ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގައި މެންބަރެއްގެ ގަޔަށް އަތްލާ އަނިޔާ ކުރުމަކީ ޖިނާއީ ކުށެއް ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ މިހެން ވިދާޅުވެފައި މިވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރޭ ދެއްކެވި ވާހަކަ ފުޅާއި ގުޅިގެން އެމްޑީޕީގެ ޗެއަރ ޕާސަން ޙަސަން ލަޠީފް މަޖިލީހުގެ ނިޒާމަށް ހުރަސްއަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރ އިމްރާން ހުރެގެން ނުވާނެކަމުގައި ވިދާޅުވެފައި ވަނިކޮށެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދަޢުރު ދިގު ދަންމާލުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުއާމެދު ގޮތެއް ނިންމުމަށް ޖޫން 2 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވުމުން މަޖިލީހުން އޭނާ ނިކުމެވަޑައިގަތުމަށް ދެކޮޅު ހެދުމުން މެންބަރުންތަކެއް ވެގެން ވަނީ އޭނާ މަޖިލީހުން ބޭރުކޮށްފައެވެ.
ޝިޔާމް މަޖިލީހުން ބޭރު ކުރުމުގެ ތެރޭގައި އޭނާ އަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް އިދިކޮޅުން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އެމައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.
މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ރޭ ވިދާޅުވެފައިވަނީ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ފުލުހުންނަށް ހުށަހަޅާފައިވާތީ، އެކަން އިންސާފުވެރިކަމާއެކު ތަހުގީގު ކުރާނެ ކަމަށާއި، އަދި ހުރިހާ ފަރާތަކަށްވެސް އިންސާފު ހޯދައްވައި ދެއްވާނެކަމަށެވެ.
ރީކޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖްލިސް މެމްބަރަކަށް މަޖްލިސްތަޅުމުގައި އިމްތިޔާޒް ލިބެނީ ހުށަހެޅިފައިވާ މައްސަލައިގާ ފެންނަގޮތަކަށް ބަހުސް ކުރުމާ ފެންނަގޮތަކަށް ވޯޓުދިނުމަށް ކަމަށެވެ. އަދި އެއްވެސްޙާލެއްގާ މެމްބަރެއްގެ ގަޔަތް އަތްލާ އޭނާއަށް އަނިޔާއެއްވާނެގޮތަކަށް އަމަލުކުރުމަކީ އިމްތިޔާޒެއް ނޫންކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށެވެ.




