ޣައްސާން ބައްޕާފަޅު ޤުރުބާން ކުރައްވަނީތަ؟ ނޫނީ ކޯލިޝަން ރޫޅެނީތަ؟

ރައީސް މައުމޫނަކީ ސިޔާސީ ގޮތުން ކާމިޔާބު ލީޑަރެއްތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ. ޔަގީނުންވެސް ރައީސް މައުމޫންގެ މުޅި އާއިލާއަކީ ސިޔާސީ ގޮތުން ފާހަޤަކޮށްލެވޭ އާއިލާއެކެވެ. 30 އަހަރުގެ ދިގުވެރިކަމެއް ކުރެއްވި ރައީސް މައުމޫންގެ ހުރިހާ ދަރިންނަނީވެސް ސިޔާސީ މައިދާނުން ފެންނަމުންދާ ފަރާތްތަކެކެވެ. ރައީސް މައުމޫންގެ ކޮއްކޯފުޅު ޔާމީން އަބްދުލްޤައްޔޫމަކީވެސް 5 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ފަރާތެކެވެ.

ރައީސް މައުމޫންގެ 30 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް ގެނައީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޙާބުގައި ވަތަން އެދޭގޮތަށް ހެއްދެވި ކޯލިޝަނެއްގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުރެއެވެ. ރައީސް ނަޝީދުގެ ވެރިކަން ފާހަގަވެގެން ދިޔައީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި ކަންތައްތަކެއް މި ގައުމުގައި ހިނގި ދުވަސްވަރަކަށެވެ. 2009 ވަނަ އަހަރު ބޭއްވެވި މަޖިލިސް އިންތިޙާބަށްފަހު ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީ ދެފަޅިވިއެވެ. ޑީއާރްޕީގެ ލީޑަރަކަށް، ރައީސް މައުމޫންގެ ރަނިން މޭޓަކަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ނިކުންނެވި އަޙްމަދު ތަސްމީން އަލީ އައްޔަން ކުރެވުނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ވަރުގަދަ ޑީއާރްޕީ ތެރޭގައި ރައީސް މައުމޫންގެ ފެކްޝަނަކާއި ތަސްމީންގެ ފެކްޝަނެއް އުފެދި ޕާޓީ ދެފަޅިވިއެވެ. މި ދެފަޅި ވުމާއިއެކު ބައެއް ބޭފުޅުން ސަރުކާރު ހިންގާ އެމްޑީޕީއާއިވެސް ގުޅުނެވެ.

2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއިއެކު އެމްޑީޕީން ވަނީ އަނެއްކާވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ކެމްޕެއިން ފަށައިފައެވެ. ރައީސް މައުމޫންގެ ފެކްޝަނުން ރިޔާސީ އިންތިޙާބަށް ކެނޑިޑޭޓަކު ނެރުމަށް ޕީޕީއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. ރައީސް ޔާމީން އުފެއްދެވި ޕީއޭ ދޫކޮށްލެއްވުމަށްފަހު ޕީޕީއެމް އާއި ގުޅި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކޮށް އެޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވައި ރިޔާސީ އިންތިޙާބުވެސް ޕީޕީއެމްއިން ކާމިޔާބު ކުރެއްވިއެވެ.

ޕީޕީއެމް ތެރޭގައިވެސް މައްސަލަތައް އުފެދި ރައީސް މައުމޫން ޕާޓީގެ ހަރަކާތްތަކުން ގެއްލުނެވެ. އަދި ޕާޓީގެ އޯނަރޝިޕްގެ މައްސަލާގައި ރައީސް މައުމޫނާއި ރައީސް ޔާމީން ޖެހުނެވެ. ވަކި ހިސާބަކުން ރައީސް މައުމޫން ވަނީ އެމަިކުފާނަށް ތާޢީދު ކުރައްވާ ފަރާތްތަކާއިއެކު ރައީސް ޔާމީންގެ ސަރުކާރަށް ތާޢީދު ނުކުރާކަން އިޢުލާން ކުރައްވައި ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވުނީތީ ރައްޔިތުން ކިބައިން މާފަށްވެސް އެދިފައެވެ.

ރައީސް ޔާމީންގެ ވެރިކަން ފާހަގަކުރެވިގެން ގޮއްސައިވަނީ ސިޔާސީ އެތައް ފަރާތެއް ޖަލަށް ލެވުނު ވެރިކަމެއްގެ ގޮތުގައެވެ. ކުރުގޮތަކަށް ބުނަނީނަމަ އިދިކޮޅުގައި މަސައްކަތް ކުރެއްވި އިސް އެންމެންހެން ޖަލަށް ލާފައިވާއިރު އެއްބަޔަކު ވަނީ ރާއްޖޭން ބޭރުގައި ރާއްޖެ ނާދެވި ދިރިއުޅެން ޖެހިފައެވެ. ރައީސް ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް ޖަލުގައި ބަންދުކޮށްފައިވާއިރު ރައީސް މައުމޫންގެ ދަރިކަލުން އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ވަނީ ޖަލުގައި ބަންދު ކޮށްފައެވެ.

މިއާއިއެކުވެސް ރައީސް މައުމޫންގެ އާއިލާގެ ތެރެއިން ދަރިކަލުން ޣައްސާން މައުމޫން ހުންނެވީ ރައީސް ޔާމީން އާއިއެކު މިއިންއެއްވެސް ކަމަކަށް ބަހެއްވެސް ނުކިޔައެވެ. އަނެއްކާވެސް މީސް މީޑީއާގައި ޣައްސާން މައުމޫން މިގެންދަވަނީ ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް ގެންނަވަން މަސައްކަތް ކުރައްވާކަންވެސް ހާމަކުރައްވައިފައެވެ. މިއާއިއެކު ޓްވީޓާގައި ޣައްސާން މައުމޫނާއި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވަނީ ވަރުގަދަ ބަހުސްއެއް ކުރައްވާފައެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްޤުން ކަމަށް ވިދާޅުވެ ޣައްސާން މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެން ވައްޑޭ އާއި ޣައްސާން ވަނީ ޓްވީޓާގައި ފޯރިގަދަ ބަހުސްއެއް ކުރައްވާފައެވެ. ޣައްސާން ވިދާޅުވަނީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުޙައްޤުން ކަމަށާއި ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖޭން ބޭރުގައި، ޕީޕީއެމް-ޕީއެންސީ އިން މިކުރަނީ ފާޅުކަން ބޮޑުކޮށް، ކެރިގެން ކަމަށެވެ. ސިއްރު ޑީލްތައް ހަދައިގެން ނޫންކަމަށެވެ.

ޣައްސާން އަށް ރައްދު ދެއްވައި ވައްޑޭ ވިދާޅުވީ ޣައްސާންގެ ބައްޕާފުޅު ރައީސް މައުމޫން އާއި ބޭބޭފުޅު ފާރިސް މައުމޫން ގެ ދިފާޢުގައި ބަހެއް ބުނަން އޭރު ނުކެރުނީ ކީއްވެތޯއެވެ. އެބޭފުޅުން އޭރު ޖަލަށްލާފައި ތިބީ ޝަރީއަތެއް ހުކުމެއްވެސް ނެތިކަމަށާއި ރައީސް ޖަލުގައި އެހުރީ އެންމެނަށް ގަބޫލުކުރެވޭ ބޮޑު ވައްކަމެއްގެ ހުކުމެއްގައި ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނާއި ފާރިސް މައުމޫން ވަނީ ޖަލަށް ލާފައެވެ. ނަމަވެސް އޭރުވެސް ރައީސް ޔާމީންއާއެކު މަސައްކަތް ކުރެއްވި ޣައްސާން، ރައީސް މައުމޫނާއި ފާރިސް މައުމޫންގެ ދިފާޢުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ. ނަމަވެސް މިއަދު ރައީސް ޔާމީންގެ ދިފާޢުގައި ޣައްސާން އަންނަނީ ވާހަކަ ދައްކައި ސިޔާސީ ބަހުސްތައް ކުރަމުންވެ.

ރައީސް ޔާމީން ޖަލަށް ލެވުނީ ސިޔާސީ ނުފޫޒުން ކަމަށް ވިދާޅުވެ ވައްޑޭ ކުރެއްވި ސުވާލުގެ ޖަވާބު ސަންގު ޓީވީން އެޕްރީލް 15 ވަނަ ދުވަހުގެ ރޭ ގެނަސްދިން ހަބަރަށްފަހު ޕްރޮގްރާމްގައި ދެއްވާފައިވާނެ ކަމަށް ވިދާޅުވެ ޣާއްސާން ވަނީ ވައްޑޭ އަށް ރައްދު ދެއްވާފައެވެ. ރައީސް ޔާމީނަށް ސިޔާސީ ނުފޫޒުން ހުކުމެއް އައިނަމަ ރައީސް މައޫމޫނާއި ފާރިސް މައުމޫންވެސް އެކަން ފާހަގަ ކުރައްވާނެ ކަމަށް ވިދާޅުވެ ވައްޑޭ އަނެއްކާވެސް ޣައްސާން އަށް ރައްދު ދެއްވިއެވެ.

ވައްޑޭ ތިޔަ ވިދާޅުވިކަންތައް ކޯލިޝަން މުގުރުމުން ފެންނާނެ ކަމަށާއި އެދުވަސް ދާދި ކައިރިން ފެންނަކަހަލަ ކަމަށް ޣައްސާން ވިދާޅުވުމުން ވައްޑޭ ވިދާޅުވީ "ޢާއިލީ ގުޅުން ތަކާއި ރަހުމާއި ހަމްދަރުދީ ގެންގުޅުއްވަނީ ވަކި ޒަމާނަކުން ވަކި ކޯލިޝަނެއް މުގުރުމަށްފަހު ކަމުގައި ފާހަގަ ކުރެއްވީތީ ޝުކުރިއްޔާ" ކަމަށެވެ. ރައްދުގައި ޣައްސާން ވިދާޅުވީ އިޝާރާތް ކުރީ ތެލާއި ފެނުގެ ގުޅުމަށް ކަމަށާއި ލެޔާއި ލޭގެ ގުޅުން ބަދަހި ކަމަށެވެ.

ތެލާއި ފެނަކީ އެއްވެސް އިރެއްގައި ގުޅޭއެއްޗެއް ނޫންކަމަށް ވައްޑޭ ވިދާޅުވުމުން ޣައްސާން ވަނީ އެޕްރީލް 30 ވަނަ ދުވަހު ކުރެއްވި ޓްވީޓެއް ހިއްސާ ކުރައްވާފައެވެ. އެޓްވީޓުގައި ޣައްސާން ވިދާޅުވަނީ ފުޅިއެއްގެ ތެރޭގައި ފެނާއި ތެލާއި އަޅާފައި ކިތަންމެ ވަރަކަށް ތެޅުވިޔަސް ތެޅުވުން ހުއްޓާލުމުން ވަކިވާނެ ކަމަށެވެ. އަދި ގައުމު އެއްބައިކުރަންވީ މި ވަގުތު މިފެންނަނީ ކޯލިޝަން މުގުރާލުމުގެ އަލާމާތްތޯ ޣައްސާން ސުވާލު ކުރެއްވިއެވެ. "ދެން ފެންނާނީ ފެނަށްވުރެ ލޭ އޮލަކަން" ޣައްސާން ވިދާޅުވެފައި ވެއެވެ.

މިއާއިއެކު ވައްޑޭ ވިދާޅުވީ ކޯލިޝަންތައް އަރާ ތިބޭ ގަލަކީވެސް އޮލަ ގަލެއްކަމަށް ވިދާޅުވެފައެވެ. "އެކަމަކު ބަފާފުށުގެ ގަލަކީ މައިފުށުގެ ބޭފުޅުންނަށް އެޔަށްވުރެ މާ ލޮނދި، ކައްސާ ގަލަކަށް ވީމަޔޯ؟" ވައްޑޭ ވިދާޅުވެފައި ވެއެވެ.

ރައީސް މައުމޫން ސިޔާސީ މައިދާނުން ފެންނަލެއް މަދުވެފައި ވީނަމަވެސް ދަރިކަނބަލުން ޔުމްނާ މައުމޫން އަކީ މި ސަރުކާރުގެ ކަލްޗަރަލް ހެރިޓޭޖު މިނިސްޓަރެވެ. ޔުމްނާ ވަނީ ޣައްސާން އަށް ރައްދު ދެއްވައި މިއީ ކޯލިޝަނަކުން ގެނައި ސަރުކާރެއް ކަމަށާއި މި ދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މި މަސައްކަތް ކުރަނީ އެކުގައި ކަމަށް ވިދާޅުވެފައެވެ. އަދި އިރާދަކުރެއްވިއްޔާ ކޯލިޝަން ނުރޫޅޭނެ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

ނަމަވެސް ވައްޑޭގެ ޓްވީޓުންވެސް ކޯލިޝަން ރޫޅެނީތޯ ވަނީ ސުވާލު އުފެދިފައެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ސަރުކާރުގެ ބައެއް ވަޒީރުންގެ އިސްތިޢުފާ ގޮވާލައި ވަކި ކުރައްވާނެ ކަމަށްވެސް ގެންދަނީ ވިދާޅުވަމުންނެވެ. މިއާއިއެކު ރައީސް ނަޝީދާއި ރައީސް ޞޯލިހާއި ދެެމެދުވެސް ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް އަޑުތައް ފެތުރިފައިވާއިރު ޤާސިމް އިބްރާހިމް ވެސް ގެންދަވަނީ އެމްޑީޕީ އަށާއި ރައީސް ނަޝީދު އަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްޤުން ކަމަށް ރައީސް މައުމޫނަށް ވިދާޅުނުވެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނުރަބޯ

    ދުޝްމަނުންނާ ގުޅިގެން ބައްޕާފުޅު އަމިއްލަ އަށް ހަޑިހާވަނީ ނޫންތޯ؟ ދުޝްމަނުންނާ ގުޅުނީމާ ވަކިން ކޮން މޮޅުތަކެއްތޯވީ؟ ކޮން ކަމެއްތޯ ޙާސިލްވީ؟ ޕީޕީއެމް ސަރުކާރު ވައްޓާލަން ފާޅުގައި އުޅުނީމާ ނޫންތޯ ޖަލަށްލީ؟ މިއަދު އެމްޑީޕީ ސަރުކާރު ވައްޓާލަން އުޅެފިއްޔާ ޖަލަށް ނުލާނެތޯ…..؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ