ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލައިފައިވާ އިނގުލިޝް ޕްރިމިއަރ ލީގް އަންނަ މަހުގެ 17 ވަނަ ދުވަހު ފަށަން ނިންމައިފައިވާ ކަމަށް ބީބީސީ އިން ރިޕޯޓް ކޮށްފިއެވެ.
ބީބީސީގައި ރިޕޯރޓްކޮށްފައިވާ ގޮތުން ޕްރިމިއާ ލީގު ފައްޓާ ދުވަހު ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، އެއްމެޗުގައި ބައްދަލުކުރާނީ އެސްޓަންވިލާ އާއި ޝެފީލްޑް ޔުނައިޓެޑެވެ. އަދި އަނެއް މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާރ ސިޓީއާއި އާސެނަލްއެވެ. މިއީ އީއެފްއެލް ކަޕު ފައިނަލާއި ގުޅިގެން ކުރިން ލަސްކޮށްފައިވާ ދެމެޗެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންގްލޭންޑްގެ ފުޓްބޯޅަ މެދުކަނޑާލާފައިވަނީ މިދިޔަ މާރޗްމަހުއެވެ. ޕްރިމިއަރ ލީގު އަލުން ފެއްޓުމަށް ތައްޔާރުވަމުން އަންނައިރު، އެލީގުގައި ކުޅޭ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު އަންނަނީ ކޮވިޑް-19 އަށް ޓެސްޓްކުރަމުންނެވެ. އެގޮތުން މިހާތަނަށް ޖުމްލަ 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެލީގުންވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މާރޗް 13 ވަނަ ޕްރިމިއަރ ލީގު މެދުކަނޑާލާފައިވާއިރު، އެސްޓަންވިލާއާއި ޝެފީލްޑް ޔުނައިޓެޑް އަދި މެންޗެސްޓާރ ސިޓީއާގެ އިތުރުން އާސެނަލް ފިޔަވައި ހުރިހާ ޓީމަކުންވަނީ ޖުމްލަ 29 މެޗުކުޅެފައެވެ. މިހަތަރު ޓީމު ކުޅެފައިވަނީ ޖުމްލަ 28 މެޗެވެ.
25 ޕޮއިންޓްގެ ލީޑަކާއެކު ލިވަޕޫލްއިން ތާވަލްގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ސިޓީއަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. އަދި ތިންވަނާގައި ލެސެސްޓާ ސިޓީ އޮތްއިރު ހަތަރުވަނާގައި އޮތީ ޗެލްސީއެވެ. މެންޗެސްޓާރ ޔުނައިޓެޑަށް ފަސްވަނަ ލިބެނީ ހަތަރުވަނާގައި އޮތް ޗެލްސީއަށްވުރެ3 ޕޮއިންޓް މަދުން ލިބިގެންނެވެ.
ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާއިރު، ލިވަޕޫލް ފިޔަވައި އެހެން ޓީމަކުން ތައްޓާ ވާދަނުކުރިނަމަވެސް، ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައިވުމަށް ޓީމުތަށް ވަރުގަދަ ފައިޓަކަށް ދާނެކަމަށްބެލެވެއެވެ.



