ސްޕެއިންގެ ސަރުކާރަށް ނުދައްކާ އޮތް ޓެކްސް ފައިސާ ޖޫރުމަނާއާއެކު ދައްކަށް އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޑިއޭގޯ ކޯސްޓާ އެއްބަސްވެ، ޖަލު ޙުކުމުން ސަލާމަތްވެއްޖެއެވެ.
ކޯސްޓާ ޓެކްސްއަށް މަކަރު ހަދާފައިވަނީ 2014 ވަނަ އަހަރު ޗެލްސީއަށް ބަދަލުވިއިރުއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އެއްމިލިއަނަށްވުރެ ގިނަ ޔޫރޯ ކޯސްޓާ ނުދައްކާއޮތްކަން ކޯޓަށްވަނީ ފަޅާއަރާފައެވެ. ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ޝަރީޢަތުގައި ނުދައްކާވާ ޓެކްސް ފައިސާގެ އިތުރުން ޖޫރުމަނާގެ ގޮތުގައި 543000 ޔޫރޯއިން ކޯސްޓާވަނީ ޖޫރުމުނާކޮށްފައެވެ. އަދި ހަމަހުގެ ޖަލު ޙުކުމެއްވެސްވަނީ އައިސްފައެވެ.
އެހެންނަމަވެސް އިތުރަށް 36500 ޔޫރޯގެ ޖޫރުމަނާއެއް ދެއްކުމަށް ކޯސްޓާ އެއްބަސްވުމުން ޖަލު ޙުކުމުން އޭނާވަނީ ސަލާމަތްވެފައެވެ.
ސްޕެއިންގެ ޤާނޫނުގައި ވާގޮތުން އަނިޔާވެރިކުށެއް ނުކޮށް ދެއަހަރަށްވުރެ މަދު މުއްދަތަކަށް އަންނަ ޖަލު ޙުކުމްތަކުން ޖޫރުމަނާއާއެކު، ސަލާމަތްވުމުގެ ފުރުޞަތު އޮވެއެވެ.
ކޯސްޓާއަކީ ޓެކްސްއަށް މަކަރު ހެދި ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާއެއް ނޫނެވެ. އެހެންނަމަވެސް މަޝްހޫރު އެތަށް ކުޅުންތެރިންނެއް ޓެކްސް ފައިސާއަށް މަކަރު ހަދާފައިވަނިކޮށް ހޯދާފައެވެ. އޭގެ ތެރޭގައި މެސީ އަދި ނޭމާގެ އިތުރުން ކްރިސްޓްިއާނޯ ރޮނާލްޑޯވެސް ހިމެނެއެވެ. މިކުޅުންތެރިންނަށްވެސް އައި ޖަލު ޙުކުމުން ސަލާމަތްވެފައިވަނީ ނުދެއްކިވާ ޓެކްސް ފައިސާގެ އިތުރުން ޖޫރުމުނާ ފައިސާ ދައްކަން އެއްބަސްވުމާއި ގުޅިގެންނެވެ.
މެސީއަށް 252000 ޔޫރޯގެ ޖޫރުމަނާއެއް އައިސްފައިވާއިރު، ރޮނާލްޑޯއަށްވަނީ 18.8 މިލިއަން ޔޫރޯގެ ޖޫރުމަނާއެއް އައިސްފައެވެ.




