ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

ހަފްތާއެއްގެ ތެރޭ 776 ވެހިކަލްގައި ފުލުހުން ސްޓިކާ ޖަހައިފި

ވޭތުވެދިޔަ ހަފްތާގައި ޕާކް ކުރުމުގެ އުޞޫލުތަކާ ޚިލާފުވެގެން 776 އުޅަނދެއްގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބުތައް ފުލުހުން އާއްމުކޮށްފައިވާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި 776 އުޅަނދުގައި ސްޓިކާ ޖެހުމުގެ އިތުރުން ޕާކް ކުރުމުގެ އުޞުލުތަކާ ޚިލާފުވި ހަތަރު ފުރޮޅުލީ 13 އުޅަނދަކާއި، 23 ސައިކަލް ޓޯކޮށްފައިވެއެވެ.

ޓްރެފިކް ސްޓިކާއަށް ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރުނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ. އެގޮތުން މިދިޔަ ހަފްތާ ތެރޭގައި 776 އުޅަނދެއްގައި ސްޓިކާ ޖެހިއިރު، 500 ގެ ރޭޓުން ބަލާނަމަ އެއީ ޖޫރިމަނާގެ ގޮތުގައި 388000 (ތިންލައްކަ އައްޑިހާ އަށްހާސް) ރުފިޔާއެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ އަލަށް އިންތިޚާބުވި އެމްޑީޕީގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ވެރިކަމާއި އެ ޕާޓީން ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލިނަމަވެސް ދާދި ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.

ފުލުހުން އަލުން ޕާކިން ސްޓިކާ ޖަހަން ފަށާފައި ވަނީ މާލޭގެ ނުވަ ސަރަހައްދެއްގައި ގަވާއިދާ ހިލާފަށް ޕާކް ކުރުމުންނެވެ. އެ ސަރަހައްދުތަކަކީ މިސްކިތްތައް ކައިރި އާއި، ކަފިހި ހުރަސްތަކާއި، ގޯޅިތަކުގެ ކަންމަތީގައާއި، ސްކޫލްތައް ކައިރިއާއި، ހޮސްޕިޓަލްތައް ކައިރިއާއި، ބޭންކްތައް ކައިރިއާއި، ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދާއި، ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދުތަކާއި، ޑަބަލް ލައިން ދަމާފައިވާ ސަރަހައްދުތަކެވެ.

މާލޭގެ ޕާކް ކުރުމުގެ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލުން ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ