ލިބިފައިވާ ބާރުގެ ބޭނުންނުކޮށް، ބާސެލޯނާގެ މަޑުކުރަން އެކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ނިންމައިފިއެވެ.
ބާސެލޯނާއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާ ލިބޭ ބާރުތަކުގެ ތެރެއިން އެއްބަސް އުވާލުމުގެ ބާރު ކޮންމެ ޖޫން 30 އެއްގައި މެސީއަށް ލިބެއެވެ. އެހެންނަމަވެސް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން މެސީ މިއަހަރު ނިންމާފައެއްނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް 1 އަހަރު ބާސެލޯނާގައި ހަމަގައިމުވެސް މެސީ މަޑުކުރާނެއެވެ.
ބާސެލޯނާއާއެކު މެސީ މިހާރު ހަދާފައިވާ އެއްބަސް އަންނަ އަހަރުގެ ޖުލައި 1 ކަށް ހަމަވާނެއެވެ. މެސީ އެކްލަބުގައި އިތުރަށް ބަހައްޓަން ބޭނުންނަމަ މިމުއްދަތުގެ ތެރޭގައި ބާސެލޯނާއިން މެސީއާއެކު އާ އެއްބަސްވުމަކަށް އަންނަން ޖެހެއެވެ.
ފިފާގެ ޤަވާޢިދު ބުނާގޮތުން އުމުރުން 32 އަހަރު މެސީއަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިތުރު ކްލަބުތަކާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދިގު މުއްދަތަކަށް މެސީ ބާސެލޯނާގައި ބެހެއްޓުމަކީ އެކްލަބުގެ އަމާޒެވެ. އެހެންކަމުން ޖެނުއަރީގެ ކުރިން ބާސެލޯނާއިން މެސީއަށް އާ އެއްބަސްވުމެއް ހުށަހަޅާނެކަމަށް ބެލެވެއެވެ.
މީގެއިތުރުން މެސީ ބާސެލޯނާ ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ދާދިފަހުންވަނީ ފެތުރިފައެވެ. އެގޮތުން މިސީޒަން ނިމުމުން އިޓަލީގެ އިންޓަރ މިލާނަށް މެސީ ބަދަލުވާން އުޅޭކަމަށް ސްޕެއިންގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ.
ބެލޮންޑިއޯ އެވާޑް ހަފަރު ކާމިޔާބުކޮށްފައިވާ މެސީއަކީ ބާސެލޯނާގެ އެންމެ މުހިންމު އެއްކުޅުންތެރިޔާއެވެ. މިއީ މެސީ ބާސެލޯނާގައި ހޭދަކުރާ 20 ވަނަ އަހަރެވެ. މެސީ ބާސެލޯނާގެ ޔޫތު ޓީމާއި ގުޅުނީ 2000 ވަނަ އަހަރުގެ ޖުލައި 1 ގައެވެ.




