"އެހެނަސް" ސީޒަން 2 ގެ ޓްރެއިލާ ރިލީޒްކުރުން މިއަދު !

ބައިސްކޯފުން ގެނެސްދެމުން އަންނަ ރަވީ ފާރޫޤްގެ ކާމިޔާބު ވެބް ސީރީޒް “އެހެނަސް”ސީޒަން ދެއެއްގެ ޓްރެއިލާ މިއަދު ރިލީޒްކުރާނެއެވެ.

މިދިޔަ ހުކުރު ދުވަހު، އެހެނަސް ސީޒަން ދެއެއް ވަރަށް އަވަހަށް ގެނެސްދޭނެކަން ބައިސްކޯފުން ވަނީ އިއުލާންކޮށްފައެވެ. އެހެނަސް ސީޒަން 2 ޕްރީމިއާ ކުރާނެ ތަރީޙް ވަރަށް އަވަހަށް އެނގިގެން ދާނެކަން ހާމަކޮށް ރިޝްމީވެސް ވަނީ މި ވާހަކަ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ. އަދި އެއާއެކު އެހެނަސް ސީޒަން ދެއެއްގެ ޓްރެއިލާ މި ހަފްތާގެ ބުރާސްފަތި ދުވަހު ރިލީޒްކުރާނެކަންވެސް ވަނީ ހާމަކޮށްފައެވެ.

ޖިންސީ ގޯނާ އާއި ބުލީ ގެ ޝިކާރައަކަށް ވެފައިވާ ފިރިހެންކުއްޖެއްގެ ވާހަކަ ކަޔައިދިން މި ސީރީޒްގެ ދެވަނަ ސީޒަންގެ ޓީޒާއެއްވެސް މީގެ ކުރިން ވަނީ ދައްކާލައިފައެވެ.

އެހެނަސް ގެ ފުރަތަމަ ސީޒަންއަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ދިޔައިރު، ސީޒަން އެކެއް ނިއްމާލީ ސީޒަން ދެއަކަށް އިންތިޒާރުކުރުވާނެ އެތައް ސުވާލުތަކެއް އުފައްދަމުންނެވެ. އެގޮތުން ސިޒަން އެކެއްގެ ނިމިގެންދިޔައިރު ފެނިގެންދިޔަ ނިޔާގެ އަންހެނުން ޝާއިރާގެ ހަޤީގަތް ވެސް މި ސީޒަންގައި އެނގިގެންދާނެއެވެ.

އަދި މިއީ މި ސީރީޒްގެ ފަހު ސީޒަނަށް ވާއިރު، ނިޔާ އަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ ސިއްރުވެސް މުޅި ދުނިޔެއަށް ހާމަކުރާނެއެވެ. އެހެންކަމުން ސީޒަން ދެއެއް ވަރަށްވެސް ޝައުގުވެރިވާނެއެވެ.

ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ” ގެ މައްޗަށް އުފެއްދި މި ވެބް ސީރީޒްއަކީ، މުޖުތަމައުގައި ހިނގާ ނޭދެވޭ މައްސަލަތަކެއް ދައްކުވައިދޭ ސީރީޒްއެކެވެ. މި ސިރީޒް އިގްބާލްގެ ވާހަކައަށް ބިނާކޮށް ގެނެސްދީފައިވީނަމަވެސް، ސީރީޒްގައި އިތުރު ޓްވިސްޓްތައްވެސް ދައްކުވާދީފައިވެއެވެ.

އެހެނަސްގެ ފުރަތަމަ ސީޒަންގައި ޖުމްލަ 10 އެޕިސޯޑް ގެނެސްދީފައިވާއިރު، ދެވަނަ ސީޒަންގައި 12 އެޕިސޯޑު ގެނެސްދޭނެކަމަށް އެހެނަސްގެ ޑައިރެކްޓަރ ރަވީ ފާރޫގް ބުނެފައިވެއެވެ.

ސީރީޒް ގައި 99 ޕަސެންޓް އާ ފަންނާނުން ފެނިގެންދިޔައިރު، “އެހެނަސް” ގެ ލީޑް ކެރެކްޓަރ “ނިޔާޒް” ގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ވިޝާލް އެވެ. އަދި ލީޑު ބަތަލާގެ ރޯލުން ޝަރާޝަމާނާ، މަސީހް، ޝާރިފް، ޝިލްނާ ނަދީހް، މަރިޔަމް ވަހީދާ، ޔާމިން އަދި އުސާމް ފެނިގެންދެ އެވެ. މީގެ އިތުރުން މިވަގުތު ދާއިރާގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން ޝީލާ ނަޖީބް، މުހައްމަދު މަނިކް އަދި އަހްމަދު ޔުނާން މި ސީރީޒްއިން ފެނިގެންދެއެވެ. އަދި ޝާއިރާގެ ރޯލުން ފެނިގެންދިޔައީ، އައިޝަތު ރިޝްމީއެވެ.

އެހެނަސް ސީޒަން ދެއެއް ރިލީޒްކުރާނެ ތާރީޙް، ޓްރެއިލާ އިން އެނގިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ