ލަލީގާ ޝެޑިއުލް އިޢުލާން ކޮށްފި

ސްޕެނިޝް ލަލީގާ ޝެޑިއުލް އިޢުލާން ކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ޖޫން 11 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެވިއްޔާއާއި ރެއަލްބެޓިސްއެވެ. އެގޮތުން މެޗްޑޭ 28 ޖޫން 11 އިން ޖޫން 14 އަށް ދިގުދެމިގެންދާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަވޭގައި ނުކުންނާނީ ރެއަލްމަލޯކާއާއި ދެކޮޅަށެވެ. އެއީ 13 ޖޫންވާ ހޮނިހިރު ދުވަހުއެވެ. ވާދަވެރި ރެއަލްމެޑްރިޑްގެ އޮތީ ހޯމް މެޗެކެވެ. އެމެޗުގައި އީބާއާއި ދެކޮޅަށް ރެއަލްމެޑްރިޑް ނުކުންނާނީ ޖޫން 14 ގައެވެ.

މެޗްޑޭ 28 ގައި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާނީ އެލުތެލެޓިކޯ ބިލްބާއޯއެވެ. އެއީ 14 ޖޫންވާ އާދިއްތަ ދުވަހުއެވެ.

ޖޫން 11 އިން ޖޫން 18 އަށް ޖެހިގެން ޖެހިގެން ކޮންމެ ދުވަހަކުވެސް ލަލީގާ މެޗުތަކަށް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިމުއްދަތުގައި ކޮންމެ ޓީމަކުވެސް ޖުމްލަ ދެމެދު ކުޅޭނެއެވެ. އޭގަ ފަހުން ކޮންމެ ހަފްތާ ބަންދެއްގައާއި ހަފްތާގެ މެދުތެރެއިން މެޗެއް ކުޅޭއިރު، ކޮންމެ ހަފްތާއަކު ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅޭ ގޮތަށްވަނީ ހަމަޖެހިފައެވެ. ލަލީގާ ނިންމުމަށް ހަމަޖެހިފައިއޮތީ 19 ޖުލައި ގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލާފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 27 މެޗު ކުޅެފައިވާއިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.

މިދެޓީމުގެ ފަރަގުގެ ގޮތުން އެންމެ ދެ ޕޮއިންޓް އޮތްއިރު، ކުރިއަށްއޮތް 11 މެޗަކީ ވަރަށްވެސް ފޯރިގަދަވާނެ މެޗުތަކެއްކަމަށް ލަފާކުރެވެއެވެ. ލަލީގާ ކުޅޭ ބާސެލޯނާއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ މަޝްހޫރު 'އެލްކްލެސިކޯ' ގެ މެޗުވެސް މިހާރުވަނީ ކުޅެ ނިމިފައެވެ. ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި ރެއަލްމެޑްރިޑުންވަނީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާގެ މައްޗަށް ކުރި ހޯދާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ