ޖަރުމަނު ބުންޑެސްލީގާގައި ރޭ ކުޅުނު މެޗުން ބަޔާ ލެވަކޫސެން ބަލިކޮށް އެންމަފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ލީގު ތައްޓާއި ގާތަށް ޖެހިލާފައެވެ.
ބޭއެރީނާގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ލެވަކޫސެންއިންނެވެ. މެޗުގެ 9 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް އަރައިރޯއެވެ. އޭގެ 18 މިނަޓްފަހުން ބަޔާންއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ ކައުންޓަރ އެޓޭކެއްގައި ކިންގްސްލޭ ކޯމަން ކާމިޔާބުކޮށްދިން ލަނޑަކުންނެވެ.
ބަޔާންއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ މެޗުގެ 42 ވަނަ މިނަޓްގައި ލިއޮން ގޮރެޒްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާޖް ނާބްރީ ޗިޕަކުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ބަޔާންއިން ދެލަނޑުގެ ލީޑެއްގައި އޮވެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބަޔާންއިން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވެންޑޯސްކީއެވެ. މުލާގެ ހުރަހަކުން ބޮލުން ފޮނުވާލި ބާރުގަދަ ހަމަލާއިން ލެވެންޑޯސްކީ މިލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނަޓްގައެވެ. މިއީ މިސީޒަންގައި ލެވެންޑޯސްކީ ކާމިޔާބުކުރި 30 ވަނަ ލަނޑެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ލެވަކޫސެންއިން އިތުރު ލަނޑެއް ޖަހާފައިވާއިރު، މެޗުގެ ނިމިގެންދިޔައީ 2-4 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
މިމެޗުން މޮޅުވެ ތާވާލްގެ އެއްވަނާގައި އޮތް ބަޔާންއަަށް 70 ޕޮއިންޓްވަނީ ލިބިފައެވެ. ދެވަނާގައި އޮތް ޑޯޓުމުންޑަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ރޭ ހާތާއާއި ދެކޮޅަށް ކުޅުނު މެޗު ޑޯޓުމުންޑްއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެމްރެ ޗޭންއެވެ.
ލީގު ކާމިޔާބުކުރަން ބަޔާއިން އިތުރަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ. ލީގުގައި ބަޔާންއަށް އަދި ހަތަރު މެޗު ބާކީ އޮތްއިރު ކުރިއަށް އޮތް މެޗުގައި ބަޔާން ނުކުންނާނީ މޮންޗެންގްލެޑްބާޗްއާއި ދެކޮޅަށެވެ. މިމަހުގެ 13 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެމެޗު ފަށާނީ އެރޭ 09:30 ގައެވެ.



