ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ވެއްޓިފައި އޮއްވާ، އޭނާގެ ފޯން ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ، 2020 މެއި 29 ވަނަ ދުވަހު ތިމަރަފުށީގައި ޚާއްސަ އެހީއަށް ބޭނުންވާ މީހެއް މަގުމައްޗަށް ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
އަދި ފުލުހުން ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ފޯނު ވިއްކާލަން އުޅެނިކޮށް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް އެފޯނު ގެނެސްފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލާގައި ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި އުމުރުން 20 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ވަގަށް ނަގާފައިވާ ފޯނު، ފޯނުގެ ވެރިފަރާތާއި މިހާރު ޙަވާލުކުރެވިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިމައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.




