ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ރާއްޖޭގެ ދެކުނަށް ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ލ. އަތޮޅުން އައްޑޫ ސިޓީއަށެވެ.
މިއަދުގެ 16:00 ން މިރޭގެ 21:00 އަށް ނެރެފައިވާ މިވައިޓް އެލާރޓްގައި މެޓްއޮފީހުން ބުނީ، އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށެވެ.
Alert White for Heavy rain and thunderstorms with gusts pic.twitter.com/xdZ7fVfRbu
— Maldives Meteorology (@MetMaldives) May 28, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުންވެސް އެކަށީގެންވާކަމަށް އެއިދާރާއިން ބުންޏެވެ.
"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.
އަދި މެޓްއޮފީހުން ބުނީ އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަކަށްވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން އިލްތިމާސްކޮށްފައިވެއެވެ.



