މީސްމީޑިއާގައި މިހާރު ވަކިހިއްޕާލާފައި ދެކެވެމުންދާ އެއް ވާހަކައަކީ، ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އާއި އޭނާގެ "ގިވް އަވޭ"ގެ ނަސީބުވެރިޔާ ޝަރުމީލާގެ ވާހަކަތަށް ކަމާއިމެދު ދެބަސްވާނެ ދިވެއްސަކު ނޫޅޭނެއެވެ.
އެ ”ގިވް އަވޭ”ގެ ނަސީބުވެރިއަކަށް މިމަހުގެ 20 ވަނަ ދުވަހު އައިޝަތު ޝަރުމީލާ ހޮވާފައިވާއިރު އެނަތީޖާއާއި ދޭތެރޭ ގިނަ މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ޝަރުމީލާ ނުފެނިގެން މައްސަލަ ބޮޑުވެފައި ވަނިކޮށް ފާޒިލް ރޭ ވަނީ ޝަރުމީލާގެ ވީޑިއޯއެއް އާއްމު ކޮށްފައެވެ. އެއާއި އެކު އަނެއްކާވެސް ޝައްކުތަށްދިޔައީ އިތުރުވެގެންނެވެ.
ޝަރުމީލާ އާއި ފާޒިލްގެ ހަދިޔާތައް ހަވާލުކުރާ މަންޒަރު ކަމަށް ބުނެ އާއްމު ކުރި ވީޑިއޯ އާއި އެކު ޝަރުމީލާ އަކީ ކާކުތޯ ކުރެވޭ ބަހުސް ނިމެނޭކަމަށް ހީކުރެވުނަސް މިހާރު އެބަހުސް ވަނީ އިތުރަށް ހޫނުވެފައެވެ.
ފާޒިލް އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ޝަރުމީލާ އަކީ މޫނުބުރުގާ އަޅައިގެން އުޅޭ އަންހެނެކެވެ. އެހެންކަމުން އަދިވެސް ޝަރުމީލާގެ މޫނު ފެންނަ ގޮތެއް ނުވެއެވެ. އަދި ދެ މީހުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް އިން ނަމަވެސް އޭގައި އަޑެއް ނެތެވެ. މިއީވެސް ޝަރުމީލާ ކަމާއިމެދު ސުވާލު އުފޭދޭ ކަމެއް ކަމަށް ގިނަ މީހުން މިހާރުވެސް ބުނަމުންދެއެވެ.
ފާޒިލް ބުނާ ގޮތުގައި ޝަރުމީލާގެ ފޮޓޯތައް އޭނާ ހިއްސާ ނުކުރީ އޭނާގެ ޕްރައިވަސީއަށް އުނިކަމެއް އަތުވެދާނެތީ ކަމަށާއި އެކަމަކު ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ހިނގާދިޔަ ކަންކަމާއެކު ޝަރުމީލާ ވަނީ އާންމުންނަށް ފެނިލަން އެއްބަސްވެފައި ކަމަށް ވެސް ފާޒިލް ބުންޏެވެ.
އަދި އެންމެންވެސް ޝަރުމީލާގެ ޕްރައިވަސީއަށް އިހުތިރާމު ކުރުމަށް ފާޒިލް ވަނީ އެދިފައެވެ.
ފާޒިލް ރޭ ހިއްސާކުރި ވީޑިއޯގައި ގިވް އަވޭގައި ދިނުމަށް ހަމަޖެހިފައިވާ ހަދިޔާތަށްވެސް އެމީހުން ތިބި ތަނުގައި ފެންނަން ހުއްޓެވެ.
ފާޒިލްގެ ހަދިޔާތައް ލިބުނު ޝަރުމީލާ އަކީ ކާކުކަން ނޭނގިގެން މީސް މީޑިއާގައި ގިނަ ބަޔަކު ގެންދިޔައީ ޝަކުވާ ކުރަމުންނެވެ.
އަދި ރޭގައި އާންމުކުރި ވީޑިއޯގައި ޝަރުމީލާ ކަމަށް ބުނާ މީހާގެ ގޮތުގައި އިނީ ފާޒިލުގެ ގާތް ރަހުމަތްތެރިއެއް ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އަދި ޝަރުމީލާއަކީ އަސްލު މީހެއް ކަމަށް ދެއްކުމުގެ ގޮތުން އޭނާގެ އެކުވެރިޔާ މޫނު ބުރުގާ އަޅުވައި ފޮޓޯ ނެގީ ކަމަށް ބުނެ އެވެ. އަދި މޫނު އަޅާފައި އިން ޝަރުމީލާ ކަމަށް ބުނާ މީހާގެ ލޮލާއި އެބުނާ އެކުވެރިޔާގެ ލޮލުގެ ފޮޓޯތައް ހިއްސާކޮށް އެއީ އެކަކު ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.
އަނެއްބަޔަކު ތުހުމަތުކުރަނީ ފާޒިލް އާއިއެކު ވީޑިއޯގައި އެހުރި ޝަރުމީލާ ކަމަށް ބުނާ މީހާއަކީ މަޝްހޫރު ފެޝަން ޑިޒައިނަރ/ މޭކަޕް އާޓިސްޓު/ އެކްޓަރ ޙުސެއިން ޝަދްޔާން (ސޭންޑީ) އެވެ. ޝަރުމީލާ ކަމަށް ބުނާ މީހާގެ ބުމައާއި ސޭންޑީގެ ބުމައިގެ ފޮޓޯތައް ހިއްސާކޮށް އެއީ އެކަކު ކަމަށް ބުނެ ފާޑުކިޔަމުންދާ މީހުންވެސް މަދެއްނޫނެވެ.
އެހެންނަމަވެސް ސޭންޑީ މިކަން ދޮގުކުރެއެވެ. އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ އަކީ ޝަރުމީލާ ނޫން ކަމަށާއި، އެންމެންވެގެން ދެން އޭނާ ކައިނުލުމަށްވެސް އެދިފައިވެއެވެ.
"ގާއިސް ދެޓްސް ނޮޓް މީ އަޅޭ. އެންމެންވެގެން މަ ކާލާ ދެން، ޝަހާދެއް ސަލާމަތެއް ނެތޭ." ސޭންޑީ ބުންޏެވެ.
ސޭންޑީ ބުނާ ގޮތުން ގިނަމީހުން އޭނާއަށް ޝައްކުކުރަނީ އޭނާގެ ކަޅިރަވަ ރީތިވީމަ ކަމަށް އޭނާ ބުންޏެވެ.
ކޮންމެއަކަަސް ފާޒިލް އާއި ޝަރުމީލާގެ ވާހަކަތަށް އަދިވެސް ނުނިމެއެވެ. ކުރިއަށް ވެސް އޮތީ މިބަހުސްގައި މަޖާ ވާހަކަތަކެއް ކަމަށް އުއްމީދު ކުރެވެއެވެ.





ހިޔާލު
މި މައްސަލަ ޕޮލިހައް ހިށިހަލާނެ ފަރާތެއް ނެތްތޯ؟ މީ ހަމަ ވަރައް ބޮޑު އޮލުވާލުމެއް. މިކަލަ ޖަރީމާ ތައް ހުއްޓުވުމައް. ފަރުދީ ޒިއާ އަދާ ކުރައް ޖެހޭ. މި ހަރަކާތުގައި ބައިވެރިވި ފަރާތަކުން އިސް ނަގައި މިކަން ބަލާދެއްވުމައް ޕޮލިހައް ހުށަހަލަން ވަރައް ގެނޭ ..