ކޭލަކުނު ވިއްސާރަ (11)

(ދިހަވަނަ އަދަދާއި ގުޅޭ)

ފާތުމައަށް ނިދިޖެހިފައި އިންދާ ސިއްސައިގެން ގޮސް ހޭލެވުނީ އުސްމާނުއޭ ކިޔާ މީހަކު ގޮވާލި އަޑަށެވެ. ދެލޯ ބޮޑުކޮށްލިއިރު މިސްކިތު ދޮރުމަތީ އުސްމާނު ބަފާ ހުއްޓެވެ. އެމީހާގެ މޫނުމަތީގައި ހާސްކަމެވެ. އެތާ ނިވާވެފައި ހުރި މީހަކާއި މުޚާތަބު ކޮށް ބަފާ ދައްކަމުން ދިޔައީ އުސްމާނުގެ ޚަބަރެއް ނުވާ ވާހަކަ އެވެ.

"މިތަނުގައި މީހުން ބައިބަޔަށް ބެހި އިރު ވެސް އުސްމާނެއް ނުދެކެން." އެތާހުރި އެހެން މީހަކު ބުނިއަޑު އިވުނެވެ.

އެވަގުތު ފާތުމަ ލައިލައި ހުރި ނޭވާ ތާށިވީ ކަރުތެރޭގަ އެވެ. އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަވަހަށް އަނގަމަތީ އަތް އެޅި އެވެ. އައިސް ދުރުގައި ހުރެފައި ފާތުމަގެ ކުލަވަރު ފެނިގެން ކައިރިއަށް އައިސް އިށީންދެލި އެވެ. އައިސަ އެއްޗެކޭ ބުނާކަށް ނުހަދައެވެ. އަތް އުފުލާލުމަށްފަހު ފާތުމަގެ އަތުގައި ހިފާ މަޑުމަޑުން ފިތާލި އެވެ.

އުސްމާނު ބަފާ އިތުރު ދެމީހަކު ގޮވައިގެން އުސްމާނު ހޯދަން ނިކުމެގެން ދިޔަތަން ބަލަން ދެއެކުވެރީން ތިބީ ހިމޭންވެފަ އެވެ.

***

ކާޑުގެއަށް ދިޔަ ބައިގަނޑުގެ އެންމެ އިސްކޮށް ހުރީ ކަތީބެވެ. އެމީހުންގެ ކުރީގައި ތިބި މީހުންތައް މަގު ކޮށައިދެމުން ދިޔަ އެވެ. ޖެހޭ ވައިގައި ގަސްތައް ހޫރެމުންދާ ގޮތުން ކުރިއަށް ދާން ނުކެރިފައި ބައެއް މީހުން ތިއްބެވެ. އެމީހުންނަށް ހިތްވަރު ދިނީ ކަތީބެވެ. އަތަށް ވަޅިއެއް ހެއުވަރު ކޮށްލައިފައި އެންމެ ކުރީގައި ގަސް ކޮށައި މަގު ސާފު ކުރަން ފެށި އެވެ. ފަހަތުގައި ތިބި މީހުން އެކަކު އަނެކަކަށް ބަލާލައިފައި ބައިވެރިވި އެވެ.

ވަކި ހިސާބަކުން ރަށުގެ އަޑި ދިމާގައި ވާ ފެންގަނޑަށް އެރެން ޖެހުނެވެ. އުނަގަނޑާއި ހަމައަށް ހުރި ފެންމަތީގައި ދުވަމުންދިޔަ އެއްޗެހި ގިނަ އެވެ. މަރުވެފައިވާ ބުޅަލާއި މީދާ ކަހަލަ އެއްޗެހި ބައިވަރު ފެނެ އެވެ. ކާޑުގޭ ތަޅު ހުޅުވާކަށް އުދަނގުލެއް ނޫނެވެ. އެކަމަކު ފެންގަނޑާއި ހެދި ދޮރު ހުޅުވުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. އެއްފަހަރާ ހަތަރު ފިރިހެނުން އުޅެގެން ހުޅުވުނީ ތަންކޮޅެކެވެ.

އެންމެން މަޝްވަރާ ކުރުމަށްފަހު ނިންމީ ދޮރުފަތް ނެގުމަށެވެ. ވިއްސާރަ އަލިވުމުން ފަހުން ހަރުކުރާ ގޮތަށެވެ. ދޮރުފަތް ނަގައިގެން ވަދެވުމުން ތަނުގެ ހާލަތު ފެންނަން އޮތެވެ. ފަން ފުރާޅު އޮތީ ހަލާކުވެގެން ވެއްޓިފަ އެވެ. ކާޑު ބަސްތާތައް ތެމި ފޯވެފަ އެވެ. ވަކިން ބަހައްޓާފައި ހުރި ބަސްތާތައް ފެންމަތީ ދުވެލަ ދުވެލަ އެވެ. ބަރިބަރިއަށް ޖަހާފައި ހުރި ބަސްތާތައް ފެނު އަޑީގަ އެވެ. ފެންގަނޑުގައި ގިރިފައިވާ ފުށާއި ހަކުރެވެ. ސަލާމަތުން ހަމަ އެކައްޗެއް ވެސް ނެތީ އެވެ.

މާޔޫސްވެފައި އެންމެންނަށް ބަލަން ތިބެވުނީ އެވެ. ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް އެކަކުގެ ވެސް ސިކުނޑިއަކަށް ނައެވެ.

***

ކާޑުގެއާ ދިމާއަށް ދިޔަ ބައިގަނޑު ހީކުރި ވަރަށްވުރެ އަވަހަށް އެނބުރި އައުމުން އެންމެން ހައިރާންވި އެވެ. ހަޤީޤަތް އެނގުމުން ކޮންމެ މީހަކުމެ ސިހުނެވެ. އެމީހުން ތިބި ހާލާއިމެދު އިތުރަށް ކަންބޮޑުއްޖެ އެވެ. ކާޑުގެއިން އެމީހުން ގެނައީ ތެމިފައި ހުރި ހަނޑޫ ބަސްތާތައް އެކަންޏެވެ. އެހެން އެއްޗެހިވަނީ ބޭނުން ނުކުރެވޭވަރު ވެފަ އެވެ. ހަނޑޫވެސް ބޭނުން ކުރެވޭނީ އޭގައި ފޫ ޖަހަން ދެނެވެ. މާދަން ވެސް އަވިކޮޅެއް ދީފިނަމަ އަވީ ލެވިދާނެ އެވެ. ނޫނީ އެހަނޑޫކޮޅު ވެސް ހަލާކުވެގެން ދާނީ އެވެ. ދެން ހުރީ ގަސްގަހުގައި ހުރި އެއްޗިއްސެވެ. ވަޔާއެކު ހޫރިހޫރި ގަހެއްގައި މިހާރު ހަރުލާ ހުރި މޭވާއެއް ކާށްޓެއް ނެތެވެ. ވަޔާއެކު ފޭބި އެއްޗެހިވެސް ކޮންމެވެސް ދުވަހަކުން ހުސްވާނެ އެވެ. ފެނުގައި އަސަރު ކޮށްފައިވުމުން ހުސްވުމުގެ ކުރިން ހަލާކުވާނެ އެއްޗެހި ގިނަ އެވެ. ދެން އޮތީ ފެންގަނޑު ބޮޑުވެ މިސްކިތް ތެރެއަށް ވަނުމުން ކަންތައް ވާނެ ގޮތެވެ. ވެހޭވާރެއާއި ރަށުތެރެއަށް އަރަމުންދާ ރާޅަށް ބަލާފައި އެއީ މާގިނައިރު ނަގާނެ ކަމެއް ނޫންކަން އެންމެންނަށްވެސް ވިސްނެއެވެ.

މާޔޫސްވެ ގޮތް ހުސްވެފައިވާ އެންމެންގެ ވެސް ދުޢާއަކީ އަވަހަށް ވާރޭ ހުއްޓާލުމެވެ. އަލިމަގެއް ފެންނާނީ އެއިރުންނެވެ.

އެހެން އެންމެން ފަދައިން ކަތީބު ވެސް އާއިލާ ކައިރިއަށް ޖެހިލި އެވެ. ދަލޭކަ އިނީ އައިމިނަގެ ކުޑަމަންޖެ އުނގަށް ލައިގެން ތާއްޔާ ޖެހިޖެހި އެވެ. މުޅި ރޭ ނުނިދާ އިނުމުން ވަރުބަލިކަން އެމޫނުގައި ވި އެވެ. ހަސަނު އިނީ ކުޑަސޮރު އުރައިގެން އައިމިނަގެ ކައިރީގަ އެވެ. ފާތުމަގެ ކައިރީގައި ކުޑަ ކަނބުލޮ ނިދާފައި އޮތެވެ. ފާތުމަ ދެކަކޫ ނަގައި މޭގައި ޖައްސާލައިގެން އިނީ މޫނުވެސް ފޮރުވާލައިގެންނެވެ.

ބަލިވެފައިވާ ބަލިމީހުންގެ ކުކުރުމުގެ އަޑާއި ޅަކުދިންގެ ރުއިމުގެ އަޑުން އެންމެ ހިތްބަލި މީހާ ވެސް ފެންކަޅިވާނެ އެވެ.

ކަތީބު ފާތުމަގެ ކޮނޑުގައި އަތް ޖައްސާލުމުން ބޯހިއްލައިލި އެވެ. ބައްޕަގެ ފެނުމުން ފާތުމަގެ މާޔޫސްވެފައިވާ ލޮލަށް ވިދުވަރެއް ވެރިވި އެވެ. ކަތީބު ފާތުމަގެ ބޮލުގައި ފިރުމާލައިފައި ބުނީ ހިތްވަރު ކުރުމަށެވެ. ކުޑަކަނބުލޮއާ އާއިލާގެ ދެންތިބި މީހުން ބަލަން ފާތުމަ ހުންނަންވާނީ އަބަދުވެސް ތައްޔާރުވެގެން ކަމުގަ އެވެ. ފާތުމަ ބޯޖަހައިލި އެވެ.

މީހަކު ބަލާހެން ހީވެގެން ފާތުމަ ހޯދައިލިއިރު ކާސިންކަލޯ ދުރުގައި ހުއްޓެވެ. ބޮލުގެ އިޝާރާތުން ކާސިންކަލޯ އެދުނީ ބޭރަށް ޖެހިލުމަށެވެ. ފާތުމަ ހޯދައިލީ އައިސަ ކޮބައިތޯ އެވެ. އައިސަ އޭރު ގޮސް އިނީ އައިސަގެ އަމާ ކައިރީގަ އެވެ. ފާތުމަ ގޮވާލުމުން އައިސަ އަތުވެއްޖެ އެވެ.

ކުޑަ ގިފިއްޔަކަށް ދާންވެއްޖެ ވާހަކަ ބުނެފައި ފާތުމަ އައިސަ ގޮވައިގެން މިސްކިތުން ނިކުތެވެ. އަލަފަތެއްގެ ހިޔާވަހިކަމުގައި ދެއެކުވެރިން ގޮސް ގަސްތަކު ތެރެއަށް ހުއްޓުނެވެ. ގިނައިރެއް ނުވެ ފަހަތުން ކާސިންކަލޯ އަންނަތަން ފެނިއްޖެ އެވެ. އައިސައަށް ވިސްނާލުމެއްނެތި ފާތުމަ ދުވެފައި ގޮސް ކާސިންކަލޯގެ މެދުހަށީގައި ބައްދައިފި އެވެ. އިސާހިތަކު ފާތުމަގެ ބަޑި ފަޅައިގެން ދިޔަ އެވެ. އައިސަ ދުރުގައި ހުރީ ވާނުވާ އޮޅިފަ އެވެ. އެކަމަކު އެއްޗެއް ނުބުނެ އެވެ.

"ފާތުމާ! ހިތްވަރު ކުރަންވާނެ. އިރާދަކުރެއްވިއްޔާ އަހަރެމެންނަށް މިދަތި ހާލުން އަދި އަމާން އައްސޭރިއަކަށް ދެވޭނެ." ކާސިންކަލޯ ފާތުމަގެ ބުރަކަށީގައި އެއްއަތުން ފިރުމަމުން ވާހަކަދެއްކި އެވެ.

އަނެއް އަތުން ހިފަހައްޓައިގެން ހުރީ ބޯމަތީ އޮތް ކެޔޮފަތް ގަނޑުގަ އެވެ. ފާތުމަ އަދިވެސް ރޮނީ އެވެ. ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތަކުން ކާސިންކަލޯގެ މޭމަތި ތެންމަމުން ދިޔަ އެވެ. ކާސިންކަލޯ އިތުރު އެއްޗެއް ނުބުނެ ފާތުމަ ރޯން ފުރުސަތު ދީގެން ކުޑައިރުކޮޅަކު ހުއްޓެވެ، ދެން ވާހަކަދެއްކީ ފާތުމަ އެވެ. ކާސިންކަލޯގެ މޭގައި މޫނު ޖަހައިގެން ހުރުމުން ކީއެއްޗެއް ސާފެއް ނުވި އެވެ. ކާސިންކަލޯ ފާތުމަގެ ކޮނޑުގައި ހިފާ ދުރުކޮށްލައިފައި ތަކުރާރު ކުރުމަށް އެދުނެވެ.

"އަހަރެން ވަރަށް ބިރުގަނޭ." ކަރުނުން ފުރިފައިވާ ލޮލުން ކާސިންކަލޯގެ މޫނަށް ބަލާލަމުން ފާތުމަ ބުނެލި އެވެ.

ކާސިންކަލޯގެ ހިތުގައި ރިހުމެއް އުފެދުނެވެ. ބިރުނުގަންނާށޭ ބުނަން ބޭނުންވި އެވެ. އެކަމަކު އެއީ ހަމައެކަނި ބޭކާރު ޖުމްލަ އެކެވެ. ފާތުމަ ނޫނަސް ޚުދު އޭނަވެސް އެހުރީ ބިރުގަނެފަ އެވެ. މާދަން ވެސް ވާނެ ގޮތެއް އެނގެނީއެއް ނޫނެވެ.

ދައްކާނެ ގިނަ ވާހަކަތަކެއް ނެތުމުން ދެމީހުން ވަކިވި އެވެ.

އިރުއެރުމުން ރަށުތެރޭގެ ހާލަތު އޮތީ ރީތިކޮށް ފެންނާށެވެ. އެކަމަކު ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އަލިފާން ރޯކުރެވޭނެ ގޮތެއް ނެތުމުން އެމީހުން ކެއީ ކާށްޓާއި ބިންމައްޗަށް ފައިބާފައި ހުރި މޭވާ އަދި ތަރުކާރީ އެވެ. ބަލިހާލުގައި ތިބި މީހުންގެ ހާލަތު ދިޔައީ ހައްތަހާ ދަށަށެވެ. ޒަޚަމްތަކުގައި ޖަރާސީމު ހެދި، ގަދަ ހުމާއެކު މީހުން މަރުވާން ފެށި އެވެ. ހެޔޮހާލުގައި ތިބި މީހުންވެސް ތިބީ ވަރުބަލިވެފަ އެވެ. މުޅި ރޭ އެމީހުން ތިބީ ނުނިދަ އެވެ. އެލޯތަކުގައި ވަނީ މާޔޫސްކަމެވެ. އެކި މީހުން އެކިތަނުގައި ބިތްޖެހިފައި ތިއްބެވެ.

އިސާހިތަކު މިސްކިތުގެ އޮޅިގަނޑުން މައްޗަށް ފެން އަރައިފި އެވެ. ބައެއްމީހުން އެމީހުންގެ ޅަދަރީންނާއި އަންހެނުން އެރުވީ ގަސްގަހަށެވެ. ލަކުނޑިބުރިއާއި މަޅުގަނޑުފަދަ އެއްޗެހީގެ މަތީގައި ތިބި މީހުންވެސް މަދެއް ނޫނެވެ. މިސްކިތުގެ ފަން ފުރާޅުމަތީ އަރުވާފައި ތިބި މީހުންތައް ބޮނޑި ބޮނޑިއަށް ތިއްބެވެ. ވާރެއިން ސަލާމަތް ވުމަށްޓަކައި ސަތަރި އާއި ކެޔޮފަތް އެއްޗެހި ގެންގުޅުނެވެ.  އަނެއް ބަޔަކު ވާރޭގަ އެވެ.

ކަތީބާއި ހަސަނު ވެގެން އޮށިއަށިގަނޑެއް ހޯދާފައި ދަލޭކަމެން ތިންމައިންނާއި ކުޑަކުދިންތައް އަރުވާފައި އޭގެ ދެކޮޅުގައި ތިއްބެވެ. ބޯމަތީގައި ކެޔޮފަތް އަޅައިގެންނެވެ.

"އަންމާ! އަންމާ!" ތުއްތު ކުއްޖަކު މާވަރަކަށް އަމައަށް ގޮވާ އަޑުން ސަމާލުކަން ދަމައިގަތެވެ.

އެއީ ހަތަރު އަހަރަށް ދާ ކުޑަ ފިރިހެން ކުއްޖެކެވެ. ކުއްޖާ އަރުވާފައި އިނީ ފުޅާ މަޅުގަނޑެއްގެ މައްޗަށެވެ. މަންމަމީހާ މަޅުގަނޑުގައި ބަނޑުއަޅައިގެން އޮތީ އޮށޯވެ އެވެ. އުނަގަނޑުން ތިރި ފެނުގެ ތެރޭގަ އެވެ.

"އަންމާ ކޮއްކޮ ކިއްކި ބޯ. ކޮއްކޮ ކިއްކި ބޯ." މަންމަގެ ކޯތާފަތުގައި ކޮށްޓަމުން ކުޑަ ކުއްޖާ ގޮވަމުން ދިޔަ އެވެ.

މަންމަގެ ޖަވާބެއް ނައުމުން އެކުއްޖާއަށް ރޮވޭ ގޮތްވި އެވެ. ލޮލަށް ކަރުނަ ގިނަވެގެން އައި ތަން ފެނުނެވެ. ކަތީބަށް ނުހުރެވިގެން ގޮސް އަންހެންމީހާގެ ކޮނޑުގައި ހިފާ ކޮށްޓައިލި އެވެ. އޭރު އެތާ ތިބި އެހެން އެންމެން ވެސް ބަލަން ތިބީ އެދިމާއަށެވެ. އަންހެންމީހާ ރޭއްސުރެ އުޅުނީ ހުން އައިސްގެންނެވެ.

އެންމެން ހީކުރީ ގަދަ ހުމުގައި ޚަބަރު ހުސްވެފައި އޮވެދާނެ ކަމުގަ އެވެ. ކަތީބު ސިހުނީ އަންހެންމީހާގެ އަތުގައި އަތްލިއިރު ފިނިކަމުންނެވެ. އިސްއުފުލައި އެހެން މީހުންގެ މޫނަށް ބަލާލައިފައި ވިންދު ބަލައިލި އެވެ. ކަތީބުގެ މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. ޒާހިރާ އޮތީ މަރުވެފަ އެވެ. ފެންކަޅިވެގެންދިޔަ ދެލޯ ދެން އަމާޒު ކޮށްލެވުނީ ކައިރީގައި އިން ތުއްތު ދަރިފުޅަށެވެ. އެކުއްޖާގެ ބައްޕަ ވަނީ މިވިއްސާރައިގައި ގެއްލުނު މީހުންގެ ތެރޭގަ އެވެ. ފަހުން ހޯދަން ދިޔަ މީހުންނަކަށް ވެސް ފެނިފައެއް ނުވެ އެވެ.

ކުޑަކުއްޖާ އޭރުވެސް މަންމައަށް ގޮވަނީ އެވެ. އެކުޑަ ދެލޮލުން ހޯސްލައިފައި އޮހެމުންދިޔަ ކަރުނައާއެކު ރޯން ފެށި އެވެ. ކަތީބަށް ކެތް ނުކުރެވިގެން ކުއްޖާ ނަގައި އުރައިލުމުން މަންމަ ކައިރިއަށް ދާން ގަދަހެދި އެވެ. އެއޮތް ބޮޑު ދުނިޔެއަށް އެކުއްޖާ ގިނަވީ އެވެ. އަޅައިލާނެ މަޔަކު ބަފަޔަކު ނެތި އެކަނިވީ އެވެ. ތުއްތު ކުއްޖާއަށްޓަކައި ކޮންމެ ލޮލެއްމެ ކަރުނުން ފުރުނެވެ.

ޒާހިރާގެ ފުރާނަ ނެތް މަސްގަނޑު ދޫކޮށްލައިފައި ކުއްޖާއާ ހަވާލުވީ ހެޔޮއެދޭ މީހެކެވެ.

އިރުކޮޅަކުން އެންމެން ސަމާލުކަމަށް ގެނައީ ފުއްޓަރު ފަރާތުން އިވެންފެށި ރާޅުތަކުގެ އަޑެވެ. ކަތީބުގެ އަމުރަށް އަހަންމަދު އެތާގައި ސަލާމަތުން ހުރި އެންމެ ދިގު ރުކަށް އަރައި ގަސްތަކުގެ ފުރަގަހުން ފެންނަމުންދިޔަ މޫދަށް ނަޒަރު ހުއްޓައިލި އެވެ. އެވަގުތު އެދެބުމަ އުފުލުނުގޮތަށް ގޮސް ގެއްލުނީ އިސްތަށިގަނޑު ތެރެއަށެވެ. ކަނޑުން ނެގި ރާޅުގެ އުސްމިނުގައި އެރުކުގެ އުސްމިން ހުންނާނެ އެވެ. އަހަންމަދަށް ރުކުން ފޭބުނު ގޮތް ވެސް ނޭނގުނެވެ. ކައިރީ ތިބި މީހުން ކޮނޑުގައި ހިފާ ތަޅުވާ ހަދައިގެން އަނގައިން އަޑު ނިކުތީ ވަރަށް އުދަނގުލުނެވެ.

"ބޮޑު ރާޅެއް. އެންމެން ސަލާމަތް ވޭ....އެންމެން ސަލާމަތް ވޭ!" އަހަންމަދު ލަކުނޑި ބުރީގެ ދެފަރާތަށް ދެފައި ލައިފައި ދަނޑިގަނޑަކުން ފަލި ޖަހާފައި މަސައްކަތް ފެށީ ވީ އެންމެ ދުރަކަށް ދެވޭތޯ އެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
4351
ގުޅުންހުރި ލިޔުންތައް

8 Responses

  1. Azeeza

    Alhe asluves heebihi nagaifi

    5
    1
  2. މާލެއަތޮޅު ވެރިރަށް

    ސާބަސް. ރީތި ވާހަކައެއް. މިއަށް ފިލުމެއް ހެދުން ރަނގަޅު.

    5
    1
  3. ?

    ހީބިހި ނަގާލައިފި ?

    8
    1
  4. Jazubaathu

    .Kobaa usmaansh veegoiy. Neyngunu

    3
    1
  5. ޙަސަނު

    ވާހަކަ ވަރަށް ރީތި.<
    އެކަމު މިހާރު ސިފަކުރުންތައް މަދު. އިމޭޖިންއެއް ނުކުރެވޭމިހާރު މަންޒަރެއް.
    މިސްކިން އިންނަ ގޮތެެއްވެސް ނޭންގޭ.

  6. މަދި

    ވާހަކަ ކޮބާ؟ ހެޑިން އެކަނި އިނީ؟؟

    • ޝާނީ

      އެބަހުރި އެންނު… ނުފެނޭތަ؟

    • މަދި

      just now came>

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ