މިއަދަކީ ދުންފަތުގެ ޢިސްތިއުމާލުކުރުން ހުއްޓާލުމަށް އަޒުމުކަނޑައަޅައި އެކަމަށް މަސައްކަތް ފަށަންވީ ދުވަސްކަމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ، ދުންފަތާއި ދެކޮޅަށް ދުނިޔޭގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޙިތާބުގައެވެ.
އަމީން ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އިންސާނާގެ ސިއްޙަތަށް ލިބޭ ގެއްލުމާއި، އިޤްތިސާދީ ގޮތުން ލިބޭ ގެއްލުމާއި އިޖުތިމާއިގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ދެބަސްވުމަށް ފުރުޞަތު އޮތްކަމެއް ނޫންކަމަށެވެ.
އަދި މިއަހަރުގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް ފާހަގަކުރަމުން މިދަނީ، ކޮވިޑް-19 ގެ ނުރައްކާތެރި ސިއްޙީ މުސީބާތުގެ ގިލަންވެރިކަން މުޅި ދުނިޔެވެސް ތަޙައްމަލު ކުރަމުންދާ ދަނޑިވަޅެއްކަމުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލުކުރަންފަދަ ސިއްޙަތަށް ގެއްލުންވާ ބޮޑުކަމަކުން ސަލާމަތްވުމަށް އަޒުމުކަނޑައަޅާ. އެކަމުން ސަލާމަތްވުމަށް މަސައްކަތް ފަށައިގަންނަން އެންމެ ރަނގަޅު ދުވަސް." އަމީން ވިދާޅުވިއެވެ.
އަދި ވަކިން ޚާއްސަ ގޮތެއްގައި ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިކުރުމަށް ފަރުދީގޮތުން ކޮންމެ މީހަކު ޒިންމާ އަދާކުރުމަށްވެސް މިނިސްޓަރު އަމީންވަނީ ގޮވާލާފައެވެ.
މީގެއިތުރުން، ދުންފަތުގެ ނުރައްކަލުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތަކުން ސަލާމަތްވުމަށް ކުރަން ހުރި މަސައްކަތް މެދުކެނޑުމެއްނެތި ސަރުކާރުން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަންވެސް އަމީންވަނީ ދެއްވާފައެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހަކީ 31 މެއި އެވެ.



