ދެކުނު ކޮރެއާގައި ކޮވިޑް-19ގެ ހާލަތު މަޑުމަޑުން އައިސް ކޮންޓްރޯލް ކުރެވި އާއްމުންނަށާއި ވިޔަފާރިތަކަށް ލުއިތަކެއް ދީފައިވާއިރު، ހުރިހާ ކަންކަމެއްވެސް ކުރިޔަށް ގެންދަނީ ސޯޝަލް ޑިސްޓެންސް ނުވަތަ ގައިދުރުކުރުމުގެ އުސޫލުތައް ބޭނުންކޮށްގެންނެވެ.
އެގޮތުން ކެފޭތަކާއި ރެސްޓޯރެންޓްތައްވެސް ހުޅުވާލާފައިވާއިރު، އެ ގައުމުގެ ސިޓީއެއް ކަމުގައިވާ، "ޑޭޖެން" ގައި ހުންނަ ކެފޭއެއްގައި ކޮފީ ސަރވް ކޮށްދޭ ބަރިސްޓާ އަކަށް އުޅެނީ އިންސާނެއްނޫނެވެ. ރޮބޮޓެކެވެ.
މި ރޮބޮޓް ކެފޭއަށް އަންނަ ކަސްޓަމަރުންނާއި މުހާތަބުކޮށްވެސް ހަދައެވެ. މިއީ ހުދު ކުލައިގެ ކެޕްސޫލެއްގެ ބައްޓަމަށް ހަދާފައިވާ ބޮޑު ކޮމެޕިއުޓަރ ސިސްޓަމެކެވެ. އަދި ސިސްޓަމްގެ އެތެރޭގައި ބޮޑު ޓްރޭއެއް އިންސްޓޯލްކޮށްފައިހުރެއެވެ. އަދި މި ޓްރޭގައި ކަސްޓަމަރުންނާއި ހިސާބަށް ކޮފީ ތަށި ގެންދިއުމުގެ އިތުރުން، ކޮފީ ގިރަނީވެސް، މީގައި އެކުލެވޭ "ކޮފީ މޭކިން ރޮބެޓިކް އާރމް" އިންނެވެ. މިއީ ކޮފީ ގިރުމަށް ރޮބެޓްގެ އަތެއް ގޮތަށް މި ސިސްޓަމުގައި އިންނަ ވަސީލަތެކެވެ. އަދި މި ރޮބޮޓިކް ސިސްޓަމް އިން ފަސްދޮޅަސް ވައްތަރުގެ ކޮފީ ގިރެއެވެ.
މި ކެފޭގައި ހިދުމަތް ދޭއިރު ސޯޝަލް ޑިސްޓެންސް ގެ އުސޫލަށް ބާރުއަޅާ، ކަސްޓަމަރުންވެސް ތިބެނީ ގައިދުރުކުރުން އިހްތިޔާރުކޮށްގެންނެވެ. އަދި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ރޮބެޓެއް ބެހެއްޓުމުގެ ބޭނުމަކީވެސް މިއީއެވެ. މި ރޮބޮޓް ގެ އިތުރުން މި ކެފޭގައި މަސައްކަތް ކުރަން އުޅެނީ އެންމެ މުވައްޒަފަކެވެ. އެއީ ޕޭސްޓްރީއެކެވެ. އަދި ކެފޭ ސާފުކުރުމާއި ތަށިދޮވުމުގެ މަސައްކަތްވެސް ކުރަނީ މި މީހާއެވެ.
ދެކުނު ކޮރެއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާއިރު، އެ ގައުމުގައި 11000 މީހުންނަށް ކޮވިޑް ވަނީ ޖެހިފައެވެ. އަދި މި ވައިރަސް ޖެހިގެން 267 މީހުންވަނީ މަރުވެފައެވެ. އެއަށްފަހު، ލޮކްޑައުންއަށް ލުއިތަކެއް ދީ ގައުމުގެ ސަރުކާރުން ދަނީ، ސޯޝަލް ޑިސްޓެންސް ގެ ގަވާއިދުތައް ތަންފީޒުކުރަމުންނެވެ.