ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް އޮސްޓުރޭލިއާ އަދި އިނގިރޭސި ވިލާތުގައިވެސް މުޒާހަރާކޮށްފި

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މެއި 25 ވަނަދުވަހު ފުލުހުންގެ އަތުން މަރުވުމާއި ގުޅިގެން އެމެރިކާގައި ފެށިގެން އުޅޭ މުޒާހަރާތަކުގައި ބައިވެރިވުމުގެ ގޮތުން އޮސްޓުރޭލިއާގައާއި އަދި އިނގިރޭސިވިލާތުގައި ބޮޑެތި މުޒާހަރާތައް ބާއްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން މި ދެގައުމުގައިވެސް މަނާކޮށްފައި ވީނަމަވެސް މި މުޒާހަރާތަކުގައި އެތައް ހާސްބަޔަކުވަނީ ބައިވެރިވެފައެވެ.

ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް އޮސްޓުރޭލިއާގެ ބުރިސްބަން، މެލްބަން، ހޮބާރޓް، އަދި ސިޑްނީގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާތަކުގައި އެތައްހާސް މީހުންނެއް ބައިވެރިވީ ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިނގައިފައެއް ނުވެއެވެ.

ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް ބުރިސްބަންގައި ކުރިއަށްދިޔަ މުޒާހަރާގެ ތެެރެއިން

އިނގިރޭސި ވިލާތުގައި ކުރިއަށްދިޔަ މުޒާހަރާތައް ފެށިގެން ގޮސްފައިވަނީ އެގައުމުގެ ވެރިރަށް ލަންޑަނުގައި ހުންނަ ޕާލަމެންޓް ސުކެއާގައެވެ. އަދި މި މުޒާހަރާތައް އެޔައްފަހު އިނގިރޭސި ވިލާތުގެ އެކިސަރަހައްދުތަކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މެޓް ޕޮލިސް ކޮމިޝަނަރ ލޮންޑަނުގައި ކުރިއަށްދިޔަ މުޒާހަރާތަކާއި ގުޅިގެން ވިދާޅުވެފައިވަނީ އެ މުޒާހަރާތަކަކީ ގާނޫނާއި ހިލާފަށް ކުރިއަށްދިޔަ މުޒާހަރާތަކެއް ކަމަށެވެ.

ސެންޓުރަލް ލަންޑަނުގެ ޕާލަމެންޓު ސުކެއާގައި މުޒާހަރާ ކުރަނީ

މެއި 25 ވަނަ ދުވަހު އެމެރިކާ ފުލުހުންގެ އަމަލުތަކުގެ ސަބަބުން އުމުރުން 46 އަހަރުގެ ފްލޮއިޑް މަރުވުމާއި ގުޅިގެން މުޅި އެމެރިކާގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދިި މި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައްވެސްވަނީ މިހާތަނަށް އައިއިރު ހިނގައިފައެވެ.

ކުރިއަށް އޮތް ދެދުވަހު ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް މުޅި ދުނިޔޭގައިވެސް ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ ރާވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ