މެޓިޖް ޑެލީޓްގެ ބައްޕައަކީ ފަލަ މީހަކަށްވީއިރު ބައްޕަ ގޮތަށް ޑެލީޓްވެސް އިތުރަށް ފަލަވެދާނެކަމުގެ ބިރަށް ޔުނައިޓެޑުން އޭނާ ގެންނަން ލިބުނު ފުރުޞަތު މިދިޔަ ސީޒަންގައިވަނީ ގެއްލުވާލާފައެވެ.
އުމުރުން 19 އަހަރުގެ ޒުވާން ކައްޕިއާއެކު އަޔޭކްސްވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފުރިހަމަ ކުޅުމެއް ދައްކާފައެވެ. އަންޑަ ޑޯގުގެ ގޮތުގައި ފެނުނު އަޔޭކްސްއިންވަނީ ބައްދަލުކުރި ވަރުގަދަ ޓީމުތައް މުބާރާތުން ކަޓުވާލާފައެވެ. އޭގެ ތެރޭގައި ޖައްސަ ޖައްސައިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސްޕެއިންގެ ރެއަލްމެޑްރިޑް އަދި އިޓަލީގެ ވަރުގަދަ ޔުވެންޓަސް ހިމެނެއެވެ.
ސެމީ ފައިނަލްގައި ޓޮޓޭންހާމްއާއި ބައްދަލުކޮށް ޓޮޓޭންހާމް ފަހުވަގުތު ޖެހި ލަނޑަކާއެކު އަޔޭކްސް މިސީޒަންގެ ޗެމްޕިއަންސް ލީގުން ކަޓާފާއިވާއިރު ޑެލީޓް ދެއްކި މޮޅުކުޅުމަށް ގިނަ ބަޔަކުދަނީ ތަޢުރީފުކުރަމުންނެވެ. މިމުބާރާތުގައި 2 ލަނޑު ޖަހާދީފައިވާ ޑެލީޓްއަކީ މިފެށޭ ހޫނު މޫސުމުގެ ޓްރާސްފާ މާކެޓްގައި އެންމެ އަގުބޮޑުކޮށް ވިކޭނެ ކުޅުންތެރިއަކަށްވާނެ ކަމަށް މިހާރުވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ޑެލީޓަށް ހުށައެޅޭ ހުށައެޅުންތައް ދުނީޔޭގެ މިހާރު ހުރި އެންމެ އަގުބޮޑު ޑިފެންޑަރު ކަމުގައިވާ ލިވަޕޫލްގެ ވެންޑައިކްއާއި އެއްހަމައަކަށް އަރާނެކަމަށް މިހާރުވެސް ވާހަކަ ދެކެވެން ފަށައިފިއެވެ.

މިދިޔަ ސީޒަންގައި ކުޑަ އަގަކަށް ޔުނައިޓެޑަށް ޑެލީޓް ގެނެވެން އޮތްނަމަވެސް އޭރު ޔުނައިޓެޑްގެ ސްކައުޓެއްގެ އިރުޝާދަށް ޑެލީޓް މާ ފަލަވެދާނެކަމުގެ ބިރަށް ޓީމަށް ނުގެނައީކަމަށް ދަ މިރާގައިވެއެވެ.
އިތުރު ފަސް ޑިފެންޑަރަކަށް އޭރު ޔުނައިޓެޑްގެ ކޯޗަކަށްހުރި ހޯސޭ މޮރީނިއޯ ލޯއަޅަމުން ދިޔަނަމަވެސް އޭގެން އެއް ކުޅުންތެރިއެއްވެސް ވަނީ ލިބޭގޮތްނުވެފައެވެ.
ޔުނައިޓެޑުން މިހާރުވެސް އަންނަނީ ނަޕޯލީގެ ޑިފެންޑަރު ކަލިޑޯ ކޮލިބަލީއަށް ލޯއަޅަމުންނެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުޞަތު ގެއްލިފައި އޮތް ޔުނައިޓެޑް މިއަހަރުވެސް ޑެލީޓް ގެންނަން މަސައްކަތް ކުރާކަމަށް ވެއެވެ.
ޑެލީޓްއަށް ލޯ އަޅަމުން ދެން އަންނަ އަނެއް ޓީމަކީ ބާސެލޯނާއެވެ. ޑެލީޓް އާއެކު އަޔޭކްސްއަށް ކުޅެމުން އަންނަ ފްރޭންކީ ޑެ ޖޯން 65 މިލިއަން ޕައުންޑަށް މިހާރުވެސް ބާސެލޯނާއިންވަނީ ގަނެފައެވެ.



