ލޮލުން ކަރުނަ ފުހެލަމުން ފާތުމަ ބޯޖަހައިލި އެވެ. ދެން ހިނގައިގަތީ އެތެރެ ގޭތެރެއާ ދިމާއަށެވެ. އަހަންމަދާއި މޫސާދީ ވެގެން ކުޑަ ކަނބުލޮއާއި އައިމިނަގެ ސޮރު ގޮވައިގެން ނިކުތެވެ. ފަހަތުގައި ދަލޭކަމެން ދެމައިން ތިބީ އައިމިނަގެ ދެފަރާތުގައި އެދެއަތުގައި ހިފައިގެންނެވެ. އަސްކަނި ދޮށުގައި ތަންކޮޅަކަށް ހިނގާލާއިރަށް ވޭންވަރު އައިސްގެން އައިމިނަ ހުއްޓެވެ. ދެލޯ މަރާ ތަގުޅި ކޮށްގެން ކެތްކުރެވޭތޯ އައިމިނަ ބެލި އެވެ. ދޮންދައިތަގެ ހިތްވަރު ފެނިފައި ފާތުމަގެ ލޮލުން އިތުރަށް ކަރުނަ އައެވެ. ދެމައިން މަޑުކުރީ އައިމިނައަށް ފަސޭހަ ވެގެން ހިނގޭންދެނެވެ.
“އައިމިނާ! އައިމިނާ!” ވެހޭ ވާރޭގެ ތެރެއިން މީހަކު ގޮވާ އަޑު އިވުނެވެ.
އައިމިނައަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. ކެޔޮފަތަކުން ނިވާވެގެން ހުރެ ގޯތިތެރެއަށް ވަދެގެން މީހަކު އައެވެ. މޫނު އެނގޭވަރު ވީ ގޭގެ ދޮރުމަތީންނެވެ. ހަސަނުކަން ޔަޤީންވުމާއެކު އައިމިނައަށް ހޭރެވިއްޖެ އެވެ. ކައިރީގައި ހުރި ފާތުމަ ވެސް ރޯން ފެށި އެވެ. ދަލޭކަ ހެއްދެވި ފަރާތަށް ހަމްދު ކުރި އެވެ. ހަސަނަށް އެ އާދެވުނީ އެންމެ ރަނގަޅު ގަޑީގަ އެވެ.
"ހަސަނާ! އަވަހަށް އައިމިނަ މިސްކިތާއި ދިމާއަށް ގެންދެވޭތޯ ބަހީ. އައިމިނަ މިއުޅެނީ ވިހަން ބަނޑުގައި ރިއްސައިގަނެގެން." ދަލޭކަ އަވަސް އަވަހަށް ވާހަކަދެއްކި އެވެ.
ހަސަނުގެ ނަޒަރު އެވަގުތު ހުރީ މޫސާދީގެ ކޮނޑުމަތީ އޮތް ކުޑަ ސޮރަށެވެ. ހަސަނު އެސޮރުގެ ބޮލުގައި ފިރުމާލައިފައި އައިސް އައިމިނަގެ އަތުގައި ހިފައިލި އެވެ.
"ހަސަނާ އަހަރެން ބޭނުމީ އަލި ވިލުނުހާ އަވަހަކަށް ގެއަށް ދާން." ރުއިމުގެ ތެރެއިން އައިމިނަ ވާހަކަދެއްކި އެވެ. ހަސަނު ބޯޖަހާލައިފައި އައިމިނަ ނަގައި އަތްދަނޑި މައްޗަށް ލައިފި އެވެ. ހަސަނު ގެންގުޅުނު ކެޔޮފަތް ދިނީ އައިމިނަ އަތަށެވެ. އެމީހުން ހިނގައިގަތުމުން ދަލޭކައާއި ފާތުމަ ވެގެން ކުޑަދެކުދިން ނަގައި ކޮނޑުމައްޗަށް ލި އެވެ. އަހަންމަދާއި މޫސާދީ ގެއަށް ވަދެފައި ނިކުތީ ބަންބޮކްސާތަކުން ކޮންމެ މީހަކު ދޭތި ނަގައި ކޮނޑަށް ލައިގެންނެވެ.
ކަށިމައްޗާއި ހަމައަށް ބޮޑުވެފައިވާ ފެންގަނޑު ހުރަސްކޮށް އެބައިމީހުން ދަތުރު ފެށި އެވެ. ޖެހޭ ގަދަ ވަޔާއި ބޯ ވާރޭގައި ކެޔޮފަތުން މާބޮޑު ހިޔާވަހި ކަމެއް ނުލިބެ އެވެ. ވާރޭ ފެނުގެ އަސަރު ކޮށްގެން ކުޑަކުދިން ހޭލައިގެން ރޯން ފެށި އެވެ. އުރުގައި އިން ކުޑަސޮރާއި އެއްވަރަށް ފާތުމަ ވެސް ރޮއެ އެވެ. ކައިރީގައި ހުރި ދަލޭކަ ތަކުރާރުކޮށް ފާތުމައަށް ހިތްވަރުދެ އެވެ. ކުރިއަށް ދާއިރު މަގުގެ ދެފަރާތުގައިވާ ރުއްތައް ހޫރޭ ވަރުން ފިތްކަނޑައިގެންދާވަރު ވެ އެވެ. ބޮޑެތި ކާށިތައް ވެއްޓި ޖެހެނީ އެމީހުންގެ ފައިދަށުގަ އެވެ. ކުރިއަށް ދާން ނުކެރިގެން ރުކުގެ ހިޔަލުގައި މަޑުކޮށްގެން ތިބޭން ޖެހުނު ކިތަންމެ ވަގުތެއް އައެވެ. އޭރު އައިމިނަގެ ވޭންވަރު ވެސް އައީ ކައިރި ވަމުންނެވެ.
މިސްކިތާއި ކައިރިއަށް ދެވުނުއިރު އެކި ދިމާއިން އަންނަމުން ދިޔަ އެހެން އާއިލާތައް ވެސް އެމީހުންނަށް ފެނުނެވެ. ޅަކުދިންގެ ރުއިމުގެ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔަ އެވެ. ކެޔޮފަތާއި އަލަ ފަތްތަކުން ވާރޭ ހިޔަލެއް ނުވެ އެވެ. އެންމެންހެން ތިބީ ތެމިފޯވެފަ އެވެ.
ރަށުގެ އެންމެ އުސް ދިމާގައި ބިނާކޮށްފައިވާ މިސްކިތުގައި ރައްޔިތުންނަށް ތިބެވޭނެ ޖާގަ އޮތެވެ. އެމީހުން އެތެރެއަށް ވަންއިރު އެންމެ ފުރަތަމަ ފެންނަން އޮތީ ތައްޚާނު އަންހެނުންނެވެ. ކައިރީގައި އެމީހުންގެ ދަރިއަކާއި އާއިލާގެ އިތުރު މީހަކު އިނެވެ. ހަލީމަ އޭރު ވެސް އޮތީ ނިދިފައި ކަންނޭނގެ އެވެ. ބޮލުގައި ފާޑެއްގެ ފަތްޕިލާވެލީގެ ބޭސްގަނޑެއް ތަތްކޮށްފައި އޮތެވެ. ލައިގެން ހުރި ލިބާހުގަ އާއި ދެއަތުގައި ދެލި ކުލަ އެވެ.
މުދާތައް އެއްފަރާތެއްގައި ބަހައްޓާފައި މޫސާދީ އަވަސްވެގަތީ އައިމިނަ އޮންނަން ތަން ހަދާށެވެ. މިސްކިތުގެ ތަނުގައި ގޯނިގަނޑެއް ދަމައި އެތެރެ ނުފެންނާހެން ހެދި އެވެ. ދަށުގައި އޮތް ކުނާމަތީ ރަބަރު އަޅައި އޭގެ މަތިން އިތުރު ގޯންޏެއް އަޅައި ރީތިކޮށްލި އެވެ. ހަސަނު ގޮސް އައިމިނަ އެތާ ބޭއްވި އެވެ. ދޮންދަލޭކަ ފެށީ ބޭކެނބި ދައިތަގެ ވާހަކަ އެވެ. ހަސަނު އަމިއްލައަށް ޒިންމާ ނަގައިގެން ބޭކެނބި ވީ ހިސާބެއް ބަލަން ނިކުތެވެ. ފާތުމަ ވަރަށް މަސައްކަތުން ކުޑަ ކަނބޮލު ނިންދާފައި އުނގަށްލައިގެން ތިރީގައި އިށީންދެއްޖެ އެވެ. ދަލޭކަ ހުރީ ކުޑަސޮރު ކޮނޑުމައްޗަށް ލައިގެންނެވެ. އެސޮރު ރޮއިރޮއިފައި އެދެމުން ދިޔައީ އަމާ ކައިރިއަށް ގެންދިއުމަށެވެ.
"ގެނޭ އެސޮރު." އައިމިނަގެ ލަގޮނޑިއަށް ކެތްނުވެގެން ދެއަތް ދިއްކޮށްލި އެވެ.
ރިހޭ ހާލުގައި ވެސް އައިމިނަ އެސޮރަށް ކިރުބޯން ދީ ބަނޑުފުރައިދިނެވެ. ހައިކަން ފިލުމާއެކު އެސޮރު ވެސް ނިދައިފި އެވެ. ދަލޭކަ އެސޮރު ބޭއްވީ ފާތުމަގެ އަނެއްފަރާތުގަ އެވެ. ދަލޭކަ ދެން އިށީންދެލީ އައިމިނަގެ މަގަތުގަ އެވެ.
ބޭކެނބި އަންނަންދެން ވެސް ހިފަހައްޓައިލެވޭތޯ ދަލޭކަ ބަލަ އެވެ. އައިމިނައަށް އެންގީ ފުންކޮށް ނޭވާ ލުމަށެވެ. ބާރު ނުލުމަށެވެ.
"ބާރު ލެވެނީއޭ. އެކަމަކު ހަމަ ބާރު ލެވެނީއޭ." އަވަސްވެފައިވާ ނޭވައާއެކު އައިމިނަ ޖަވާބުދެ އެވެ.
އެއޮތް ފިނީގައިވެސް އައިމިނަ އޮތީ ދާހިތްލާ ފޯވެފަ އެވެ.
ދެވަނަ އައި މީހުންގެ ތެރޭގައި އަނެއްކާ ވެސް ނުހިނގޭ މީހަކު ގެނަ އެވެ. އެމީހާ އެތަނަށް އައީ ހިނގާފައި ކަމަށްވެ އެވެ. އައިމަގުމަތީ ކާށްޓަކުން ބޮލުގައި ޖެހިފައި ވެއްޓުނީ އެވެ. އޭގެ ފަހުން ހަރަކާތެއް ނެތެވެ. މުސްކުޅިބޭގެ ދަރިންތައް އަޑުން އަޑު ނަގާފައި ރޮނީ އެވެ. ފާތުމަ ކަންބޮޑުވީ ކައިރީ ތިބި ދެކުދިން ހޭލަފާނެތީ އެވެ.
"އަންމާ! ކޮބާތަ އައްޕަ؟ އައްޕަ ކީއްވެ ނާންނަނީ؟" ކަންބޮޑުވެގެން ފާތުމައަށް ސުވާލު ކުރެވުނެވެ.
އޭނަގެ އަޑު ނިކުތީ ކުރެހިގެންނެވެ. ޅައިރުން ފެށި ގެން ވެސް ފާތުމަގެ ބަތޮލަކީ ބަފަ އެވެ. ޖެހޭ ހުރިހާ މުސީބާތަކުން ސަލާމަތް ކޮށްދެނީ ބައްޕަ އެވެ. އެކަމަކު މިއަދު މިއުދަނގޫ ވަގުތުގައި ބައްޕައެއް ނެތެވެ. ބައްޕަ ފެންނަ ހިސާބުގައި ހުއްޓަސް ހާލަތު މިއަށްވުރެ ރަނގަޅު ވެދާނެ ކަމުގައި ފާތުމަގެ ހިތް ބުނެ އެވެ.
ދަލޭކަ ފޮތިގަނޑު އެއްފަރާތް ކޮށްލާފައި ނިކުމެ އަދިވެސް އެއްފަހަރު ފާތުމައަށް ވިސްނައިދިނެވެ. ރަށުގެ ކަތީބުގެ ހައިސިއްޔަތުން ބައްޕަގެ ޒިންމާ އޮތީ ހަމައެކަނި އާއިލާއަށް ނޫން ކަމުގައި ހަނދާންކޮށްދިނެވެ. ފާތުމަ ބޯޖަހައިލި އެވެ.
***
މިސްކިތުން ނިކުތް ގޮތަށް ހަސަނު ބެހެއްޓީ ބޭކެނބި ލަތީފާގެ ގެއާ ދިމާއަށެވެ. ފުރާނަ އަތްމައްޗަށް ލައިގެން ވެސް ހަސަނުގެ އުންމީދަކީ އަވަސް ގޮތެއްގައި ބޭކެނބި ދައިތައާ ހަމައަށް ފޯރުމެވެ. އަނދިރީގައި ފައިދޮށް ފެންނަނީ ވިދާލާ ވިދުވަރާއި އެކުގަ އެވެ. ބައެއް ފަހަރު ކާށި އެއްޗިއްސަށް އެރިފައި ވެއްޓެން ދެ އެވެ. އެގޮތަށް ރުއްބުޑެއްގައި އަޅައިގެންފައި ގޮސް ޖެހުނީ ވެއްޓިފައި އޮތް މީހެއްގެ ގައިގަ އެވެ. ދަށުގައި އޮތީ މީހެއްކަން ހަސަނަށް އެނގުނީ ކުކުރާލީމަ އެވެ. އަނދިރީގައި ތަނެއް ދޮރެއް ނޭނގެ އެވެ.
ހަސަނު ކާކުތޯ އެހުމުން އެމީހަކު ފެށީ ހޭރޭށެވެ. އިސާހިތަކު ހަސަނަށް އެއީ ކާކުކަން އެނގިއްޖެ އެވެ. އެއީ އިދުރީހެވެ. އަނދިރިއަށް ލޯ ހޭނުމުން ހަސަނު ރަނގަޅަށް ބަލާލިއިރު އިދުރީސް މިއޮތީ ފަލަ ރުކެއްގެ ދަށުވެފަ އެވެ. އިދުރީހަށް ޖެހިފައިވާ ހާލު ފެނުމުން ހަސަނުގެ ހިތް ރޮއިގަތެވެ. އެހާލުގައި އޮތް މީހަކު ދޫކޮށްފައި ދެވޭކަށް ނެތެވެ. އަނެއްކޮޅުން އައިމިނަ ވިހަން ބަނޑުގައި ރިއްސަނީ އެވެ.
"މީހެކޭ! މީހެކޭ!" ހަސަނު މަގުގެ އަނެއްކޮޅަށް އެނބުރި ހުރެގެން އަޑުގާނެތްތަނަށް ގޮވަން ފެށި އެވެ.
"ހިއެއްނުވޭ މީހަކަށް އިވޭނެ ހެނެއް. އަހަރެން ހަޅޭތްލަވާލަވާ ކަރުން ހަން ހިނގައްޖެ." ކުރެހިފައިވާ އަޑަކުން އިދުރީސް ވާހަކަދެއްކި އެވެ.
"މާޔޫސްނުވޭ އިދުރީހާ. ނަސީބު އަތުގައި ހިފާނީ ކޮންއިރަކު ކަމެއް އެކަކަށް ވެސް ނޭނގޭނެ." ހަސަނު އިދުރީހަށް ހިތްވަރު ލައިދިނެވެ.
ތެދުވެގެން ގޮސް އަނެއްކާވެސް މީހަކަށް އަޑުއިވޭތޯ ގޮވި އެވެ. ހަސަނު ދެން ފެށީ ރުއް ހިއްލާލެވޭތޯ އެވެ. އެކަމަކު އެއީ އެކަނި މީހަކަށް ހިއްލާލެވޭ ވަރަށްވުރެ ދިގު ރުކެކެވެ.
"އަހަރެން ނިކުމެ މިއުޅެނީ. އައިމިނަ ވިހަން ބަނޑުގައި ރިއްސާތީ. އައިމިނަ ވެއްޖެ މިސްކިތުގައި." ހަސަނު ވާހަކަދެއްކި އެވެ.
އިދުރީސްގެ އަނގައިން ނިކުތީ ހިތާމަވެރި އާހެކެވެ. އޭނަގެ ސަބަބުން ހަސަނު އައިމިނައަށް ޚިދުމަތް ނުކޮށް މަޑުކުރުވާކަށް ބޭނުމެއް ނުވި އެވެ. އިދުރީސް އެދުނީ ހަސަނު އިހަށް ބޭކެނބި ހޯދަން ދިއުމަށެވެ. ދާ މަގުމަތީ މީހަކު ފެނިއްޖެނަމަ އިދުރީހަށް އެހީވާން ފޮނުވަދޭން ބުނެލި އެވެ. ހަސަނު ބޯޖަހައިލި އެވެ. އަދި ބޭކެނބި ފެނުނުހާ އަވަހަކަށް މީހުން ގޮވައިގެން އަންނާނެ ވާހަކަ ބުނެފައި ތެދުވެއްޖެ އެވެ. ތަންކޮޅަކަށް ދެވުނުތަނާ އިދުރީސް ގޮވައިލި އެވެ.
ހަސަނު ހުއްޓުނެވެ.
"އައިމިނައަކީ އަހަރެން އިންނަން އެންމެ ބޭނުންވި ކުއްޖާ. އައިމިނަ ނުލިބުމުން އަހަރެން ހުހަށް މިހުންނަނީ. އަހަރެން އަބަދުވެސް ގަބޫލު ކުރީ އަހަރެންނަށްވުރެ ރަނގަޅަށް އައިމިނަ ގެންގުޅެވޭނެ މީހަކު ނުހުންނާނެ ކަމަށް. އެކަމަކު ހަސަނު އައިމިނަދެކެ ވާލޯބި އަހަރެންނަށް ފެނޭ. އަހަރެން އުފާވޭ އައިމިނައަށް ހަސަނު ކަހަލަ ރަނގަޅު ބައިވެރިއަކު ލިބުމުން." އުދަނގުލާއެކު އިދުރީސްގެ ހިތުގެ އިހްސާސްތައް ހަސަނަށް އިއްވި އެވެ.
އެބަސްތަކުން ހަސަނު ފެންކަޅިވި އެވެ. އޭނަ އަނެއްކާވެސް ތިރިވެފައި އިދުރީހުގެ ކޮނޑުގައި ހިފާފައި ހިތްވަރު އެލުވާ ނުލުމަށް ބުންޏެވެ. ދެން ހަރުކޮށް ހިނގައިގެންފި އެވެ.
***
ބޭކެނބި ލަތީފާ ފެނުނީ އެދައިތަ އުޅޭ ގެއާއި ކައިރި ހިސާބަކުންނެވެ. އެހެން މީހުން ފަދައިން ދައިތަގެ މިސްރާބު ވެސް ހުރީ މިސްކިތާއި ދިމާއަށެވެ. ހަސަނު އަވަހަށް ދައިތަ ގޮވައިގެން އެނބުރި ދިޔަ އެވެ. ދޮރާއި ކައިރިވެފައި ހުއްޓާ އައިމިނަގެ ރުއިމުގެ އަޑު އައެވެ. ހަސަނު އިޝާރާތުން ދެއްކުމުން ބޭކެނބި އަވަހަށް އެދިމާއަށް ހިނގައިގެންފި އެވެ.
ގޯނިގަނޑު ހިއްލާލައިފައި ވަންއިރު އައިމިނަ ވަށާލައިގެން ތިބީ ދޮންދަލޭކަމެން ދެމައިންނެވެ. ފާތުމަ އިން ތަނުގައި ކުދިންކޮޅާއި ހަވާލުވެގެން އިނީ ފާތުމަގެ އެކުވެރިޔާ އައިސަ އެވެ. އައިމިނަ އޭރު އޮތީ ދާހިއްލާ ކެކިފަ އެވެ. ލޮލުން ކަރުނަ ފޭދެމުން އައެވެ. ބޭކެނބި ދައިތަ ރަނގަޅަށް ބަލާފައި ބުނީ ވިހަން ގިނައިރެއް ނެތް ކަމުގަ އެވެ. ހަސަނަށް ގޮވާލައިފައި ދެން އެދުނީ ހޫނު ފެންފޮދެއް ލިބޭނެ ގޮތެއް ވޭތޯ ބެލުމަށެވެ. ފާތުމަ ބިރުން އުޅޭތީ ބޭރަށް ނިކުތުމުގެ ހުއްދަ ދަލޭކަ ދިނެވެ. ނިކުތްގޮތަށް ފާތުމަ އޮޅުލައިގަތީ އައިސަގެ ގައިގަ އެވެ.
ހަސަނު ބޯ ކަހާލައިފައި އެތާހުރި އެހެން މީހަކު ގޮވައިގެން އެއްފަރާތަކަށް ޖެހިލި އެވެ. އެންމެ ގާތުން ފެނުނު ގޭގެ ދަރުގެ އޭރު ހުރީ ނަސީބަކުން ސަލާމަތުންނެވެ. އެތެރޭގައި ހިކި ދަރުކޮޅެއް އަތުޖެހެން ހުއްޓެވެ. ހަސަނާއި ހަސަނުގެ ބައިވެރިޔާ ވެގެން އެގޭ ބަދިގޭގައި ފެން ކައްކައި ހޫނުކޮށްގެން ގެނައީ އަލަފަތަކުން ހިޔާކޮށްގެންނެވެ. ދަލޭކަ ހުރީ ގެއިން ގެނަ ބޮކްސާއަކުން ސާފު ފޮތި ނެރެފަ އެވެ.
ފެންތެލި ދީފައި ހަސަނު ނިކުމެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ އަޑު ފޯރާ ހިސާބުގަ އެވެ. އައިމިނަ ވޭންވަރާއެކު ހޭރިގަންނަ ކޮންމެ ފަހަރަކު ހަސަނުގެ ލޮލަށްވެސް ކަރުނަ ގިނަވެގެން އާދެއެވެ. ހިތަށް ކެތްނުވާ ވަރު ވުމުން ހަސަނު ވާރެއަށް ނިކުމެގެން ގޮސް ދުރުގައި ހުއްޓުނެވެ. އެވަގުތު ވިދާލި ވިދުވަރަކުން މުޅި ތަން އަލިކޮށްލި އެވެ. ދެން އެޖެހި ގުގުރިއާއެކު ކަންފަތް ވެސް ހީވީ ބީރުވި ހެންނެވެ.
ޚަބަރު ހުސްވެފައި އޮތް ހަލީމަ ފުންމައިގެން ތެދުވީ އެގުގުރީގެ ގަދަ އަޑާއިއެކުގަ އެވެ. އިއްތިފާޤުން އެވަގުތު ވީ ކަތީބު ގޮވައިގެން މޫސާދީ އައިސް މިސްކިތު ދޮރުމައްޗަށް އެރި ގަޑިއަށެވެ. ހަލީމަ ރޮއިގެންފައި ކިޔަންފެށީ ތެލި ދޮންނަން ގޮސް ހުއްޓާ މާދުރުން އިވެން ފެށި ގަދަ އަޑެއްގެ ވާހަކަ އެވެ. އެއަޑު އައީ އެންމެ ކައިރިއަށް އޮތް ރަށާއި ދިމާއިން ކަމެއް ނޫނީ މަތިން ކަމެއް ސާފެއް ނުވި އެވެ.
އުޑުމަތި ބަލާލިއިރު ހީވަނީ ކަޅު ދެލިކޮޅެއް ހެންނެވެ. ކަނޑުގައި ހުރި ނޫ ކުލައަށްވުރެ ހުދު ފޮނު ގިނަވެފައި ވަނިކޮށް ފެނުނެވެ. ކައިރީ އޮތް ރަށުގެ މަލަމަތީ ހުރި ގަސް ރުއް ބަލަ ބަލާ ހުއްޓާ ތިރިވެ ހުސްވިތަން ފެނުނެވެ. ދެން އެއައި ވައިރޯޅިއާއެކު މީހާ އުދުއްސައިގެންކަން އެނގުނެވެ. އެއަށްފަހު ކޮންމެވެސް އެއްޗެއްގައި މީހާ ޖެހުނުކަން އިހްސާސްވި އެވެ. ނޭނގުނީ ދެން ވީ ގޮތެކެވެ.
ހަލީމަގެ ވާހަކަ ނިމުނުއިރު އެންމެ ބޮޑު ބަދަލެއް އައިސްފައި ހުރީ މޫސާދީ އަށެވެ. ހަލީމަ އެބުނާ ޖެހިގެން އޮތް ރަށަކީ މޫސާދީގެ ރަށެވެ. މޫސާދީގެ އަނބިދަރިންނާއި ތިމާގެ މީހުން ތިބީ އެތާގަ އެވެ. މުސްކުޅި މަންމައާއި ބައްޕަ ވެސް ތިބީ އެތާގަ އެވެ. ހަލީމަގެ އެވާހަކަ އިން އެންމެންނަށް ވެސް އެނގުނީ އެވިއްސާރައެއްގެ އަސަރު ކުރަމުން އެދަނީ ހަމައެކަނި އެމީހުންގެ ރަށަށް ނޫންކަމެވެ. ކައިރީ ހުރި އެހެން ރަށް ރަށަށްވެސް ކަމެވެ.
"އައްޔާ!" މޫސާދީގެ ދެތުންފަތް ފޫދުއްވާލައިފައި އަޑު ނިކުތެވެ.
ކަތީބު ބަލާލިއިރު މޫސާދީގެ މޫނުގައިވި ބިރުވެރި ކުލަވަރު ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ކަތީބު ކޮންމެވެސް އެއްޗެކޭ ބުނެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު މޫސާދީ އެފުރުސަތެއް ނުދިނެވެ. އަހަރެން ޖެހޭނީ އަހަރެންގެ ރަށަށް ދާށޭ ކިޔަމުން އަޅައި އިތިކޮށް ދުއްވައިގެންފި އެވެ. ކަތީބުގެ ހިތުގައި އެއްފަހަރާ އެތައް ހިޔާލުތަކެއް އެނބުރި ގަތެވެ. ރަށު މީހުންގެ ހާލެވެ. އަނބިމީހާ އާއި ދަރިން ތިބި ގޮތެވެ. އެކަމަކު އެކުވެރިޔާ އެގޮތަށް ފުރައިގެން ދާކަށް ދޫކޮށެއް ނުލެވޭނެ އެވެ.
ގޮތެއް ނިންމުމަށްފަހު ކަތީބު މޫސާދީ ގޮސް ގެއްލުނު ދިމާއަށް ދުއްވައިގެންފި އެވެ.
އިރުކޮޅަކުން ހަސަނު ދުރުން ދުވަމުން އައިސް މިސްކިތް ކުރިމައްޗަށް ހުއްޓުނެވެ. އިދުރީސް މަތިން ހަނދާން ނެތިފައި ހުއްޓާ ކުއްލިއަކަށް ހަނދާންވި އެވެ. ހަސަނު މައިނޭވާ ލަމުން ކައިރީ ތިބި ފިރިހެންވެރީން ސަމާލުކަމަށް ގެނެސް އެވާހަކަ ބުންޏެވެ. އެމީހުން އެދުނީ އިދުރީސް ފެނުނު ދިމާ ކިޔައިދިނުމަށެވެ. ހަސަނު ކައިރީ އެމީހުން ބުނީ އައިމިނަ އެހާލުގައި އޮތްވާ ހަސަނު ދިއުން ރަނގަޅު ނުވާނެ ކަމުގަ އެވެ. ހަސަނު އެއްބަސް ވެގެން ބޯ ޖަހައިލި އެވެ. އެމީހުން ގޮސް ގެއްލޭން ދެން އެދިމާއަށް ބަލަން ހުރެވުނެވެ. އިދުރީސް ކައިރީ މާޔޫސް ނުވަން ބުނެފައި އައިސް އޭނައަށް މިކުރެވުނީ ކީއް ހެއްޔެވެ؟ ޒަޚަމްވެފައިވާ ހާލުގައި އެކަނިކޮށްލާފައި ނުވިތާކަށް ހަނދާންވެސް ނައްތައިލީ އެވެ. ހަސަނު ހިތުގާ ޖެހުނެވެ. އިދުރީސް ހެޔޮހާލުގައި އޮތްވާ އެމީހުންނަށް ފެނުމަށް އެދި ހިތާއި ހިތުން އެދެމުން ދުޢާއަށް ދެއަތް ނެގި އެވެ.
(ނުނިމޭ)
6 Responses
Varah reethi. Varah furihama.
❤Masha allah
Mihaathanah kee emme rythi vaahaka mi varah rythi mi vaahaka
Varah salhi vaahaka
Ekamaku thankolheh lahee part thah upload kuraaleh ekamakuves ok dhen!
ކޮންމެ ތަންކޮޅެއް ކިޔާލަމުން މި ދިޔައީ ކަރުނަ ފޮހެމުން. ވަރަށް ފުރިހަމަ ޔަސްކޯ. އަދިވެސް ހަމަ ރޮވެނީ.
Varh reethi mivaahaka. Hama sifa Ava kahala ? can’t waitfor the next part