ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ | ފޮޓޯ: މަޖިލިސް

"ޤަވާއިދާއި ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ތާއީދެއް ނުކުރަން"

ޤާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގެ ރޫހާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތާއީދު ނުކުރާ ކަމަށް ހާމަކޮއްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޯވިޑް 19ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ ސިއްޙީ ކާރިސާއާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފާއިވާ އިސްތިޝާރީ ލަފާގެ ރޫޙާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ޕްރޮގްރެސިވް ކޯލިޝަނުން ތާއީދު ނުކުރާ ކަމަށެވެ.

އަދި އެޢަމަލު ކުށްވެރިކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާޙު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހެއް އެކަނި ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ.

"އިސްލާހަށް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާޙު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާއަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައިވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާޙުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އަދި އެކަން ޙައްލު ކުރެވޭނީ ޤާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާޙުކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް މިކޯލިޝަނަށް ޤަބޫލު ކުރެވެއެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމައެއާއެކު، ޤާނޫނުއަސާސީ އިސްލާހުކުރުމާއެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިރުންގެ ދައުރު ދެމިގެންދާއިރު، ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލާ ބިލްގައިވެސް ކަންބޮޑުވާ ކަންތައްތައް ހުރިކަން ފާހަގަކުރާ ކަމަށާއި، އެ ބިލް ބައްޓަންވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެންގޮސް، ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެން ދާކަންވެސް ފާހަގަކުރާ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، އެކަން ނުކޮށް ލަސްކޮށްފައިވަނީ މިސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި ރިޔާސަތުން ކަމަށާއި، ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނައުމުގައި ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިސްލާޙަކާއި އެ އިސްލާޙަކާ ގުޅިގެން ކުރާންޖެހޭ ކަންތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާއި ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބުނާ ގޮތާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅޭނެ އަދި ޤާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ، ކަމާއި ގުޅުން ނެތް ބިލެއް މަޖިލީހަށް ހުށަހަޅައިގެން ވަގުތު ބޭކާރު ކުރަމުން ގެންދާކަންވެސް މިި ބަޔާނުގައި ފާހަގަ ކޮއްފައިވެއެވެ.

ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ހަދާ އެންމެހާ ޤާނޫނުތައް ހަދަންވާނީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކަމާއި، ޤާނޫނުއަސާސީއާއި ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލު އެއްޗަކަށްކަމަށާއި، އަދި އެފަދަ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއްކަމަށް ޤާނުނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މިހާރު މަޖިލީހުން ކުރަމުން ގެންދާ މަސައްކަތަކީ ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ކުރަމުން ގެންދާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިހާލަތުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަކީވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތުން ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1021
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Alifu'haa

    Eh ireh ga over night in qaanoon thah badal kuramun dhiya iru e ey eh ves mahsala akah nuvey ..ehen veema dw bunanee ruhumuge lolakah aibeh nufennaaney ..
    Alifu..haa

    5
    9

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ