ޕްރިމިއާ ލީގު - ހަތަރުވަނަ ބުރުގައި ކޮވިޑް-19 އަށް ޕޮޒިޓިވް އެއްވެސް ކޭސްއެއް ނެތް!

އިންގްލިޝް ޕްރިމިއާ ލީގު އަލުން ފެއްޓުމަށް، އޮފިޝަލުންނާއި ކުޅުންތެރިން ޓެސްޓްކުރި ހަތަރުވަނަ ބުރުގައި ކޮވިޑް-19 އަށް ޕޮޒިޓިވް އެއްވެސް ކޭސްއެއް ނެތްކަމަށް އެލީގުން ބުނެފިއެވެ.

ހަތަރު ބުރުގެ ސާމްޕަލް ޓެސްޓްކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުން ހުކުރު ދުވަހާއި ހަމައަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ މާރޗްމަހު މެދުކަނޑާލި އިންގްރޭސި ފުޓްބޯޅަ އަލުން ފެއްޓުމަށް ތައްޔާރުވަމުން އަންނައިރު، ޓީމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ފުރަތަމަ ބުރުގައި ޕޮޒިޓިވް 6 ކޭސް ފެނިފައިވާއިރު، ދެވަނަ ބުރުގައި ފެނިފައިވަނީ 2 ކޭސް އެވެ. އަދި ތިންވަނަ ބުރުގައި ޕޮޒިޓިވް 4 ކޭސްއެއް ފެނިފައިވެއެވެ.

އެގޮތުން މިހާތަނަށް އެލީގުގައިވަނީ ޖުމްލަ 3882 ޓެސްޓް ހަދާފައެވެ. މީގެތެރެއިން ކޮވިޑް-19 ޕޮޒިޓިވްވެފައިނީ އެންމެ 12 ކޭސްއެވެ.

"28 މެއި ވީ ބުރާސްފަތި ދުވަހުން 29 މެއި ވީ ހުކުރު ދަވަހަށް، ކްލަބުތަކުގެ ކުޅުންތެރިންނާއި ސްޓާފުން ހިމެނޭގޮތަށް ކޮވިޑް-19 އަށް 1130 ޓެސްޓެއްވަނީ ހެދިފައެވެ. އޭގެތެރެއިން އެއްވެސް ޓެސްޓެއް ޕޮޒިޓިވްވެފައެއްނުވޭ." ޕްރިމިއާ ލީގުން ނެރެފައިވާ ބަޔާނެއްގައިވެއެވެ.

ޕްރިމިއާ ލީގު އަލުން ފެއްޓުމަށް ނިންމާފައިވަނީ މިފެށޭ ޖޫން 17 ވަނަ ދުވަހުއެވެ. ކޮވިޑް-19 އާއި ގުޅިގެން މާރޗް 13 ވަނަ ޕްރިމިއަރ ލީގު މެދުކަނޑާލާފައިވާއިރު، އެސްޓަންވިލާއާއި ޝެފީލްޑް ޔުނައިޓެޑް އަދި މެންޗެސްޓާރ ސިޓީއާގެ އިތުރުން އާސެނަލް ފިޔަވައި ހުރިހާ ޓީމަކުންވަނީ ޖުމްލަ 29 މެޗުކުޅެފައެވެ. މިހަތަރު ޓީމު ކުޅެފައިވަނީ ޖުމްލަ 28 މެޗެވެ.

އަލުން ލީގު ފަށާއިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖައްސާފައިވަނީ އެސްޓޮން ވިލާ އިން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ.

25 ޕޮއިންޓްގެ ލީޑަކާއެކު ލިވަޕޫލްއިން ތާވަލްގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ސިޓީއަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. އަދި ތިންވަނާގައި ލެސެސްޓާ ސިޓީ އޮތްއިރު ހަތަރުވަނާގައި އޮތީ ޗެލްސީއެވެ. މެންޗެސްޓާރ ޔުނައިޓެޑަށް ފަސްވަނަ ލިބެނީ ހަތަރުވަނާގައި އޮތް ޗެލްސީއަށްވުރެ 3 ޕޮއިންޓް މަދުން ލިބިގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ