މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ދަރަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ދަރަވަންދޫގައި މީހަކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"މެއި 09 ވަނަ ދުވަހުގެ 21:05 ހާއިރު ހިންގި މިއޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް މިމީހާ ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި، މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއެކު ދަރަވަންދޫން މީހަކު ހައްޔަރުކުރިއިރު، ފުލުހުން ވަނީ މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ހައްޔަރުކޮށްފައެވެ.