ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ޕޮލިސް މީޑީއާގެ ހިންގުން އިޒްމިއާގެ ބަދަލުގައި ޔޫނުސް ޞޮބާޙްއާއި ޙަވާލުކޮށްފި

ޕޮލިސް މީޑީއާގެ ހިންގުން އިޒްމިއާގެ ބަދަލުގައި ޔޫނުސް ޞޮބާޙްއާއި ޙަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 2020 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕާރސަންކަމާއި ވަގުތީގޮތުން ޙަވާލުވެ ހުންނަވާނީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞޮބާޙްކަމަށެވެ. އަދި މިބަދަލާއެކު ޕޮލިސް މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަންސް އޮފިސަރެއްގެ ޙައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާއަށް މަޢުލޫމާތު ދިނުމުގައި ޙަރަކާތްތެރިވާނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ހަސަންކަމުގައިވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފާއިތުވި ދޮޅު އަހަރެއްހާ ދިވަހު ފުލުހުންގެ ސްޕޯކްސް ޕާރސަންގެ މަޤާމު ފުރުއްވި އިޒްމިއާ ޒާހިރުއަށް ނޫސްވެރިން ދެއްވި އެއްބާރުލުމަށާއި ބެހެއްޓެވި ގާތްކަމަށް ފުލުހުންވަނީ ޝުކުރުއަދާކޮށްފައެވެ. އަދި ފުލުހުންނާއި މީޑިއާތަކާއިމެދު އޮންނަ ގުޅުން ހަރުދަނާކޮށް ކުރިއެރުވުމަށް އިޒްމިއާ ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާޙަގަކޮށް އެކަމަށްވެސް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި މިބަދަލަކީ އާންމު ޢުޞޫލުގެ މަތިން އިދާރީ ގޮތުން ގެނެވުނު ބަދަލުތަކުގެ ތެރެއިން ގެނެސްފައިވާ ބަދަލެއްކަމަށްވެސް ފުލުހުން ވިދާޅުވެފައިވާއިރު، މިނޫން އެހެން މަޤާމުތަކަށްވެސް ބައެއްކަހަލަ ބަދަލު ގެނެސްފައިވާކަން ފުލުހުންވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މިބަދަލާއެކު ފުލުހުންގެ ފަރާތުން މީޑިއާތަކަށް މިހާރުވެސް ދެއްވާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ރަނގަޅުވެގެން ދާޏެކަމަށް އުންމީދުކުރާކަމަށެވެ.

އިޒްމިއާ ޒާހިރު، ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާކަން އަންގާފައިވަނީ މިއަދުއެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާނުގެ މަސްއޫލިއްޔަތުން ދުރުކޮށްފައި މިވަނީ މަގާމުން ދުރުކުރަން އުޅޭކަމުގެ އަޑުތައްވެސް ފެތުރިފައި ވަނިކޮށެވެ. ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕޫން މިއަދުގެ ވަގުތެއްގައި އިޒްމިއާ އަމިއްލައަށް ވަނީ ނިކުމެވަޑައިގެންފައެވެ.

އިޒްމިއާ މީޑިއާތަކާއި މެދު ތަފާތުކުރުން ގެންގުޅުއްވާކަމަށް ބައެއް މީޑިއާތަކުން ތުހުމަތު ކުރައްވާއިރު ދާދި ފަހުން ވަގުތު ނޫހުގެ ނޫސްވެރިން ވަނީ އިޒްމިއާގެ އިސްތިއުފާވެސް ގޮވާލައްވާފައެވެ. ވަގުތު ނޫހުން މާފަށްއެދި ފޮނުވާފައިވާ ސިޓީއެއް ނޫސްވެރިން ތިބި ވަޓްސްއެޕް ގްރޫޕަކަށް އިޒްމިއާ ލީކް ކޮށްލާފައިވާއިރު އެސިޓީއަކީ ލީކް ނުކުރާނެކަމަށް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މަންނާން ވިދާޅުވެފައިވާ ސިޓީއެކެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާންގެ މަގާމަށް އައްޔަން ކުރެއްވި 2019 ވަނަ އަހަރުގެ ޖަނަވަރީ 01 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ