އެސްޓީއޯ ސުޕަމާޓް އާންމުންނަށް ހުޅުވާލައިފިއެވެ.
އެސްޓީއޯ ސުޕަމާޓްގެ އިތުރުން، ސުޕަމާޓުގެ ހޯލްސޭލް ސެންޓަރު ވެސް ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.
އެސްޓީއޯ އިން ބުނީ، ސުޕަމާޓު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ.
އެސްޓީއޯ އިން ވަނީ ސުޕަމާޓަށް ވިޔަފާރިކުރަން ދާ ކަސްޓަމަރުން އަމަލު ކުރަންޖެހޭ ވަކި އުސޫލުތަކެއް ވެސް ކަނޑައަޅާފައެވެ. އެގޮތުން، މާސްކް އެޅުމާއި ފިހާރަ އަށް ވަނުމުގެ ކުރިން ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމުގެ އިތުރަށް، ކޮންމެ ގަޑިއެއްގައި ވެސް ވިޔަފާރިކުރުމަށް ފިހަރާއަށް ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށެވެ. އަދި ފިހާރަ ތެރޭގައި އުޅޭއިރު، ކޮންމެ ދެ މީހެއްގެ ދެމެދު އެއް މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
މީގެ އިތުރުން، އެސްޓީއޯ އިން ވަނީ، ކޮންމެހެން ގަންނަން ބޭނުންނުވާ ތަކެތި ފިޔަވައި އެހެން ތަކެތީގެ އަތް ނުލުމަށާއި ވީހާވެސް އަވަހަށް ވިޔަފާރިކޮށް ނިންމުމަށްވެސް އިލްތިމާސްކޮށްފައެވެ.