ފާތުމަ ބިރުން ހުރެގެން ތަންކޮޅަކަށް ދިޔަތަނާ ފަހަތުން މީހަކު އަންނަކަމުގެ އިހްސާސް ކުރެވުނެވެ. ފާތުމަ ސިހިފައި ހުރި ހިސާބުން ހުއްޓިއްޖެ އެވެ. އެނބުރި ބަލާލި ވަގުތު ވިދާލި އެވެ. ކައިރީ ހުރި އުސްމާނުގެ ސޫރަ ފާހަގަވީ އެވަގުތު އެވެ.
"އުސްމާނު އަދިވެސް ރަށަށް ނުދަނީތަ؟" ފާތުމައަށް އަހައިލެވުނެވެ.
"މިހާ ގަދައިގަ ކިހިނެތް ރަށަށް ދާނީ؟" އުސްމާނު ހުރީ ހަމަޖެހިލައިފަ އެވެ.
އެހެން މީހުންގެ ފުށުން ފެންނަ ނުތަނަވަސްކަމެއް އެއަޑަކު ނުވެ އެވެ. ފާތުމަ ވަކި ޖަވާބެއް ނުދީ އަނެއްކާ ވެސް ހިނގައިގެންފި އެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ.
"ކޮންތާކަށްތަ ތިދަނީ؟ އިހަށް މަޑުކޮށްބަލަ!" އުސްމާނު ދިގު ފިޔަވަޅުތަކެއްގައި ގޮސް ފާތުމަ ކުރިބެއްދި އެވެ.
ފާތުމައަށް ޖެހުނީ ހުއްޓޭށެވެ. އަނދިރީގައި ފާތުމައަށް ފާހަގަވަނީ އުސްމާނުގެ އިސްކޮޅާއި ހަށިގަނޑެވެ. މޫނުގެ ކުލައެއް ދޭހަވާ ގޮތެއް ނެތެވެ.
"އަހަރެން މިދަނީ އައްޕައަށް ކާއެތިކޮޅެއް ގެނެސްދޭން." ފާތުމަ ބުނެލި އެވެ.
"އަދި ދެވިދާނެއެއްނު." އުސްމާނު ހީލިހެން އަޑުން ހީވި އެވެ.
ފާތުމަ ރައްދު ދޭން އުޅެނިކޮށް އުސްމާނު އެއަތުގައި ހިފަހައްޓައިފި އެވެ. ފާތުމަ ސިހުނެވެ. ތެޅިގަނެފައި އަތް ފޮޅުވާލަން އުޅުމުން އުސްމާނު ކޮށްލީ ހައްތަހާ ބާރެވެ.
"ކީއްވެތަ ގަދަހަދަން ތިއުޅެނީ؟ އަހަރެމެންގެ ކައިވެންޏަކަށް ވެސް ދެން ނެތެއްނު ގިނަ ދުވަހެއް." އުސްމާނު ކުރިއަށް ޖެހިލައިފައި ފާތުމަގެ ކަންފަތް ދޮށުގައި ބުނެލި އެވެ.
އުސްމާނުގެ ހޫނު ނޭވާ ކަނދުރާއަށް އެޅުމުން ފާތުމަ ގަތީ އަމަށަކު ބިރެއް ނޫނެވެ. ތެޅިގަނެފައި ކުއްލިއަކަށް އުސްމާނުގެ މޭގައި ޖަހާ ދުރަށް ކޮށްޕާލައިފި އެވެ. ފާތުމަގެ މިހަރަކާތުން އުސްމާނު ކުޑަކޮށް ހައިރާންވި އެވެ. ފާތުމަގެ އިސްކޮޅާއި ރޫފައަށް ބަލާފައި އެހާ ވަރު ހުރެދާނެ ކަމަކަށް އުސްމާނު ހިއެއް ނުކުރެ އެވެ.
"އެއީ އަހަރެން ކަލެއާ އިންނަން ބޭނުން ނުވާތީ. އިނގިއްޖެތަ؟ އަޑު އިވިއްޖެތަ؟" ކަށިން ހިތްވަރު ނެރެފައި ފާތުމަ އެތިވަރު ގޮވައިގަތެވެ.
އެހިތްވަރު ފެނިފައި އުސްމާނު ހިދުކޮޅަކަށް ހިމޭންވި އެވެ. ދެންމެ ދެންމެ ފުރަގަސްދީފައި ދާން އުޅުނުހެން ފާތުމަ އަށް ހީވި އެވެ. އެކަމަކު ކަންތައް ވީ އިދިކޮޅަށެވެ. ބަލަން ހުރެފައި އުސްމާނު އަނެއްކާ ވެސް ހިފެހެއްޓީ ފާތުމަގެ އަތުގައި މިފަހަރު އަދި ކުރިއަށްވުރެ ބާރަށެވެ. ފާތުމަ ގަދަ ދައްކަން އުޅުމުން އަނެއް އަތުން ވަށައިލީ އުނަގަނޑުގަ އެވެ. ދެން ކުއްލިއެއް ޖަހާ ގެނެސް ގަޔާލައި ފިއްތާލުމާއެކު ނަގައި ކޮނޑުމައްޗަށް އެއްލައިފި އެވެ. އަތުގައި އޮތް އަލަފަތް ދޫވުމުން ހުރަހަކާއި ނުލައި ވާރޭގެ ހަމަލަތައް ދެމީހުންގެ ހަށިގަނޑާއި އަމާޒުވި އެވެ.
އުސްމާނު ހިނގައިގަތީ އެއްފަރާތުން ފެންނަން ހުރި ބިޔަ ގަސްތަކާއި ދިމާއަށެވެ.
"ދޫކޮށްލާ! މަ ދޫކޮށްލާށޭ މިބުނީނު." ފާތުމަ ރޮއި ހަޅޭތްލަވަމުން އުސްމާނުގެ ބުރަކަށީގައި ތަޅަން ފެށި އެވެ.
އެކަމަކު އުސްމާނުގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރެ އެވެ. ހުއްޓިނުލާ އުސްމާނު ދިޔައީ ކުރިއަށެވެ. ގަސްތަކުތެރެއަށް ވަދެ ނިވާވުމުން ފާތުމަ ވައްޓައިލީ އެތާ އޮތް ފަންތަކެއްގެ މައްޗަށެވެ. ވިދާލި ވިދުވަރާއެކު ފާތުމައަށް އުސްމާނު ފެނުނީ ބިރުވެރި ދެޔޯއަކަށްވުރެ ވެސް ބިރުވެރި ސިފައެއްގަ އެވެ. ފާތުމަ އުޅުނީ ތެދުވެވޭތޯ އެވެ. އެކަމަކު އުސްމާނު މާ ހުޝިޔާރެވެ. ފާތުމައަށް ތިރީގައި ދެއަތް ވިއްދާލެވުނުއިރަށް މިނިކާ ޖަނަވާރެއްހެން ގައިމައްޗަށް ޖެހިގެންފި އެވެ. އެވަރުގަދަ ހަށިގަނޑުގެ ބަރުގައި ފާތުމަގެ ހަށިގަނޑު ފިތުނެވެ.
"މަންމާ....!!!!
ފާތުމަގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ. އުސްމާނުގެ އެއް އަތުން އޭނަ ލައިގެން އޮތް ކަނޑިކި ހިއްލަން މަސައްކަތް ކުރަމުން އަނެއް އަތް އެޅީ ފާތުމަގެ އަނގަމަތީގަ އެވެ. ލޮލުން ފޭދިގެންދިޔަ ކަރުނައާ އެކު ވެސް ފާތުމަ ހިތްވަރު ކުރި އެވެ. ގައިގައި ހުރިއްޔާ ހުރި ބާރެއް ދަތަށް ލައިފައި އުސްމާނުގެ އަތުގައި ދަތް އަޅައި ކަނޑާލައިފި އެވެ. ވަގުތުން އުސްމާނު ހޭރިގެންފައި އަތް ނެގި އެވެ. ދެން އެމޫނަށް ބަލައިލީ އަލިފާންފަދަ ލޮލަކުންނެވެ. ފާތުމައަށް ހަރަކާތެއް ނުކޮށްލެވެނީސް އަނގަމަތީގައި އެބާރުގަދަ އަތުން ތަފާލެއް އަޅާލައިފި އެވެ.
ފާތުމަގެ މޫނުމައްޗަށް އަނދިރިވެގެން ދިޔަ އެވެ. ކުރިއަށްވުރެ ބާރަށް ހޭރިގަނެވުނެވެ. އެވަގުތު އައި ނައިތަނެއް ނޭނގި ކޮންމެވެސް މީހަކު އުސްމާނުގެ ބުރަކަށިމައްޗަށް ޖެހިގެންފައި ކަރުގައި ދެއަތުން ބައްދައިފި އެވެ. އެމީހެއްގެ އަތްދަށުން ވީއްލިގަތުމުގެ ގޮތުން އުސްމާނު ކޮޅަށް ތެދުވި އެވެ.
"ފާތުމާ އަވަހަށް ދުއްވައިގަނޭ!" އުސްމާނުގެ ކަރުގައި އެލިގަނެގެން އޮވެ އައިސަ ގޮވާލިއަޑު އިވުނެވެ.
ފާތުމައަށް ލިބުނު ހައިރާން ކަމާއެކު ފުންމައިގެން ތެދުވެވިއްޖެ އެވެ. އުސްމާނު ހަޅޭތްލަވައިގެންފައި ދެއަތް އުފުލާލުމަށްފަހު އައިސަގެ ދެއަތް ނެއްޓުވޭތޯ އުޅުނެވެ. އެކަމަކު އައިސަ އޮތީ ދޫކުރާ ގޮތަކަށް ނޫނެވެ. ހީވަނީ އިނގިލިތައް ވެސް އުސްމާނުގެ ހަންގަނޑުތެރެއަށް ވައްދާލަން އުޅޭހެންނެވެ. ފާތުމަ ދުވެފައި ތަންކޮޅަށް ދިޔަ އެވެ. ދެން ހުއްޓިފައި އެނބުރުނީ އެކުވެރިޔާ އެކަނި ދޫކޮށްފައި ދާން ނުކެރިގެންނެވެ. އެއިރުން އެކުވެރިޔާއަށް ވެސް ޖެހޭނީ އޭނައަށް ޖެހުނު ހާލެވެ.
ދެން ހަދާނެ ގޮތެއް ވިސްނަމުން ފާތުމަ ދެކޮޅު ހޯދައިލި އެވެ. އައިސަގެ ވަކިތަކުން ސަލާމަތް ނުވެގެން އުސްމާނު ދެކޮޅު ހޯދާލުމަށްފަހު ފަހަތަށް ގޮސް ޖެހިގަތީ އެތާ ހުރި ރުކެއްގަ އެވެ. ބުރަކަށްޓަށް ވީ ކުއްލި ތަދާއެކު އައިސަގެ ދެއަތް ނެއްޓުނެވެ. އައިސަ ވެއްޓި ތިރީގައި ޖެހުމާއެކު އުސްމާނުގެ ފައިން ޖެހީ އައިސަގެ ބަނޑުގަ އެވެ. އެވަގުތު އައިސަގެ ކަރު ފަޅާފައި އަޑު ނިކުތެވެ.
އައިސަގެ ކިބައިން މިނިވަން ވިކަން ޔަޤީންވުމުން އުސްމާނުގެ ވިސްނުން ހުރީ ފާތުމަ ވީތަނެއް ބެލުމަށެވެ. އެފިކުރުގައި އެނބުރި ބަލައިލަން ހީކޮށްލުމާއެކު ފަހަތުގައި ހުރި މީހަކު ބޮލުގައި ކޮންމެވެސް އެއްޗަކުން ޖަހައިފި އެވެ. އުސްމާނުގެ ބޮލަށް ދިޔައީ އެނބުރުން އަރައިގަނެގެންނެވެ. ހުރިދިމާއަށް ގޮސް ޖެހުނު ވަގުތު ފާތުމަ ފެނުނީ ބޮޑު ލަކުނޑި ބުރިއެއް ހިފައިގެން ހުއްޓަ އެވެ.
ފާތުމައަށް އޭރުވެސް ހޭރެވެނީ އެވެ. އުސްމާނު ވެއްޓުނުތަން ބަލާފައި ލަކުނޑި ބުރި އެއްލައިލީ ވިހައެއް ފަދައިންނެވެ. ދެން ދުވެފައި ގޮސް އައިސަގެ އަތުގައި ހިފާ ކޮޅަށް ނަގައިފި އެވެ. ދެއެކުވެރިން އައިސް އުސްމާނު އޮތް ތަނާއި ކައިރިވުމާއެކު އައިސަ ފާތުމަގެ އަތް ފޮޅުވާލައިފި އެވެ. ކައިރިއަށް ޖެހިލާފައި ކުޑަކޮށް ގުދުވެލި ގޮތަށް އައިސަ އުސްމާނުގެ މޫނަށް ކުޅުގަނޑެއް ޖަހައިލި އެވެ. ފާތުމަ އޭރުވެސް ހުރީ ބިރުންނެވެ. އެހެންވެ އޮވެފައި ކުއްލިއަކަށް ވެސް އުސްމާނު އަނެއްކާ ތެދުވެދާނެ ކަމަށް ހިތް ބުނަނީ އެވެ. އައިސަ އެވަގުތު އަންނަން ވެގެން އެނބުރިލުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެކަމަކު މިފަހަރު ވެސް އަދި އައިސަ އަންނާކަށް ނޫޅުނެވެ. ދެން ހުއްޓިފައި ކޮޅުފައިން ޖެހީ އުސްމާނުގެ ބަނޑުގަ އެވެ.
ދެއަންހެންކުދީން ސިހުނީ އެހަމަލައިން ވެސް އުސްމާނުގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނު ތާނގައި އަޑެއް ވެސް ނުނިކުތީމަ އެވެ.
"އުސްމާނަށް ކިހިނެއްވީ؟ އު...ސްމާ.....ނު ނޭވާ..ލައިތަ؟" ފާތުމަގެ އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ.
އައިސަ ހުރީ ޖަވާބުދޭން ނުކެރިފަ އެވެ. ފާތުމަ ބަލަން ހުރެލައިފައި ކައިރިވާން އުޅުމުން އައިސަ ކުއްލިއަކަށް އައިސް އެއަތުގައި ހިފައިފި އެވެ. ދެން އަޅައި އިތިކޮށް އެތަނުން ނިކުންނަން ދުއްވައިގަތެވެ. ފާތުމައަށް ވެސް ޖެހުނީ އައިސައާ އެއްވަރަށް ދުވާށެވެ.
***
އެނބުރި ދިޔައިރު ދަލޭކަ ފާތުމަ ލަސްވެގެން ހޯދަނީ އެވެ. ފާތުމައަށް ވާހަކައެއް ނުދެއްކުނެވެ. އައިސަ ބުނީ މަގު އޮޅިގެން ފާތުމަ ބިރުގަތީ ކަމަށެވެ. ނަސީބަކުން ދަލޭކަ އިތުރު ސުވާލެއް ނުކުރެ އެވެ. ފާތުމަ ކުރިން އިންތަނުގައި އިށީންދެ ދެފައި ގެނެސް ޖައްސައިލީ މޭގަ އެވެ. ވަށައިގެންވާ މީހުންގެ ލޯތަކުން ސަލާމަތް ވާން ކަކޫމަތީ ބޯ އަޅައިލި އެވެ. ފިންޏާއި ބިރުވެރިކަމުން މުޅި ހަށިގަނޑު ތުރުތުރުލަ އެވެ. އައިސައަށް ބަލަން ނުހުރެވިގެން ގޯނިގަނޑެއް ހޯދާލައިފައި ފާތުމަގެ ގައިގައި އޮޅައިދިނެވެ. އެންމެ ކައިރީ ހުރި އުއްބައްތި ގެނެސް ކައިރީ ބަހައްޓަދިނީ އޭގެ ހޫނުން ނަމަވެސް ލުއެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
***
ކަތީބު ކައިރިއަށް އެއްވެފައިވާ މީހުން މަޝްވަރާ ފުދޭވަރަކަށް ގިނައިރު ދެމި އޮތެވެ. އެންމެން އެއްތަނަކަށް އެއް ކުރުމުގައި އެމީހުންނަށް ކާމިޔާބު ވެއްޖެ އެވެ. ދެން އޮތީ ބާކީ ހުރި ކަންތައް ތަކުގެ ވާހަކަ އެވެ. ވިއްސާރަ މެދުނުކެނޑި ދިގު ދެމިގެން ދާ ނަމަ ކަންތައް ވާނެ ގޮތުގެ ވާހަކަ އެވެ. ގަދަ ވަޔާއި ރުއްގަސް ތަކުގެ ހަމަލާގައި ގިނަ ގެތައް ވަނީ ހަލާކުވެފަ އެވެ. އެމީހުން ދަތުރު ފެށިއިރު ކަށިމައްޗާއި ހަމައަށް ހުރި ފެންގަނޑު އެސަރަހައްދުގައި މިހާރު އުނަގަނޑާއި ހަމައަށް ފޯރައިފި އެވެ. މަގުތައް ބަންދުވެ ހިނގޭނެ ގޮތެއް ނެތެވެ. ފެންގަނޑު އިތުރަށް ބޮޑުވެ އެމީހުން ހުރި ސަރަހައްދަށް ފޯރައިފިނަމަ ދެން ސަލާމަތްވާން ދާނެ ތަނެއް ނެތެވެ. ރުޅިއައިސްފައިވާ ރާޅުތަކާއި ފުރާނަ ހަވާލު ކުރަން ކަނޑު މައްޗަށް އަރާކަށް އެކަކުވެސް ބޭނުމެއް ނުވެ އެވެ.
މަޝްވަރާ ނިމުނުއިރު އެކިމީހުން ތިބީ ބައިބަޔަށް ބެހިލައިފަ އެވެ. އެއްބަޔަކާއި ހަވާލުވީ ކާޑުގޭގައި ސަލާމަތުން ހުރި ކާޑުގެ ބާވަތްތައް ވާރެ ހިޔާކޮށްގެން ގެނައުމެވެ. އެމީހުންގެ އަނެއް ބައިގަނޑު މަގު ސާފުކުރުމަށް ހިފާފަ އެވެ. މިސްކިތުގައި ތިބި އަންހެނުންނާއި ކުޑަކުދިންނާއި ހަވާލުވެ އެއްބަޔަކު މަޑުކުރި އެވެ. އަދިވެސް މިސްކިތް ކައިރިއަށް ނާންނަ މީހުން އުޅޭތީ އެމީހުންނަށް ވީގޮތެއް ބަލައި ހޯދައިގެން ގެންނަން އަނެއް ބަޔަކު ހަރަކާތްތެރިވާ ގޮތަށް ނިންމި އެވެ.
ފާތުމައަށް ނިދިޖެހިފައި އިންދާ ސިއްސައިގެން ގޮސް ހޭލެވުނީ އުސްމާނުއޭ ކިޔާ މީހަކު ގޮވާލި އަޑަށެވެ.
(ނުނިމޭ)
3 Responses
އައިސަ މީ ގަދަގޮލައެއް!!!
ވަރަށް ނަލަ ވެޢްޖެ
mihaaru vaahaka varah sakaraiy vejje