ބައިސްކޯފުން ގެނެސްދެމުން އަންނަ ރަވީ ފާރޫޤްގެ ކާމިޔާބު ވެބް ސީރީޒް “އެހެނަސް”ސީޒަން ދެއެއްގެ ޓްރެއިލާ ދައްކާލައިފިއެވެ. އަދި ބެލުންތެރިން ކުރަމުން އައި ދިގު އިންތިޒާރީއަށް ނިއްމުން އަންނަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
އެހެނަސް ސީޒަން 2 ޕްރީމިއާ ކުރަން ހަމަޖެހިފައިވަނީ ޖޫން 18 ގައި ކަން ހާމަކުރީ، މިއަދު ދައްކާލި ސީޒަން ދެއެއްގެ ފުރިހަމަ ޓްރެއިލާއާއެކުއެވެ.
ޖިންސީ ގޯނާ އާއި ބުލީ ގެ ޝިކާރައަކަށް ވެފައިވާ ފިރިހެންކުއްޖެއްގެ ވާހަކަ ކިޔައިދިން މި ސީރީޒްގެ ދެވަނަ ސީޒަންގެ ޓްރެއިލާ ފެށިގެން އައީ ސީރީޒްގެ ލީޑު ނިޔާ ގެ މަންޒަރުތަކުންނެވެ. ޓްރެއިލާއިން ސީޒަން ދެއެއްގައި ހިނގާނެ ކަންތައްތަކުގެ ވާހަކަ މާ ބޮޑަށް އޮޅުން ފިލުވައި ނުދިނަސް، ނިޔާގެ މަންމަގެ ކެރެކްޓަރ ކުޅެދިން ޝީލާގެ ވަރުގަދަ މަންޒަރެއް ފެނިގެންދިޔައެވެ. އެގޮތުން ނިޔާއަށް އަނިޔާނުކުރުމަށް އެދި ރޮއި ހޭރޭ މަންޒަރުން ފެންކަޅި ކޮށްލިއެވެ.
މީގެ އިތުރުން، ސީޒަން އެކެއްގެ ނިމިގެންދިޔައިރު ފެނިގެންދިޔަ ނިޔާގެ އަންހެނުން ޝާއިރާގެ ވަރުގަދަ މަންޒަރެއްވެސް ޓްރެއިލާގެ ތެރެއިން ދައްކާލައެވެ. އެގޮތުން ހީކުރި ގޮތާއި ހިލާފަށް ޝާއިރާ ނިޔާއާ ދިމާލަށް ހަޅޭއްލަވާ ހުތުރު ބަހުން ހަޅޭއްލަވާތަން މި މަންޒަރުން ފެނުނެވެ.
"އެހެނަސް"ގެ ދެވަނަ ސީޒަންގައި ފުރަތަމަ ސީޒަނުން ނުފެންނަ ދާއިރާއަށް މުޅިން އާ ދެތިން ތަރިއަކުވެސް ފެނިގެންދިޔަކަން ފާހަގަކުރެވުނެވެ.
އެހެނަސް ގެ ފުރަތަމަ ސީޒަންއަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެން ދިޔައިރު، ސީޒަން އެކެއް ނިއްމާލީ ސީޒަން ދެއަކަށް އިންތިޒާރުކުރުވާނެ އެތައް ސުވާލުތަކެއް އުފައްދަމުންނެވެ. އެގޮތުން ސިޒަން އެކެއްގެ ނިމިގެންދިޔައިރު ފެނިގެންދިޔަ ނިޔާގެ އަންހެނުން ޝާއިރާގެ ހަޤީގަތް ވެސް މި ސީޒަންގައި އެނގިގެންދާނެއެވެ.
އަދި މިއީ މި ސީރީޒްގެ ފަހު ސީޒަނަށް ވާއިރު، ނިޔާ އަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ ސިއްރުވެސް މުޅި ދުނިޔެއަށް ހާމަކުރާނެއެވެ. އެހެންކަމުން ސީޒަން ދެއެއް ވަރަށްވެސް ޝައުގުވެރިވާނެއެވެ.
އެހެނަސްގެ ފުރަތަމަ ސީޒަންގައި ޖުމްލަ 10 އެޕިސޯޑް ގެނެސްދީފައިވާއިރު، ދެވަނަ ސީޒަންގައި 12 އެޕިސޯޑު ގެނެސްދޭނެކަމަށް އެހެނަސްގެ ޑައިރެކްޓަރ ރަވީ ފާރޫގް ބުނެފައިވެއެވެ.




