މެންބަރުންނަކީ ނުކުރާށޭ ބުނާ ކަމެއް ކުރަން ފޯރި ހުންނަ ބައެއް: މުސްތަފާ

ރައްިތުންގެ މަޖިލީހުގެ މެންބަރުންނަކީ ނުކުރާށޭ ބުނާ ކަމެއް ކުރަން ފޯރި ހުންނަ ބައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވަނީ، ރޭ ދަންވަރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.

އެގޮތުން މުސްތަފާ ވިދާޅުވީ، ގައިދުރުކޮށް ތިބޭށޭ އެންގީމާ އެކަކު އަނެކަކަށް ޖަލްސާގައި ބަނޑު މުސާރައަށް ބެއްދީކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މަޖިލީހުގެ މެންބަރުންގެ ބަހުރުވަ ނޭނގުނީކަމަށާއި، މެންބަރުން ކައިރީ އަސްލު ބުންނަންވާނީ ބައްދާށޭ، އޭރުން މެންބަރުން ނުބައްދާ ތިބޭނެކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

"މެންބަރުންނަކީ ނުކުރާށޭ ބުނާ ކަމެއް ކުރަން ފޯރި ހުންނަ ބައެއް." މުސްތަފާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް މުސްތަފާ ގެންދަވަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ރައްދުކުރަމުންނެވެ، އެގޮތުން މިސަރުކާރަކީ އެނބުރޭ ވަހުތާނެއްކަމަށް އެބޭފުޅާ ސިފަކުރައްވާފައިވެއެވެ.

ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ޖަލްސާއަކީ މިހާރު ހުރި ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށްޓަކައި ޤާނޫނު އަސާސީއަށް އިސްލާހުގެ ގެނައުމަށް ބޭއްވި ޖަލްސާއެކެވެ. މިޖަލްސާގައި ޤާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންނެވެ.

މިޖަލްސާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެސްވަނީ ވެފައެވެ. އަދި މިހަމަނުޖެހުމުގައި، ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް އަށް ހަމަލާދިނުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެންގެވި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންވަނީ ތުޙުމަތުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ