ލީގު 1 ކެންސަލްކުރިލެއް މާ އަވަސް: ޑި މާރިއާ

ފްރާންސްގެ ލީގު 1 ކެންސަލްކުރިލެއް މާ އަވަސްކަމަށް ޕީއެއްޖީއަށް ކުޅެމުން އަންނަ އެންހެލް ޑި މާރިއާ ބުނެފިއެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ޑި މާރިއާ ބުނީ، ފްރާންސްގެ ލީގު 1 ކެންސަލްކުރަން ނިންމި ނިންމުން މާ އަވަސްކަމަށް ޤަބޫލުކުރާކަމަށެވެ. އަދި ސިއްޙީ ގޮތުން ފްރާންސް އެތަށް ގޮތަކުން ކުރިއަރާފައިވީނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ލީގު ކެންސަލްކުރަން ފްރާންސްގެ ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންގެ ސިއްޙަތަށް އިސްކަން ދިނުމުގެ ގޮތުންކަމަށާއި، އެކަމާ އެއްވެސް ޝަކުވާއެއްނެތްކަމަށްވެސް ޑި މާރިއާ ބުންޏެވެ.

މިސީޒަންގެ ލީގު1 ފައި ޕީއެސްޖީއަށް 26 މެޗު ޑި މާރިއާ ކުޅެދީފައިވާއިރު، އޭނާވަނީ 7 ލަނޑުޖަގައި 14 އެސިސްޓް ހަދާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާރޗްފަހުން ފެށިގެން މެދުކަނޑާލާފައިވާ ފްރެންޗް ލީގު 1 ކެންސަލްކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅުއެވެ. ހައެއްކަ ހަފްތާއަށް ކުޅުން މެދުކަނޑާލާފައި އޮތުމަށްފަހު ލީގު 1 ނިންމާލާފައިވަނީ އެއްވަނާގައި އޮތް ޕީއެސްޖީއަށް ޗެމްޕިއަންކަށް ދިނުމަށްފަހުގައެވެ.

ލީގު 1 ގެ ކުޅުން މެދުކަނޑާލާފައިވާއިރު، ގިނަޓީމުތައްވަނީ 28 މެޗު ކުޅެފައެވެ. 27 މެޗުން ލިބުނު 68 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ޕީއެސްޖީއެވެ. ދެވަނާގައި އޮތް މާސޭއަށް ލިބިފައިވަނީ 28 މެޗުން 56 ޕޮއިންޓެވެ. 50 ޕޮއިންޓާއެކު ރެނެސްއަށް ތިންވަނަ ލިބޭއިރު ހަތަރު ވަނާގައި އޮތް ލިލޭއަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި ޖަރުމަނު ބުންޑެސްލީގާ މިހާރު ފައްޓާފައިވާއިރު، ސްޕެނިޝް ލަލީގާއާއި އިންގްލިޝް ޕްރިމިއާ ލީގުގެ އިތުރުން އިޓާލިއަން ސީރީއާވެސް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ