ކޮވިޑް-19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި ރިސޯޓް މުވައްޒަފުންނަށް ރަށަށް ދިއުމުގެ އާ ފުރުސަތެއް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި ވަޒީފާއަދާކުރައްވާ މުވައްޒަފުން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭ ފުރަބަންދުގައި ތިބި މުވައްޒަފުންގެ ތެރެއިން ކުރިން ރެޖިސްޓަރ ނުވެ މާލޭ ފުރަބަންދުގައި ތިބި ރިޒޯޓު މުވަޒަފުންނަށް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިތުރު ފުރުޞަތަށް ހުޅުވާލައިފައިވާ ކަމަށެވެ.
ވީމާ ޖޫން 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ ހޮޓްލައިން (7223131) އަށް އެސް.އެމް.އެސް މެދުވެރިކޮށް ނުވަތަ އީމެއިލް ([email protected]) ގެ ޒަރިއްޔާއިން ނަން ނޯޓުކުރެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
ފުރަބަންދާއި ގުޅިގެން އެކިބޭނުންތަކަށް މާލެއައިސް ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ފަރާތްތައް ރަށަށް ގެންދިއުމަށްޓަކައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)، ޖެންޑާ މިނިސްޓްރީ އަދި ކައުންސިލްތައް ގުޅިގެން ވަނީ ލިސްޓެއް އެކުލަވާލައިފައެވެ. މި ލިސްޓުގައި 5،000 ވުރެ ގިނަ މީހުން ނަން ނޯޓް ކޮށްފައިވާއިރު އިސްކަންދޭ ތަރުތީބެއްވަނީ އެކުލަވާލައިފައެވެ.
މި އިސްކަންދޭ ތަރުތީބުގެ ދަށުން 1،800 މީހަކުވަނީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ފޮނުވުމަށް ސަރުކާރުން ނިންމައިފައެވެ. އަދި މިހާރު އަންނަނީ މި ފަރާތްތައް ކަރަންޓީން ފެސިލިޓީތަކަށް ފޮނުވަމުންނެވެ.



