ފޮޓޯ: ދިޔަރެސް

ސަރުކާރުގެ މެމްބަރުން ހިންގާފައިވަނީ ޑިމޮކްރަސީއާއި ބީރައްޓެހި ފިނޑި އަމަލެއް: އިދިކޮޅު

ސަރުކާރުގެ މެމްބަރުން ހިންގާފައިވަނީ ޑިމޮކްރަސީއާއި ބީރައްޓެހި ފިނޑި އަމަލެއްކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ސްޕްރީމް ކޯޓުން ދެއްވާފައިވާ އިސްތިޝްރީ ލަފައާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށްޓަކައި 01 ޖޫން 2020 ދުވަހުގެރޭ ދަންވަރު 01:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވުނު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަމުރުފުޅަށް ސަރުކާރު ހިންގާ ޕާޓީގެ މަޖިލީސް މެމްބަރުން ހިންގާފައިވާ ނާތަހުޒީބު އަދި ޑިމޮކްރަސީއާއި ވަރަށް ބީރައްޓެހި އަދި ޑިމޮކްރަސީގެ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފު ވަރަށް ފިނޑި އަމަލެއްކަމަށެވެ.

އަދި މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީގެ މަޖިލީސް މެމްބަރުން މެދުވެރިކޮށް ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަދި ޕީ.ޕީ.އެމް ގެ ނައިބުރައީސް އަޙްމަދު ޝިޔާމްގެ ހަށިކޮޅަށް އަނިޔާކޮށް، ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް އަދި މަޖިލީހުގެ ކަރާމާތް ނަގާލައި ހިންގާފައިވާ ފިނޑި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް މިބަޔާނުގައިވެއެވެ.

މީގެއިތުރުން އިދިކޮޅުންވަނީ ކަމާއިބެހޭ ފަރާތްތަކުން މިމައްސަލަ ތަޙްޤީޤުކޮށް މިކަމުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށް ގޮވާލާފައެވެ.

އަދި އިފަރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަދި ޕީ.ޕީ.އެމް ގެ ނައިބުރައީސް އަޙްމަދު ޝިޔާމަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދޭކަމަށާއި، ޕީ.ޕީ.އެމް އަދި ޕީ.އެން.ސީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ދައްކަވަމުން ގެންދަވާ ހިތްވަރާއި ސާބިތުކަން ފާހަގަކޮށް މިފުރުޞަތުގައި އެބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ