އިންތިޚާބު ކުރުމާއި ވޯޓު ދިނުމަކީ ރައްޔިތުން ހައްގެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ވައްޑޭ ވިދާޅުވީ އިންތިޚާބުކުރުމާ ވޯޓުދިނުމުގެ ހައްޤަކީ ހަމައެކަނި ރައްޔިތުންނަށް ލިބިގެންވާ ހައްޤެއް ކަމަށާއި އިންތިޚާބީ މުއްދަތެއް އެހެންގޮތަކުން އިތުރެއް ނުކުރެވޭނެ ކަމަށެވެ.
ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާޙް ގެންނެވުމުގެ މައްސަލައަށް ނިސްބަތްކޮށް ވައްޑޭ މިހެން ވިދާޅުވެފައިވާއިރު ވައްޑޭ ވަނީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ޤާނޫނު އަސާސީ އިސްލާޙް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މިއީ އަޅުގަނޑުމެން އެންމެގިނައިން އަޑުއުފުލައި އިހްތިޖާޖުކުރަމުން އައި އެއްއަސާސް. އިންތިޚާބުކުރުމާ ޢައްޔަންކުރުމާ އެއީ މުޅިން ދެކަމެއް" ކަމަށެވެ.
އިންތިޚާބުކުރުމާ ވޯޓުދިނުމުގެ ހައްޤަކީ ހަމައެކަނި ރައްޔިތުންނަށް ލިބިގެންވާ ހައްޤެއް. އިންތިޚާބީ މުއްދަތެއް އެހެންގޮތަކުން އިތުރެއް ނުކުރެވޭނެ. މިއީ އަޅުގަނޑުމެން އެންމެގިނައިން އަޑުއުފުލައި އިހްތިޖާޖުކުރަމުން އައި އެއްއަސާސް. އިންތިޚާބުކުރުމާ ޢައްޔަންކުރުމާ އެއީ މުޅިން ދެކަމެއް pic.twitter.com/DPqKPHTK77
— Waddey (@waddey_) May 28, 2020
ޤާނޫނު އަސާސީ އިސްލާޙު ކުރެއްވުމާއި މެދު އެމްޑީޕީގެ މަޖިލިސް މެންބަރުން ހިޔާލު ތަފާތުވެފައި ވާއިރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ފާސް ކުރުމަށެވެ. މި ނިންމެވުމާއި ދެކޮޅަށް 9 މެންބަރަކު ވޯޓު ދެއްވާފައި ވާއިރު 4 މެންބަރުކު ވަނީ ވަކި ގޮތަކަށް ވޯޓު ނެދެއްވާފައެވެ.
މި ޙާލަތަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެ ޙާލަތެއް ނޫން ކަމަށާއި، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ސަރުކާރާއި އެމްޑީޕީން ބުނިކަމުގައި ވިޔަސް ވޯޓު ނުދެއްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ ވިދާޅުވެފައެވެ.
ކައުންސިލަރުންގެ ދައުރު ދިގުކުރެވޭނެ ހަމައެކިނި ގޮތަކީ ޤާނޫނު އަސާސީ އިސްލާޙް ކުރެއްވުން ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައިވާއިރު މަޖިލީހަށް މިހާރު ވަނީ މިކަމުގައި ސްޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށްވެސް ހުށައަޅާފައެވެ.




