ރިޒޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ފޮނުވަން އެދިއްޖެ

ރިޒޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމް އަށް އެންގުމަށް އެ މިނިސްޓްރީން އެދިވަޑައިގަންނަވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގ ގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގ ގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިޒޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިޒޯޓުތަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފައިވާ ކަމަށެވެ.

އަދި މޮނިޓަރިންގ ގެ ހާލަތަށްލެވިފައިވާ ރަށްރަށުންނާއި، މޮނިޓަރިންގ ގެ ހާލަތު ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިޒޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެރިޒޯޓެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށްފަހު ވަޒީފާއަށް ނުކުތުން އެންމެ ރަނގަޅުކަމަށް ވެސް އެޗްޕީއޭ އިން ވަނީ ނިންމަވާފައި ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ވީމާ، މިގޮތަށް ރަށްރަށުން ރިޒޯޓުތަކަށްދާ މުވައްޒަފުންގެ މައުލޫމާތު އެޗްޕީއޭ އަށް އެންގުމަށް އެއޭޖެންސީން އަންގަވާފައިވާތީ، ރިޒޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ހޮޓްލައިން 7223131 އަށް ނުވަތަ އީމެއިލް [email protected] އަށް ފޮނުއްވުމަށް އެދޭކަމަށްވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ ރިސޯޓުތަކުންނެވެ. ކޮވިޑް-19 ރާއްޖޭގައި މިހާރު ކޮންމެސް މިންވަރަކަށް ކޮންޓްރޯލް ކުރެވެމުން އަންނައިރު ސަރުކާރުން މިހާރު އަންނަނީ އިގުތިސާދީ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

މިލިޔުން ކިޔާލުމުން
3111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ