރިހާ ދިވެހިން ހެން ނުކުމެ އަލީ ރަމީޒު ދިފާޢުކޮށް ޒަކިއްޓެ "ހޫނުފެނަށް" ވައްޓާލީއެވެ.
މިކަމެއް ފެށުނީ، ޒަކިއްޓެ އިއްޔެ އޭނަގެ ސޯޝަލް މީޑިއާގައި ޖެހި ސްޓޭޓަސް އަކާއި ހިސާބުންނެވެ. އިނގިރޭސި ބަހުން ޒަކިއްޓެ ލިޔެފައިވާ ސްޓޭޓަސްގައި އޭނަ ބުނީ، އަލީ ރަމީޒުގެ ލަވަތަކަކީ، 80 އިންސައްތަ އެހެން އާޓިސްޓުންގެ މަސައްކަތްތަކުން ކޮޕީކޮށްގެން އުފައްދާފައިވާ ލަވަތައް ކަމަށެވެ.

އެހެންނަމަވެސް އަލީ ރަމީޒުގެ ދިފާޢުގައި އެތައް ބަޔަކު ނުކުމެ މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވާއިރު، ގިނަ ބަޔަކު ބުނަމުން ދިޔައީ އަލީ ރަމީޒް ލަވަކީ ފެންވަރަށް ދުވަހަކުވެސް އެހެން މީހަކަށް ނާދެވޭނެ ކަމަށެވެ. އަލީ ރަމީޒުގެ ބައެއް ލަވަތަކަކީ، ކޮޕީ ރާގުތައް ކަމުގައި ވިޔަސް، އަލީ ރަމީޒު އެ ލަވަތައް ކިޔާފައިވަނީ، އޭނަގެ އަމިއްލަ ސްޓައިލަށް ކަމަށެވެ. އަދި އެ ސްޓައިލަށް، އެފެންވަރަށް އެހެން މީހަކަށް ލަވަ ނުކިޔޭނެކަމަށެވެ.
ޒަކިއްޓެ އަށް ފާޑުކިޔާ ގިނަ މީހުން ކުރި ކޮމެންޓްތަކަށް ރައްދުދީފައިވާއިރު، ޒަކިއްޓެ ބުނީ، އައްޔަ އަކީ މޮޅު ލަވަކިޔުންތެރިއެއް ކަމަށް ޤަބޫލުކުރާކަމަށާއި، އަދި އޭނަ ފާޅުކުރީ އޭނަގެ އަމިއްލަ ހިޔާލެއް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން މީހަކު ކުރި ކޮމެންޓަކަށް ރައްދުދެމުން ޒަކިއްޓެ ކޮށްފައިވާ ކޮމެންޓެއްގައި، ޒަކިއްޓެގެ މިޔުޒިކް ކެރިއާއާއި އައްޔަގެ މިޔުޒިކް ކެރިއާ އަޅާކިޔުމުން، އަނެއްކާވެސް މައްސަލަގަނޑު އިތުރަށް ހޫނުވިއެވެ.
ޒަކިއްޓެ ބުނީ، އަލީ ރަމީޒް އަކީ ހަމަ އެކަނި ލަވަ ކީ ފަރާތެއްކަމަށެވެ. ނަމަވެސް އޭނާ އަކީ، ލަވަ ކިޔުމުގެ އިތުރުން އަމިއްލަ މިޔުޒިކް ހަދާ އެޔަށް ލަވަކިޔާ މީހެއް ކަމަށެވެ. އަދި އައްޔަ އާއި އަޅާކިޔާއިރު، އޭނަގެ 3 އަހަރުވީ މިޔުޒިކް ކެރިއާގައި މި ހިސާބަށް އައިސްފައިވަނީ، އެއްވެސް މީޑިއާއެއް އަދި މިޔުޒިކް ޕްރޮޑިއުސަރެއްގެ އެހީ އާއި ނުލާއި، އަމިއްލައަށް ޙަރަދުކޮށްގެން ކަމަށެވެ. މީގެ އިތުރުން، ޒަކިއްޓެ ވަނީ، މޯލްޑިވިއަން އައިޑަލް އިން ވިދާލި ތަރި ޝަލަބީގެ ލަވަކިޔުންވެސް އަލީ ރަމީޒްގެ ލަވަކިޔުމަށްވުރެ މާ މޮޅުކަމަށް ބުނެފައެވެ. މި ކޮމެންޓްތަކާއެކު، އައްޔަގެ ދިފާޢުގައި ނުކުތް ދިވެހިން އަނެއްކާވެސް ޒަކިއްޓެއަށް އިތުރަށް "ބަވަން" ފެށީއެވެ.

ގިނަ ދިވެހިން ރުޅިވެރިކަމާއި ނަފްރަތު ޒަކިއްޓެއަށް އަމާޒުވިއިރު، ފަހުން ޒަކިއްޓެ ވަނީ މި ޕޯސްޓް ޑިލިޓްވެސްކޮށްލާފައެވެ. އެވަރުންވެސް ޒަކިއްޓެއާއި ދެކޮޅަށް އެއްޗެހި ގޮވާ މުޅި ސޯޝަލް މީޑިއާގައި އެ ވާހަކަ ވައިގައި ހިފާލުމާއެކު ޒަކިއްޓެ ވަނީ އޭނަގެ ފޭސްބުކް އެކައުންޓްވެސް މިހާރު ޑީއެކްޓިވޭޓް ކޮށްލައިފައެވެ. އެއާއެކުވެސް، ޓްވީޓާ އަދި ފޭސްބުކްގައިވެސް ދިވެހިން ޒަކިއްޓެ އޭ ކިޔައިގެން ނުކިޔާކަށް އެއްޗެއްނެތެވެ. ދިވެހިން ރުޅިގަދަވެ، ޒަކިއްޓެ ލަދުގަންނާވީލީއެވެ. މުޅި ސޯޝަލް މީޑިއާގައި އަދިވެސް ހުއްޓުމެއްނެތި ޒަކިއްޓެއާއި ދެކޮޅަށް ފާޑުކިޔާ މީމްސްތަކާއި ސްޓޭޓަސްތައް ދައުރުވަނީއެވެ.
ކޮންމެއަަކަސް އަލީ ރަމީޒް އަކީ އަދިވެސް އެންމެން ބަލައިގަންނަ ޝަހުސިއްޔަތެއްކަން ދިވެހިން މިވަނީ ސާބިތުކޮށްދީފައެވެ. ލަވަ ކިޔުން ހުއްޓާލިކަމުގައި ވިޔަސް، ގިނަ ޒުވާނުން އަންނަނީ އަލީ ރަމީޒުގެ ހަޔާތުން ނަމޫނާ ނަގަމުންނެވެ.




ހިޔާލު
thiyaa konjakitte ladhuhayaathen neyymeehen