ފަސޭޙަކަމާއެކު ޑުސެލްޑޯފް ބަލިކޮށް، ބަޔާން 10 ޕޮއިންޓްގެ ލީޑަކަށް

ޖަރުމަން ބުންޑެސްލީގާގައި ރޭ ކުޅުނު މެޗުން ފަސޭޙަކަމާއެކު ޑުސެލްޑޯފް ބަލިކޮށް 10 ޕޮއިންޓްގެ ލީޑަކަށް ބަޔާން މިއުނިކް ޖެހިލައިފިއެވެ.

އެލިއަންސް އެރީނާގައި ރޭ ކުޅުވުނު މިމެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.

ބަޔާންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މެޗުގެ ވަރަށް ކުރީކޮޅު އެކްލަބުން ލީޑު ނެގީ ޑުސެލްޑޯފްގެ މެތިއަސް ޖޯގެންސެންއަތުން ބައިކޮޅަށް ވަތްލަނޑަކުންނެވެ. މިލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 15 ވަނަ މިނަޓްގައެވެ. އޭގެ 14 މިނަޓް ފަހުން ބެންޖަމިން ޕަވާޑް އިތުރު ލަނޑެއްޖަހައި ބަޔާންއަށް ލީޑު ފުޅާކޮށްދިންއިރު، ޕަވާޑް މިލަނޑު ކާމިޔާބުކޮށްފައިވަނީ  ކޯނަރަކުން ބޮލުންނެވެ. މީގެއިތުރުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވެންޑޯސްކީ ލަނޑެއްޖަހައި ބަޔާން ތިން ލަނޑުގެ ލީޑެއް ހޯދައިދިނެވެ.

ޕަވާޑުގެ ލަނޑަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އީއެސްޕީއެން

ހުރިހާ ގޮތަކުންވެސް ބަޔާންއިން ކޮންޓްރޯލް ކުރަމުންދިޔަ މިމެޗުގެ ދެވަނަ ހާފު ފެއްޓުމާއެކު ލެވެންޑޯސްކީ އަނެއްކާވެސް ބަޔާންއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގެ 50 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ލެވެންޑޯސްކީ ކާމިޔާބުކޮށްދީފައިވަނީ ފުންނާބުންނެވެ. ގްނާބްރީ ހުރަސްކޮށްދިން ބޯޅު ގޯލްއޭރިއާތެރޭ ހުރެ ލެވެންޑޯސްކީ ފުންނާބުން ފޮނުވާލިއިރު، މިބޯޅަ ވަދެގެންދިޔައީ ކީޕަރު ތޮއްޑު ދަށުންނެވެ. މިއީ ލެވެންޑޯސްކީ މިސީޒަންގައި ކާމިޔާބުކުރި 44 ވަނަ ލަނޑެވެ. ލެވެންޑޯސްކީ މިސީޒަންގެ ބުންޑެސްލީގާގައި މިހާތަނަށް 29 ލަނޑު ޖަހާފައިވާއިރު، އުމުރުން 30 އަހަރުގައި އެއް ސީޒަނެއްގައި 29 ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށްވެސް އޭނާވަނީ ވެގެންގޮސްފައެވެ. މީގެ އިތުރުން ރޭ ޖެހި ދެލަނޑާއެކު ލެވެންޑޯސްކީވަނީ މިހާރު ބުންޑެސްލީގާގައި ކުޅޭ 18 ޓީމާއި ދެކޮޅަށްވެސް ލަނޑުޖަހާފައެވެ.

ބަޔާންގެ ފަސްވަނަ ލަނޑު ފެނިގެންދިޔައީ ލެވެންޑޯސްކީގެ ދެވަނަ ލަނޑު ފެނުނުތާ 2 މިނަޓްފަހުންނެވެ. އަލްފަންސޯ ޑޭވިސް ކާމިޔާބުކޮށްދިން މިލަނޑަކީ ޑުސެލްޑޯފްގެ ތިން ޑިފެންޑަރުން ކަޓުވާލުމަށްފަހު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމޮޅާއެކު އެންމެފަހުގެ ޗެމްޕިއަން ބަޔާންއަށް 10 ޕޮއިންޓްގެ ލީޑެއް ލިބޭއިރު، 29 މެޗުން ބަޔާންއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ބުންޑެސްލީގާގައި އެންމެފަހުން ކުޅުނު 12 މެޗުން ބަޔާންއިން ނިންމާލާފައިވަނީ ބަލިނުވެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ