ޓޮޓޭންހާމްއިން ކޮވިޑް-19 ޕޮޒިޓިވް ކޭސްއެއް ފެނިއްޖެއެވެ.
ޓޮޓޭންހާމްއިން އެކަށް ކަށަވަރުކޮށްދީފައިވީނަމަވެސް، އެއީ ކޮން ކުޅުންތެރިއެއްކަމަށް އެކްލަބުން ހާމަކޮށްފައެއް ނުވެއެވެ.
"މިކްލަބުން އެންމެފަހުން ކޮވިޑް-19 އަށް ކުރި ޓެސްޓް ތަކުގެ ތެރެއިން 1 ކޭސް ޕޮޒިޓިވްވެފައިވާކަންވަނީ އަންގާފައި." ޓޮޓޭންހާމްގެ ބަޔާނުގައިވެއެވެ.
އަދި ޕޮޒިޓިވްވި މީހާ 7 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރަންޖެހޭނެކަމަށާއި، ޕްރިމިއާ ލީގުގެ ޕްރޮޓޯކޯލްތަކާއެއް ގޮތަށް އެކްލަބުގެ ޓްރެއިނިންގ ސެންޓަރުގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެކަމަށްވެސް އެކްލަބުންވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް އެންމެ ފަހުން ޓެސްޓްކުރި ބުރުގައި އެއް ޕޮޒިޓިވް ކޭސް ފެނިފައިވާކަން ޕްރިމިއާ ލީގުންވެސްވަނީ ހާމަކޮށްފައެވެ.
“1 ޖޫން ވީ ހޯމަ ދުވަހުން 2 ޖޫން ވީ އަންގާރަ ދަވަހަށް، ކްލަބުތަކުގެ ކުޅުންތެރިންނާއި ސްޓާފުން ހިމެނޭގޮތަށް ކޮވިޑް-19 އަށް 1197 ޓެސްޓެއްވަނީ ހެދިފައެވެ. އަދި އޭގެތެރެއިން 1 ސާމްޕަލްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި.” ޕްރިމިއާ ލީގުން ނެރެފައިވާ ބަޔާނެއްގައިވެއެވެ.
މިއީ ކޮވިޑް-19 އަށް ޕްރިމިއާ ލީގުން ޕޮޒިޓިވްވި 13 ވަނަ ކޭސްއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ މާރޗްމަހު މެދުކަނޑާލި އިންގްރޭސި ފުޓްބޯޅަ އަލުން ފެއްޓުމަށް ތައްޔާރުވަމުން އަންނައިރު، ޓީމުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ފުރަތަމަ ބުރުގައި ޕޮޒިޓިވް 6 ކޭސް ފެނިފައިވާއިރު، ދެވަނަ ބުރުގައި ފެނިފައިވަނީ 2 ކޭސް އެވެ. އަދި ތިންވަނަ ބުރުގައި ޕޮޒިޓިވް 4 ކޭސްއެއް ފެނިފައިވެއެވެ. ހަތަރުވަނަ ބުރު ދިޔައީ ޕޮޒިޓިވް އެއްވެސް ކޭސްއެއް ނުފެނިއެވެ.
ޕްރިމިއާ ލީގު އަލުން ފެއްޓުމަށް ނިންމާފައިވަނީ މިފެށޭ ޖޫން 17 ވަނަ ދުވަހުއެވެ. ކޮވިޑް-19 އާއި ގުޅިގެން މާރޗް 13 ވަނަ ޕްރިމިއަރ ލީގު މެދުކަނޑާލާފައިވާއިރު، އެސްޓަންވިލާއާއި ޝެފީލްޑް ޔުނައިޓެޑް އަދި މެންޗެސްޓާރ ސިޓީއާގެ އިތުރުން އާސެނަލް ފިޔަވައި ހުރިހާ ޓީމަކުންވަނީ ޖުމްލަ 29 މެޗުކުޅެފައެވެ. މިހަތަރު ޓީމު ކުޅެފައިވަނީ ޖުމްލަ 28 މެޗެވެ.
އަލުން ލީގު ފަށާއިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖައްސާފައިވަނީ އެސްޓޮން ވިލާ އިން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ.
25 ޕޮއިންޓްގެ ލީޑަކާއެކު ލިވަޕޫލްއިން ތާވަލްގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ސިޓީއަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. އަދި ތިންވަނާގައި ލެސެސްޓާ ސިޓީ އޮތްއިރު ހަތަރުވަނާގައި އޮތީ ޗެލްސީއެވެ. މެންޗެސްޓާރ ޔުނައިޓެޑަށް ފަސްވަނަ ލިބެނީ ހަތަރުވަނާގައި އޮތް ޗެލްސީއަށްވުރެ 3 ޕޮއިންޓް މަދުން ލިބިގެންނެވެ.




