ރާއްޖޭގެ 23 ރިސޯޓެއްގައި ކޮވިޑް-19 ޖެހިފައިވާ 42 މީހުން މިވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، 19 ރަށެއްގައި 33 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 23 ރިސޯޓަކުން 12 ފަތުރުވެރިންނާއި 30 މުވައްޒަފުން މިބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް އެ ރިސޯޓްތަކުގެ މައުލޫމާތު އެޗްޕީއޭ އިން ހާމަ ކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނެފައިވަނީ، ރޭ 18:00 އިން މިރޭގެ 18:00 އިތުރު 53 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 10،098 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 34 ފަރާތެއްވަނީ މިބަލީގައި ނިޔާވެފައެވެ.
✳️ COVID-19 : Status of active cases
As of 27.09.2020, 06:00 PM
Active cases in 19 inhabited islands and in 23 resorts including 12 tourists and 30 staffFor details:https://t.co/CIHdtEkphu
— Health Protection Agency (@HPA_MV) September 27, 2020
ކޮވިޑް-19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވުވިތާ މިއަދަށް 204 ދުވަސް ވެފައިވާއިރު މިބައްޔަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވުވާ މީހުންގެ އަދަދުތައްވަނީ މަދުވާން ފަށައިފައެވެ. މިގޮތުން މިހާރު މިއަދަދު 100 އިން ދަށްވެފައިވާއިރު އެޗްޕީއޭ އިން ބުނެފައިވަނީ އަދި މިއީ މިބައްޔަށް ޕޮޒިޓިވުވާ މީހުންގެ އަދަދު ރާއްޖެއިން ދައްވީކަމަށްބަލާ ބަލި ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދޭންވީ ވަގުތު ނޫންކަމަށެވެ.




