ކޭމްޕްނޯގައި ކުޅެން މެސީ ހުރީ ކެތްމަދު ވެފައި

ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި މެޗުތައް ކުޅެން ކެތްމަދުވެފައި ހުރިކަމަށް އެކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ބާސެލޯނާއިން ހޮނިހިރު ދުވަހުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ކޭމްޕްނޯގައެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހުގެ ފަރިތަކުރުންތަކުގައި މެސީގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެސީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އެހެން ކުޅުންތެރިންނާއި ވަކިންނެވެ.

ހޮނިހިރު ދުވަހުގެ ފަރިތަކުރުންތަކަށްފަހު މެސީ ބުނީ، ކޭމްޕްނޯ ވަރަށް މިސްވާކަމަށާއި، އެދަނޑުގައި ކުޅެން ކެތްމަދުވެފައި ހުރިކަމަށެވެ.

ބާސެލޯނާ ކޭމްޕްނޯގައި އެންމެފަހުން މެޗެއް ކުޅެފައިވަނީ 7 މާރޗް 2020 ގައެވެ. ސްޕެނިޝް ލަލީގާގައި ރެއަލް ސޮސިޑޭޑްއާި ދެކޮޅަށް ކުޅުނު އެމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މެސީއެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 11 ގައެވެ. މެޗުތައް ފުލުފުލުގައި ކުޅޭގޮތަށް ރާވާފައި އޮތްއިރު ކޮންމެ ހަފްތާއަކު ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

ޖޫން 11 ގައި ފަށާ ލަލީގާގެ، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެވިއްޔާއާއި ރެއަލްބެޓިސްއެވެ. އެގޮތުން މެޗްޑޭ 28 ޖޫން 11 އިން ޖޫން 14 އަށް ދިގުދެމިގެންދާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަވޭގައި ނުކުންނާނީ ރެއަލްމަލޯކާއާއި ދެކޮޅަށެވެ. އެއީ 13 ޖޫންވާ ހޮނިހިރު ދުވަހުއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލާފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 27 މެޗު ކުޅެފައިވާއިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ