"އެހެނަސް" ސީޒަން ބްރޭކަކަށް!

ބައިސްކޯފުން ގެނެސްދެމުން އަންނަ ރަވީ ފާރޫޤްގެ ކާމިޔާބު ވެބް ސީރީޒް "އެހެނަސް" ސީޒަން ބްރޭކަކަށް ގޮސްފިއެވެ. މިހާރު ދައްކަމުން އަންނަނީ މި ސީރީޒްގެ ދެވަނަ ސީޒަންއެވެ.

"އެހަނަސް" ގެ އެންމެ ފަހު ސީޒަން ނިމެން ބާކީ އިތުރު 2 އެޕިސޯޑު އޮތްއިރު، އެންމެ ފަހުން ނިކުމެފައިވަނީ ސީޒަން ދެއެއްގެ 8 ވަނަ އެޕިސޯޑެވެ. އެހެނަސް ސީޒަން ބްރޭކަކަށް ގޮސްފައިވާކަން، ސީރީޒްގެ ރަސްމީ ފޭސްބުކް އެކައުންޓްގައި އިއްޔެ ވަނީ ހިއްސާކޮށްފައެވެ. އަދި "އެހެނަސް" އިން ބުނީ، ދެން އަންނަ ބުރާސްފަތި ދުވަހު ސީރީޒް އެނބުރި  އަންނާނެކަމަށެވެ.

“އެހެނަސް” ސީރީޒް އަކީ، ވާހަކަ ލިޔުންތެރިޔާ “އަހުމަދު އިގްބާލް” ގެނެސްދިން މަޤުބޫލުވެގެންދިޔަ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ” ގެ މައްޗަށް ބިނާކޮށް ރަވީ ފާރޫޤް ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ. އަދި މި ވާހަކައިގައި ކިޔައިދެނީ ޖިންސީ ގޯނާ އާއި ބުލީ ގެ ޝިކާރައަކަށް ވެފައިވާ ފިރިހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ހިތްދަތި ހާދިސާތަކެކެވެ. އެގޮތުން މި ފިރިހެންކުއްޖާއަށް، ގޭތެރެއިންނާއި އަދި މުޖުތަމަޢުގެ ތެރެއިންވެސް ބުލީއާއި ޖިންސީ ފުރައްސާރައާއި ކުރިމަތިލާންޖެހެއެވެ.

މި ސީރީޒް ވެގެންގޮސްފައިވަނީ، މިހާތަނަށް އުފެއްދި އެންމެ ކޮންޓްރޮވާޝަލް އެއް ސީރީސްއަށްވެސްމެއެވެ. ދާދިފަހަކުން، މި ސީރީޒްގެ ދެވަނަ ސީޒަންގެ މަންޒަރުތަކެއް ރެކޯޑްކޮށް، ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު، ގިނަ ބަޔަކު ވަނީ ސީރީޒްއަށް ފާޑުކިޔާފައެވެ. މި މަންޒަރުގައި ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އަޑު އިވިގެންދާތީވެ، ގިނަ ބަޔަކު ވަނީ މި ސީރީޒްގައި މުހާތަބު ކުރާ ބަހުރުވައައާއި ދައްކާ މަންޒަރުތައް ދިވެހި މުޖުތަމަޢުއާއި ނުގުޅޭ ކަމަށް ބުނެފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި ވައިރަލްވުމާއެކު، ރިޝްމީ ބުނެފައިވަނީ، މި ސީރީޒްގައި ފެނިގެންއެދަނީ އޭނާ އަދާކޮށްފައިވާ ކެރެކްޓަރ ކަމަށާއި، އަދި އަމިއްލަ ދިރިއުޅުމުގައި ރިޝްމީއަކީ އަބަދުވެސް އަހްލާޤް ހިފެހެއްޓުމަށް މަސައްކަތް ކުރާ ފަރާތެއްކަމަށެވެ. އަދި މި ސިރީޒްގެ މަންޒަރުތައް އެގޮތަށް ގެނެސްދީފައިވަނީ، މިއީ މުޖުތަމަޢުގައި އަސްލަށްވެސް ހިނގާކަންކަމަށް ވާތީވެ، މީހުން ހޭލުންތެރިކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޓީވީ ޗެނަލަކުން ނުގެނެސްދީ، ބައިސްކޯފަށް ފައިސާ ދައްކައިގެން އާއްމުންނަށް ބެލޭނެ ގޮތަށް ސީރީޒް ދެއްކީވެސް މި ސަބަބާއި ހުރެކަމަށް ރިޝްމީ ވަނީ ބުނެފައެވެ.

"އެހެނަސް"ގެ ދެވަނަ ސީޒަންއަށް ފާޑުކިޔުން އަމާޒުވިކަމުގައިވިޔަސް، މިއީ ބައިސްކޯފުން އެންމެ ގިނަ ބަޔަކު ބަލާ އެއް ސީރީޒްއެވެ. އަދި ގިނަ ބައެއްގެ ތަރުހީބުވެސް ވަނީ ސީރީޒްއަށް ލިބިގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ