ބަލްޤިޝް (1)

މިއަދަކީ ހއ. ހިޔަދޫގެ ރައްޔިތުންނަށް ޢީދެއްފަދަ ދުވަހެކެވެ. މުޅި ރަށް ވަނީ ޒީނަތްތެރި ކުރެވިފައެވެ. ރަށުގެ އެކި ހިސާބުގައި ވަނީ ދިދަފަތި ދަމާފައެވެ. ރަށުތެރެ ކުނި ކަހާ ސާފުކޮށް ނިންމާފައި، މިހާރު އެންމެން ފުށް ޖަހާ، ރީތިވެގެން އެއްވަމުން އެދަނީ  ބަނދަރުމައްޗަށެވެ. އެންމެ ކުރީގައި ހުރީ ކަތީބު އާދަމް އިބްރާހީމެވެ. އޭނާގެ ފަހަތުގައި ދެންވެސް ރަށުގެ އިސް މަޤާމްތަކުގެ އެކި މީހުންނާއި ޢާންމު ރައްޔިތުން ސަފު ހަދަމުން ދިޔައެވެ. ހިނގަން މެދަށް މަގެއް ދޫކޮށްފައި ދެ ފަރާތުގައި މީހުން އެތުރިގެން ތިބިއިރު، ކުރީގައި ތިބި އެންމެން އަތުގައި މާފަތިތަކެއް ހުއްޓެވެ. އެމީހުން ތައްޔާރުވަމުން އެދަނީ ވަރަށް ހާއްސަ ބަޔަކަށް މަރުޙަބާކިޔުމަށްޓަކައެވެ.

ހއ. ހިޔަދޫއަކީ މީސްކޮޅު މަދު ރަށެކެވެ. މީގެ ކުރިން އެރަށު ރައްޔިތުން ތަރައްޤީގެ ކުލަ އެއްވެސްވަރަކަށް ދެކިފައެއް ނުވެއެވެ. ބަނދަރެއް ނޯންނާތީ ރައްޔިތުން ރަށަށް އަރާ ފައިބަނީ ވަރަށް ދަތި ޙާލުގައެވެ. ފުރަން ދޯންޏަކަށް އެރެނީ ވަކި ހިސާބަކަށް ބޮއްކުރައެއްގައި ފަލި ޖަހާފައި ގޮސްގެންނެވެ. ކިޔެވުމުގެ ފެންވަރުވެސް އެހާ ދަށެވެ. ސްކޫލްގައި ކިޔަވައިދެނީ ގްރޭޑް ހަތަކާއި ހަމަޔަށެވެ. އިތުރަށް ކިޔަވަން ބޭނުންނަމަ ޖެހެނީ ކައިރި އެހެން ރަށަކަށް ނުވަތަ މާލެއަށް ދާށެވެ. ރަށުގައި ހެލްތު ސެންޓަރެއްވެސް ހުންނަނީ ނަމެއްގައެވެ. ލޭގެ ޓެސްޓެއް ހަދާލަންޖެހުނުނަމަވެސް ދާންޖެހެނީ އަތޮޅުގެ ވެރިކަންކުރާ ރަށަށް ނުވަތަ މާލެއަށެވެ. ރަށުގައި މީހުން މަދުކަމުން މިހާތަނަށް ސަރުކާރަށްވެސް އެރަށުގެ ރައްޔިތުން އުޅެމުންދާ ދަތި ޙާލު ފެންނަކަމަކަށް ނުވިއެވެ. ނަމަވެސް މިއަދަކީ ރަށުގެ ރައްޔިތުން އެ ހުރިހާ ކަމަކަށް އަލްވަދާޢުކިޔާ އުފާވެރި ދުވަހެވެ. ނޭނގޭ ދީލަތި ފަރާތަކުން އެވަނީ ރަށު ރައްޔިތުންގެ ހުރިހާ ދަތި އުނދަގޫތަކަކަށް ވަރަށް ފުރިހަމަ ޙައްލެއް ގެނަސްދީފައެވެ. ރަނގަޅު ފެންވަރަކަށް ބަނދަރު ހަދާ، މަތީ ތަޢުލީމާއި ހަމައަށް ކިޔެވޭނެ ބޮޑު ސްކޫލެއް ޤާއިމްކޮށް، މުޅި އުތުރުގައިވެސް ނެތް ފެންވަރުގެ ޚިދުމަތް ރަނގަޅު ހޮސްޕިޓަލެއް އެވަނީ އަޅާ ނިންމައިދީފައެވެ. މިއަދަކީ އެ ހުރިހާ ތަނެއް ހުޅުވުމަށްޓަކައި އެ ބޭފުޅަކު ރަށަށް ވަޑައިގަންނަވާ ދުވަހެވެ. އެ ބޭފުޅާގެ އެދިލެއްވުމުގެ މަތިން މިހާތަނަށް ސަރުކާރުން ވަނީ އެބޭފުޅާގެ ނަން ރަށުގެ އިސް ވެރިންނަށްވެސް ސިއްރުކޮށްފައެވެ.

ހަވީރު ހަތަރެއް ޖަހާ ފަނަރަ ހިނގާފައި ހުއްޓާ ނެރުން ބޮޑު ލޯންޗެއް ވަންނަތަން ފެނުނެވެ. އެވަގުތު ކަތީބުގެ އިޝާރާތައް މާފަތި ހިފައިގެން ތިބި މީހުން ފާލަން މަތީގައި ރީތިކޮށް އެތުރިލިއެވެ. ލޯންޗް ކައިރިކުރުމުން އެންމެ ފުރަތަމަ ފޭބީ އަތޮޅުވެރިޔާއެވެ. އޭގެ ފަހުގައި ދެން އެޓޯލްސް މިނިސްޓަރެވެ. އެއަށްފަހު ދެން ފޭބީ ވަރަށް ދޮންކޮށް ތިބި ފިރިހެނަކާއި އަންހެނެކެވެ. ފިރިހެންމީހާ ހުރީ ކޯޓު ފަޓުލޫނުގައެވެ. ތުނބުޅި މަތިމަސް ހުރީ ރީތިވަރަކަށް ކޮށާފައެވެ. ބާމަތި ފުޅާވެފައި، އިސްކޮޅުން ދިގެވެ. ހަށިގަނޑު ރާއްޖޭ މީހުންނަށްވުރެ ބިޔަކަމަށް ދައްކައެވެ. ނަމަވެސް އުމުރުން ދުވަސްވެފައި ހުރި ވައްތަރެއް ނުޖަހައެވެ. ބަލާބެލުމަށް ވައްތަރީ ޢަރަބި މީހަކާއެވެ. އޭނާއާއިއެކު ހުރި އަންހެން ކުއްޖާ ހުރީ ގަޔަށް ދޫ، ކަޅު އަބާޔާއެއް ލައިގެންނެވެ. އިސްކޮޅާއި ރޫފަ އެއްވަރެވެ. ބޮލުގައި އަޅާފައި އޮތީ ގަދަ ރަތްކުލައިގެ ޝޯލްއެކެވެ. ލޯ ނިވާކޮށްލެވިފައިވަނީ އަވި އައިނަކުންނެވެ. އޭނާވެސް ވައްތަރީ މެދު އުމުރުގެ ޒުވާނަކާއެވެ. އަންހެން ކުއްޖާ ފެނުމާއެކު ކަތީބަށް އެ މޫނުން ދަންނަ ވައްތަރެއް ޖެހިއެވެ. ނަމަވެސް ސީދާ ކާކުކަމެއް ހަނދާނަކަށްނައެވެ.

މެހެމާނުން ފޭބުމާއެކު ފަހަރަކު މީހެއްގެ ކަރުގައި މާފަތި އަޅުވާ ވަރަށް ހޫނު މަރުޙަބާއެއް ކިޔުނެވެ. އެއަށްފަހު ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުކުރެވިފައިވާ ތަނަށް ދިއުމަށްޓަކައި މަގު ދައްކަމުން ކަތީބު އާދަމް ހިނގައިގަތެވެ. މެހެމާނުންގެ ފަހަތުން އެތަނަށް އެއްވެފައި ތިބި ކުދި ބޮޑު އެންމެންވެސް ހިނގަމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި މެހެމާނުންގެ ތެރޭގައި ހުރި އަންހެން ކުއްޖާ ހިނގުން މަޑުކޮށްލިއެވެ. އަދި އެތާ ވީރާނާވެފައި ހުރި ގެޔަކަށް އިނގިލިން އިޝާރާތްކޮށްލާފައި ކައިރީގައި ހުރި ފިރިހެން މީހާގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެއް ބުނެލިއެވެ. އޭރު ކުރީގައި ތިބި ކަތީބާއި، އަތޮޅުވެރިން އަދި މިނިސްޓަރު އޮލަ ވާހަކައެއްގައި ތިބެގެން ކުރިއަށް ދެއެވެ.

ފަސްވަރަކަށް މިނެޓު ހިނގުމަށްފަހު އެމީހުންގެ މަންޒިލަށް ދެވުނެވެ. މެހެމާނުންނަށްޓަކައި ހާއްސަކޮށް ގޮނޑި ޖަހާފައި ހުރީ ކުޑަ ސްޓޭޖެއްގައެވެ. ސްޓޭޖް ކުރިމައްޗަށްވާގޮތަށް ރައްޔިތުން އިށީނުމަށްޓަކައި ގޮނޑި ޖަހާފައި ހުއްޓެވެ. މެހެމާނުން ގޮސް ގޮނޑީގައި ހަމަޖެހުމާއެކު ބުއިމަށްޓަކައި ކޮންމެ ބޭފުޅަކަށް ކުރުނބާއެއް ދެވުނެވެ. އެއަށްފަހު ދެން އޮތީ ކަތީބުގެ ވާހަކަދެއްކެވުމެވެ. ކަތީބުގެ ވާހަކައިގައި ރަށުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަންތައްތަކަށް، އަމިއްލަ ނަމުގަޔާއި ރަށު ރައްޔިތުންގެ ނަމުގައި އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ. އެއަށްފަހު ދެން ވާހަކަ ދައްކަވަން އެރީ އެޓޯލްސް މިނިސްޓަރެވެ.

"މިއަދަކީ މިރަށަށް ވަރަށް އުފާވެރި ދުވަހެއް. މިއީ ރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހޭ ދުވަސް. ރައްޔިތުން އުފުލަމުން އައި ބުރަތަކާ ތަކުލީފުތައް މާޒީގެ ތެރެއަށް ދޫކޮށްލާ ދުވަސް. ހިޔަދޫއަށް މިއަދު ލިބިގެންމިދާ ތަރައްޤީއާ ކުރިއެރުމުގެ ހުރިހާވެސް ޝުކުރެއް ޙައްޤު ފަރާތަކީ މިތިއްބެވި ދެމަފިރިކަނބަލުން. މިރަށުގެ ރައްޔިތުންނަށް އިތުރު އުފާވެރިކަމެއް ލިބިގެންދަނީ، ރަށަށް ތަރައްޤީއާ މިފަދަ ކުރިއެރުންތަކެއް ގެނަސްދިނުމުގެ މޭސްތިރިއަކަށް މިރަށަށް ނިސްބަތްވާ، މިރަށަށް އުފަން ކަނބަލެއްވުން." މިނިސްޓަރުގެ އެވާހަކައާއެކު އެއްވެފައިތިބި މީހުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ ކާކުތޯ އެކަކު އަނެކަކާ ސުވާލުކުރަންފެށިއެވެ. މިނިސްޓްރުގެ ވާހަކަ ނިންމާލެއްވީ އެ ކަނބަލެއްގެ ނަން ހާމަ ނުކުރައްވައެވެ. ރައްޔިތުން ތިބީ އެއީ ކާކުތޯ ބެލުމަށްޓަކައި ކެތް މަދުވެފައެވެ.

ރަސްމިއްޔާތު ނިމުނުއިރުވެސް މީހުން ތިބީ ބޮޑު ސުވާލެއްގެ ތެރޭގައެވެ. ރަސްމިއްޔާތު ނިމުމާއިއެކު މިނިސްޓަރާއި އަތޮޅުވެރިންނަށް ނުބަލާ ރައްޔިތުން އަވަސްވެގަތީ ސްޓޭޖްމަތިން ފޭބި އަންހެން ކުއްޖާއާ ބައްދަލުކޮށް ޝުކުރުއަދާކުރުމަށެވެ. މެހެމާނުންގެ ފަހަތުގައި ހުރެގެން ކަތީބުވެސް ފޭބިއެވެ. ހިނިތުންވެފައި ހުރެ ބައެއް މީހުންނާ ސަލާމްކުރުމަށްފަހު އަންހެން ކުއްޖާ މަގުމައްޗަށް ނުކުމެ ފިރިމީހާއާއެކު ހިނގައިގަތެވެ. އަލަށް ރަށަށް އެރި މީހެއްކަމުގައި ވީނަމަވެސް އޭނާ ހިނގާފައިދާލެއް ފަރިތަކަމުން އޭނާއަކީ އެރަށަށް އައު މީހެއް ނޫންކަން އެނގެއެވެ. ހަލުވި ހިނގުމެއްގައި ގޮސް އެކުއްޖާ ހުއްޓުނީ އައި މަގުމަތީގައި މަޑުކުރި ވީރާނާވެފައިވާ ގޭގެ ދޮރުމަތީގައެވެ. އެއަށްފަހު ލޮލުގައި އަޅާފައިވާ އަވި އައިނު ނެގިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބައެވެ. ރަނގަޅަށް އެ ކުއްޖާގެ މޫނު ކަތީބަށް ފެނުނީ އެވަގުތުއެވެ. ބޭއިޚްތިޔާރުގައި ކަތީބަށްވެސް ރޮވުނެވެ. ކުއްލިއަކަށް ކަތީބު އަންހެން ކުއްޖާ ކައިރިއަށް ޖެހިލައި އަތުގައި ހިފާލިއެވެ.

"ދަރިފުޅާ! އަހަންނަށް މަޢާފުކުރޭ!" ކަތީބުގެ އެ ޢަމަލުން އަނެއްކާވެސް އެއްވެފައި ތިބި މީހުންގެ ހައިރާންކަން އިތުރުވިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    Saabas saabas.. Thiya joashaai ekugai hama kuriyah dhuruvey. Bunvaru ebahuri. V v ran’galhu Samaage vaahaka kurehsevumaai eygai kulajehsevunves. E hunaru Samaage ebahuri. Vaahaka kiyamun dhaavarakah shuquverikan ithuruvaa vahtafaaliyah vaahaka bahtan kurahvan En’gilahbaa. Saabas saabas kiriyah dhuruvey.mivaahakaige mibai v ran’galhu.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ