ރައްޔިތުންގެ މަޖިލީސް ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއަށް ކުރި އަނިޔާ ކުއްވެރިކޮށް ނައިފަރުގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
މިއަދު ހަވީރު 16:45 ހާއިރު ފެށުނު މިމުޒާހަރާ ކުރިއަށް ގޮސްފައިވަނީ އެރަށު، ޕީޕީއެމް ޖަގަހަ ސަރަޙައްދު މަގުމަތީގައެވެ.
މިމުޒާހަރާއަކީ ކައުންސިލަރުންގެ ދައުރު ދިގުދައްމާލުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ފެށި މަޖިލީހުގެ ޖަލްސާގައި ޕީ.ޕީ.އެމް.ގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމް ނެންގެވި ނިޒާމީ މައްސަލައަށް ފުރުޞަތު ދެއްވުމެއް ނެތި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އެމަނިކުފާނުގެ ނަން އިއްވުމަށްފަހު، ރިޔާސަތުގެ އަމުރަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން އެއްވެ، އެމަނިކުފާނަށް އަނިޔާ ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ކުރަމުންދާ މުޒާހަރާއެކެވެ. ނައިފަރުގައި ކުރިއަށްދިޔަ ސުލްޙަވެރި މިމުޒާހަރާ ފުލުހުން މިހާރުވަނީ ހުއްޓުވާފައެވެ.
ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޝާހިދު މިނޫހަށް ވިދާޅުވީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއަށް މަޖިލީހުގައި ކުރި އަނިޔާ ކުއްވެރިކޮށް ޕީޕީއެމް ސަޕޯރޓަރުން އެރަށުގައި ޝުއޫރުފާޅުކޮށް އެއްވުމެއް ބާއްވާފައިވާކަމަށެވެ. އަދި މިއެއްވުން ކުރިއަށް ގޮސްފައިވަނީ މާސްކްއަޅައިގެން އިޖުތިމާޢީ ގައިދުރުކަން ބަހައްޓައިގެން ކުރިއަށް ގެންދިޔަ އެއްވުމެއްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ، މިއެއްވުމަކީ ސުލްޙަވެރި އެއްވުމެއްކަމަށާއި، އެއްވުމުގައި އެއްވެސްކަހަ ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ މަނާކަމެކެވެ.
ހިޔާލު
Thihen Chamen thelhi thelhi thibey. Annie athaku nujeheyne.