މީސްމީޑިއާ މެދުވެރިކޮށް މަޝްހޫރު ފަރާތްތައް އެމީހުންގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެކި ކަންކަން ކޮށް އުޅެއެވެ. އޭގެތެރެއިން އެއްކަމަކީ، އެމީހުންގެ ފޭނުންނަށް ނުވަތަ ސަޕޯޓަރުންނަށް ހިލޭ ދޫކޮށްލާ އަގުބޮޑެތި ހަދިޔާތަކެވެ. ދުނިޔޭގެ މަޝްހޫރު އެހެން ސެލެބްރިޓީންއެކޭ އެއްފަދައިން، ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް މިފަދަ ކަންކަން ކުރިއަށް ގެންދިއުން މިހާރު ވަރަށް ބޮޑަށް އާއްމުވެއްޖެއެވެ.
އެގޮތުން މިހާރު އެންމެ ގަދަޔަށް މީސްމީޑިއާގައި ދެކެވެމުންދާ އެއް ވާހަކައަކީ، ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނަގެ ސަޕޯޓަރުންނަށް ދޫކޮށްލާ އަގުބޮޑު "ގިވް އަވޭ" ހަދިޔާގެ ވާހަކައެވެ.
ރޭގެ ވަގުތެއްގައި ފިޓް ފާޒިލް އޭނަގެ ރަސްމީ އިންސްޓްގްރަމްގައި، މި ވާހަކަ ހިއްސާކުރުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިފައެވެ. އިންސްޓްގްރަމް ގައި އޭނާ ހިއްސާކުރި ޕޯސްޓުގައި ބުނީ، މިއީ ލޮކްޑައުންއާއި ގުޅިގެން އޭނަގެ ސަޕޯޓަރަކަށް އޭނާ ދޭ ވަރަށް އަގުހުރި "ގިވް އަވޭ" އެއް ކަމަށެވެ. އެގޮތުން އޭނަގެ 85 ހާހަށްވުރެ ގިނަ ފޮލޯވަރުން ހިމެނޭ އިންސްޓްގްރަމް އެކައުންޓަށް ފޮލޯ ކުރާ ކޮންމެވެސް އެކަކަށް މި "ގިވަ އަވޭ" ހަދިޔާ ލިބިގެންދާނެކަމަށް ފާޒިލް އިއުލާންކޮށްފައިވެއެވެ.
މިއާއެކު އެންމެ ގިނަ ބަޔަކު ހައިރާންކޮށްލީ އަދި ގިނަ ބަޔެއްގެ ސަމާލުކަން ދަމައިގަތީ، މި ޕޯސްޓާއެކު އޭނާ ހިއްސާކުރި ފޮޓޯގައިވާ "ގިވް އަވޭ" ހަދިޔާއަށެވެ. އެއީ އެންމެ ހަދިޔާއެއް ނޫނެވެ. ދުނިޔޭގެ އެކި މަޝްހޫރު ބްރޭންޑްތަކުގެ އަގުހުރި އެތައް ހަދިޔާތަކެކެވެ.
މި ހަދިޔާތަކުގެ ތެރޭގައި، އެޕަލް ބްރޭންޑްގެ، އަގުހުރި "މެކްބުކް ގޯލްޑް" އަކާއި، 512 ޖީބީގެ "އައިފޯން އެކްސް އެސް" އަދި "އެއާޕޮޑް" އެއްވެސް ހިމެނެއެވެ. މީގެއިތުރުން، އަންހެންކުދިންގެ މެދުގައި މަޝްހޫރު ބްރޭންޑް "ވިކްޓޯރިއާ ސީކްރެޓްސް" ގެ އަގުހުރި ހަދިޔާތަކެއް ހިމެނޭއިރު، "ގޫޗީ"، "ޖޯރޖިއާ އަރްމާނީ"، އަދި "ޑިއޯރ" ފަދަ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ އެތައް ޕްރޮޑަކްޓްސް ފާޒިލްގެ މި "ގިވް އަވޭ" ގިފްޓް ޕެކް ގައި ހިމެނެއެވެ.
View this post on InstagramA post shared by F I T F A Z I L | Fitness (@fitfazil) on
ފާޒިލްގެ މި "ގިވް އަވޭ" ހަދިޔާގައި މިހާ ގިނަ އަދި އަގުބޮޑު ހަދިޔާތަކެއް ދޭން ނިއްމީ މިއީ އޭނަގެ ފުރަތަމަ "ގިވް އަވޭ" ހަދިޔާ ކަމަށް ވާތީކަމަށް ފާޒިލްގެ މި އިންސްޓްގަރްމަ ޕޯސްޓްގައި ބުނެފައިވެއެވެ. އަދި ގުރުއަތުން ހޮވޭ އެކަކަށް މި ހުރިހާ ހަދިޔާ އެއް ލިބިގެންދާނެއެވެ.
އަގުބޮޑެތި އެތައް ހަދިޔާތަކެއް ނަސީބުވެރި އެއް ފަރާތަކަށް ދޫކޮށްލާއިރު، ސޯޝަލް މީޑިއާގައި މި ވާހަކަ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ގާތްގަނޑަކަށް ބައިލައްކަ އަށްވުރެ އަގުބޮޑު ހަދިޔާތަކެއް ހަމަ އަސްލަށްވެސް ދީފަނެތޯ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ފާޒިލް ދޫކޮށްލާ މި އަގުބޮޑު ހަދިޔާތަކުގެ ނަސީބުވެރިއަކަށް ވުމަށް ކުރަން ޖެހޭނެ ކަމަކީ، ފުރަތަމަ އޭނަގެ އިންސްޓްގްރަމް އެކައުންޓަށް ފޮލޯ ކުރުމެވެ. އަދި ފާޒިލްގެ މި ގިވް އަވޭ ޕޯސްޓަށް ލައިކް ދީ، އިތުރު ދެ ރައްޓެއްސަކަށް ޓެގް ކުރުމަށްފަހު، އިންސްޓަގްރަމް ސްޓޯރީގައި މި ޕޯސްޓް ހިއްސާކުރުމުން ނިމުނީއެވެ.
އެހެންކަމުން، މި އަގުހުރި ހަދިޔާ ލިބޭތޯ އަޅެ ނަސީބު އަގު ވަޒަންކޮށްލަމާތޯއެވެ؟




