ކޮވިޑް-19 އަކީ ޗެލްސީގައި މަޑުކުރަން ނިންމި ސަބަބެއް: ޖިރޫޑު

ކޮވިޑް-19 އަކީ އިންގްލޭންޑްގެ ޗެލްސީގައި މަޑުކުރަން ނިންމި ސަބަބެއްކަމަށް އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ އޮލިވަރ ޖިރޫޑު ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޖިރޫޑަށް ޔޫރަޕުގެ ގިނަ ކްލަބުތަކަކުން ދިޔައީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެހެންނަމަވެސް އެފުރުޞަތުތައް ދޫކޮށްލުމަށްފަހު ކޯޗު ލަމްޕާޑު އާއެކު މަސައްކަތްކުރުމަށް ޖިރޫޑްވަނީ ނިންމާފައެވެ.

ޖިރޫޑް ބުނީ، ޗެލްސީ އޭނާއަށް ވަރަށް ކަމުދާކަމަށެވެ. ބޭނުމަކީ ޗެލްސީއާއެކު ވީހާވެސް ގިނަ ކާމިޔާބީތަކެއް ހޯދުންކަމަށާއި، ކޯޗު ލަމްޕާޑު ބޭނުންވާފަދަ ކުޅުންތެރިއަކަށް ވެވޭތޯ މަސައްކަތްކުރާނެކަމަށްވެސް އޭނާ ބުންޏެވެ.

"އެހެން ނޫނަސް މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، އާޢިލާއާއެކު އެހެންތާކަން ބަދަލުވާން ބޭނުމެއް ނޫން." ޖިރޫޑް ބުންޏެވެ.

ޗެލްސީގެ ފުރަތަމަ 11 އިން ޖިރޫޑަށް ފުރުޞަތު ގެއްލި މިއަހަރު ކުރީ ކޮޅު އޭނާ ޗެލްސީ ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވީނަމަވެސް، ޖިރޫޑު  ޗެލްސީގައި މަޑުކުރުވޭތޯ މަސައްކަތް ކުރާނަނެކަމަށް ކޯޗު ފްރޭންކް ލަމްޕާޑް މީގެކުރިންވަނީ ބުނެފައެވެ.

ޗެލްސީގެ ޓީމުން ޖިރޫޑްއަށް ފުރުޞަތު ގެއްލިފައިވަނީ ޓެމީ އަބްރަހަމް މިފަހަކަށް އައިސް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން 13 ލަނޑު އަބްރަހަމް ޗެލްސީއަށް ކާމިޔާބުކޮށްދީފައިވާއިރު، އުމުރުން 33 އަހަރުގެ ޖިރޫޑަށް ކާމިޔާބުކުރެވުނީ 9 މެޗުން 2 ލަނޑެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުން ޖިރޫޑަށް ފުރުޞަތު ލިބިފައިވަނީ އެންމެ ދެ މެޗުންނެވެ.

އާސެނަލް ދޫކޮށް ޗެލްސީއާއި ޖިރޫޑު ގުޅުނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޖިރޫޑް މިހާތަނަށް ޗެލްސީއަށް ޖުމްލަ 76 މެޗު ކުޅެދީފައިވާއިރު، އޭނާވަނީ 21 ލަނޑުޖަހައި 13 އެސިސްޓް ހަދާފައެވެ.

ޕްރިމިއާ ލީގު އަލުން ފެއްޓުމަށް ނިންމާފައިވަނީ މިފެށޭ ޖޫން 17 ވަނަ ދުވަހުއެވެ. ކޮވިޑް-19 އާއި ގުޅިގެން މާރޗް 13 ވަނަ ޕްރިމިއަރ ލީގު މެދުކަނޑާލާފައިވާއިރު، އެސްޓަންވިލާއާއި ޝެފީލްޑް ޔުނައިޓެޑް އަދި މެންޗެސްޓާރ ސިޓީއާގެ އިތުރުން އާސެނަލް ފިޔަވައި ހުރިހާ ޓީމަކުންވަނީ ޖުމްލަ 29 މެޗުކުޅެފައެވެ. މިހަތަރު ޓީމު ކުޅެފައިވަނީ ޖުމްލަ 28 މެޗެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ