އެމްޑީޕީގެ ވިޕްލައިނާއި ހިލާފުވި މެމްބަރުންގެ މައްސަލަވެސް ބަލާނެ ކަމަށާއި ޤަވާއިދުގައި ވާގޮތަށް އެމީހުންނަށް ފިޔަވަޅުވެސް އަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މެމްބަރު އާޒިމް މިހެން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން ރީކޯ މޫސަ ކުރެއްވި ޓްވީޓް އަކަށް ރައްދު ދެއްވަމުންނެވެ.
"މަންޒަރު ވަރައްސާފު އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަންޖެހޭއެއްޗެއްނޫން. 19ވަނަ މަޖްލީހުގަ ކިތަށްމެމްބަރުން ވިޕްލައިނާ ދެކޮޅުހަދައިފި. އަޅުގަނޑަށްއައި ހުކުމެއްނާދޭ. މައްސަލަވެސްނުބަލާ ލީޑަރުންނަށްބިރަކަށްވީމަ ޕާޓީންބޭރުކޮށްލުންއެއީ ތިބޭފުޅުންގެއިންސާފަކީ" ރީކޯ މޫސަ ކުރެއްވި ޓްވީޓްގައި ބުނެފައި ވެއެވެ.
މި ޓްވީޓަށް ރައްދު ދެއްވަމުން މެމްބަރު އާޒިމް ވިދާޅުވީ، މައްސަލަވެސް ބަލާނެ ކަމަށާއި ޤަވާއިދުގައި ވާގޮތަށް ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.
Noon Moosa mahsalaves balaane Qavaaidhugai vaagothah fiyavalhuves alhaane mee MDP
— ??? ???? (@aliaazim) May 28, 2020
ރީކޯ މޫސް އިތުރަށް ވިދާޅުވީ، ތީ އެމްޑީޕީ ކަމާއި، މީހެއްގެ ވަށައިގެން އެނބުރޭ އެއްޗެއްކަން އިނގޭ ކަމަށެވެ.
"އަޅުގަނޑުވެސް ވިޕްގެ މަގާމާއި ޕީޖީ ލީޑަރު ކަމާއި ޗެއާރޕާސަން ކަންވެސް ކުރީމޭ. އޭރުވެސް ގަވާއިދު ބުނާގޮތުން އެއް ކުށެއް ކުރުމުން އެއްބަޔަކު ޕާޓީންގެ ކިބައިން މައާފަށް އެދިފައި އަނެއްކަކު ޕާޓީން ކަނޑާގޮތަކަށް ނޫން އޮންނަނީ." ރީކޯ މޫސަ ވިދާޅުވިއެވެ.
ރީކޯ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވިކަމަށް ބުނެ، ރީކޯ ވަނީ އެމްޑީޕީ އިން ވަކިކޮށްފައެވެ. އެމްޑީޕީ އިން ވަކި ކުރުމާއި ގުޅިގެން މޫސަ ދިޔައީ ތަކުރާރުކޮށް އެމްޑީޕީގެ ލީޑަރ ޝިޕަށް ޚާއްސަކޮށް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމާއި ގުޅިގެން، މިހާރު ތިބި ކައުންސިލަރުންގެ ދަޢުރު ދިގުދައްމާލުމަށް ޤާނޫނު އަސާސީއަށް ހުށައެޅި އިސްލާހުގައި އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. ނަމަވެސް މި މައްސަލާގައި އެމްޑީޕީގެ މެންބަރުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ބައެއް މެންބަރުން ވަނީ ތްރީލައިން ވިޕާއި ޚިލާފުވެފައެވެ.
އެމްޑީޕީ އިން ޤާނޫނު އަސާސީ އަށް ހުށައެޅި މި އިސްލާހު މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައެވެ.




