ޗެމްޕިއަންސް ލީގުގައި ވާދަކުރަން ޕީއެސްޖީ އޮތީ ތައްޔާރަށް: ނަވާސް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރަން ޕީއެސްޖީ ތައްޔާރަށް އޮތްކަމަށް އެކްލަބުގެ ކީޕަރު ކޭލާ ނަވާސް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީއަށް މިހާތަނަށް އުފުލާލެވިފައިނުވާއިރު، އެމުބާރާތަކީ ޕީއެސްޖީގެ އެންމެ ބޮޑު އަމާޒެވެ. ބޮޑު ޚަރަދު ކުރުމަށްފަހު މޮޅެތި ކުޅުންތެރިން އެކްލަބަށް ގެނައުމުގެ ބޭނުމަކީވެސް އެއީއެވެ. ވޭތުވެދި 8 ސީޒަންގައިވެސް ދެވަނަ ބުރަށް ދަތުކުރުކޮށްފައިވާ ޕީއެސްޖީއަށް ކުއާޓާރ ފައިނަލް ފަހަނަ އަޅައި އަދި ދެވޭގޮތްވަނީ ނުވެފައެވެ. އޭގެތެރޭގައި ފުރަތަމަ ލެގުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު ބާސެލޯނާއަތުން 2017 ވަނަ އަހަރު ދަށްވި މަޝްޙޫރު މެޗާއި، 3-1 ގެ ނަތީޖާއަކުން ކުރީގައިއޮތުމަށްފަހު މިދިޔަ އަހަރު މެންޗެސްޓާރ ޔުނައިޓެޑް އަތުން ދަށްވި މެޗު ހިމެނެއެވެ.

އެހެންނަމަވެސް މިސީޒަންގައި ޓީމު އޮތީ ވަރަށް ތައްޔާރަށްކަމަށާއި، މިމުބާރާތުގެ މުހިންމުކަން އެނގޭއިރު، ހުރިހާ ކުޅުންތެރިންވެސް މިމުބާރާތް ކާމިޔާބުކުރުމަށް ގަދަ އަޅާ މަސައްކަތްކުރާކަމަށް ނަވާސް ބުންޏެވެ. ނަވާސް ބުނީ ޕީއެސްޖީ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ޒިންމާ އެނގޭކަމަށާއި، ޗެމްޕިއަންސް ލީގުގައި ވާދަކުރަން ޕީއެސްޖީ އޮތީ ތައްޔާރަށްކަމަށެވެ.

"ޗެމްޕިއަންސް ލީގަކީ އުނދަގޫ މުބާރާތެއް. އެކަމު އެއީ ކާމިޔާބު ނުކުރެވޭނެ މުބާރާތެއް ނޫން." ނަވާސް ބުންޏެވެ.

ކޮވިޑް-19 އާއޮ ގުޅިގެން ފްރާންސްގެ ލީގު ކެންސަލްކޮށް، ޕީއެސްޖީއަށް މުބާރާތުގެ ޗެމްޕިއަންކަންވަނީ ދީފައެވެ. ވޭތުވެދިޔަ 8 ސީޒަންގައި 7 ފަހަރެއްގެ މަތިން ޕީއެސްޖީވަނީ ލީގު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީއިން އެންމެ ފަހުން ފުޓްބޯޅަ މެޗެއް ކުޅެފައިވަނީ މިދިޔަ މާރޗް މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ބުރުގައި ޖަރުމަނުގެ ބޮރޯސިއާ ޑޯޓުމުންޑާއި ދެކޮޅަށް ކުޅުނު މެޗެވެ. ޑޯޓުމުންޑުގައި ކުޅުނު ފުރަތަމަ ލެގުން 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ދަށްވިނަމަވެސް، އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގު މެޗުން 2-0 ގެ ނަތީޖާއަކުން ޑޯޓުމުންޑު ބަލިކޮށް ޕީއެސްޖީވަނީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޗެމްޕިއަންސް ލީގު މެދުކަނޑާލާފައިވަނީ ދެވަނަ ބުރު (ގަދަ 16) ގެ މެޗުތައް ކުރިއަށްދަނިކޮށެވެ. ދެވަނަ ބުރުގެ ހަތަރު މެޗެއް އަދިވެސް ނުކުޅެ އޮތްއިރު މިމުބާރާތް އެނބުރި އަންނާނެ ވަކި ތާރީޚެއް ޔޫއެފާއިން އަދި އިޢުލާންކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ފްރާންސް ފިޔަވައި ޔޫރަޕްގެ ވަރުގަދަ އެހެން ލީގުތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ޖަރުމަނުންވަނީ ބުންޑެސްލީގާ މެއި 16 ގައި ފަށާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ